Roadha Mihaaru
ފެންބޮޑުވެގެން އެހީގެ ގޮތުގައި 1.3 މިލިއަން ރުފިޔާ

ފެންބޮޑުވެގެން އެހީގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބުނު: އެންޑީއެމްއޭ

15 ޖެނުއަރީ 2019

މިދިޔަ މަހު މާލޭގައި ފެންބޮޑުވެ ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް 1.3 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އެއިން 126 ގެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ މަހު މާލޭގައި ފެންބޮޑުވެ ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް 1.3 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އެއިން 126 ގެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ ފައިސާގެ ގޮތުންނާއި ކުންފުނިތަކާއި ބައެއް ވިޔަފާރިވެރިން އެކި ގޮތްގޮތުން އެހީތެރިކަން ދިން ކަމަށެވެ. އަދި އެސެސްމަންޓް ހެދުމަށް ފަހު، އެ އޮތޯރިޓީން އަމަލުކުރާ މިންގަނޑާ އެއްގޮތަށް އެހީ ދީ މިހާރު ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޮފީނާޒް ވިދާޅުވީ ލިބުނު ގެއްލުމުގެ 94 ޕަސެންޓް ކަވަރުކުރެވުނު ކަމަށެވެ. އެކަން ކޮށްފައިވަނީ އަމިއްލަ ފަރާތްތަކުގެ އެހީގައި ކަމަށާއި ސަރުކާރުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކުރީގައި އަމަލުކުރާ އުސޫލަކީ ލިބޭ ގެއްލުންތަކުގެ 20 ޕަސެންޓް ކަވަރުކޮށްދިނުމެވެ.

"އެކަމަކު މިފަހަރު މިކަމަށް ޕްލެޖްކޮށް މީހުން ފައިސާ ހަދިޔާކޮށްފައި ހުރީމަ އަޅުގަނޑުމެން އިތުރު 74 ޕަސެންޓެއް އޭގައި ހިމަނާފައި ހުރީ. އެއިން 100 ޕަސެންޓަށް ނުދެވުނީ ލިބުނު ފައިސާއިން، އެހާ ވަރަށް [ހުރިހާ ގެއަކަށް] ހަމަޖެހިގެން ނުދާތީ،" ސޮފީނާޒް ވިދާޅުވި އެވެ.

ލިބުނު އެހީން ބާކީވީ 12،000ރ. ކަމަށާއި އެ ފައިސާ ޑިޒާސްޓާ މެނޭޖްމަންޓް ފަންޑަށް މިހާރު ޖަމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮފީނާޒް ވިދާޅުވީ މިކަހަލަ ހާދިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތަށް އަމިއްލައަށް ވެސް މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.

"ހުރިހާ ފަރާތްތަކުން، ދައުލަތުގެ މުއައްސަސާތަކުން ވެސް ޖަމިއްޔާއަކުން ވިޔަސް އާއްމު ފަރުދަކަށް ވިއަސް ކަމެއް ވުމުގެ ކުރިން ކުރިއާލާ ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ކުރާށޭ އަޅުގަނޑުމެންގެ އިލްތިމާސަކީ. އެގޮތަށް އަޅުގަނޑުމެން ވެސް މަސައްކަތް ކުރަން ބޭނުންވަނީ،" ސޮފީނާޒް ވިދާޅުވި އެވެ.