Roadha Mihaaru
ފައިސާ ގޯނީގެ ވާހަކަ އެންމެ ފަހުން ވީ "ޖިހާދަކަށް"

ފައިސާ ގޯނީގެ ވާހަކަ އެންމެ ފަހުން ވީ "ޖިހާދަކަށް"

20 ޑިސެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚިޔާނާތުގެ ފައިސާ ބަހަން "ފައިސާ ގޯނި" ހިފައިގެން އުޅުއްވި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުވަން "ޖިހާދެއް"ގެ ގޮތުގައި ކަމަށް އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚިޔާނާތުގެ ފައިސާ ބަހަން "ފައިސާ ގޯނި" ހިފައިގެން އުޅުއްވި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުވަން "ޖިހާދެއް"ގެ ގޮތުގައި ކަމަށް އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގައި ވިދާޅުވެއްޖެ އެވެ.

އޭސީސީން މިކަން ހާމަކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޚިޔާތާނުގެ ގޮތުގައި ނެގި "ފައިސާ ގޯނި" ހިފައިގެން މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ފަހު ނެރުނު ރިޕޯޓުގަ އެވެ.

ވަކި މެންބަރެއްގެ ނަން އޭސީސީގެ ރިޕޯޓަކު ނެތެވެ. ނަމަވެސް ފައިސާ ގޯނި ހިފައިގެން މަޖިލީހުގެ މެންބަރުންގެ ގާތަށް ހިނގި ކަމަށް ވިދާޅުވެފައި ވަނީ މުހައްމަދު އިސްމާއިލެވެ. އެމްއެމްޕީއާރުސީގެ ފައިސާ ކަން ދޭހަވާ ގޮތަށް، ފައިސާ ގޯންޏަކަށް އަޅައިގެން މެމްބަރުންނަށް ބެހި ކަމަށް އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އޭގެ ފަހުން ބައެއް ޓީވީތަކުގައި ވެސް އޭނާ އެ ވާހަކަ ދެއްކެވި އެވެ.

އެކަމާ ގުޅިގެން އޭސީސީން ކުރި ތަހުގީގުގައި ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް މަޖިލީހުގެ އެއްވެސް މެމްބަރަކާ ހަވާލު ކުރަން ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެ ވާހަކަތަކަކީ ސިޔާސީ ގޮތުން ދެއްކެވި ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ވަނީ ތަހުގީގުގައި ވިދާޅުވެފަ އެވެ.

އޭސީސީގެ ތަހުގީގަށް ދެއްވި ބަޔާނުގައި މުހައްމަދު އިސްމާއިލް ވިދާޅުވީ ފައިސާ ބެހި ކަމަށް މަޖިލީހުގައި ފާހަގަކުރެއްވީ ސިޔާސީ މީހަކަށް ހުންނަވައި، ގައުމުގެ ކޮރަޕްޝަންގެ ކަންތައް ފެތުރެމުންދާ ދަނޑިވަޅެއްގައި އެކަމުން މުޅި ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރެއްވި "ޖިހާދެއްގެ" ގޮތުގައި ކަމަށެވެ.

އޭސީސީން ބުނީ އެ މެމްބަރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތައް ބެލުމުން ޝައްކު ކުރެވޭ ފަދަ މުއާމަލާތެއް ނުފެނުނު ކަމަށެވެ. އޭސީސީގެ ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް މުހައްމަދު އިސްމާއިލްގެ އެކައުންޓަށް ވަދެފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި 1.4 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. މި ޚިޔާނާތާ ގުޅުން އެތައް ބަޔަކު ތިބި އިރު އަދިވެސް އެ ތަހުގީގު އެއްކޮށް ފުރިހަމަނުވެ އެވެ.