05 ފެބުރުއަރީ 2019
ދަރިފުޅަށް އިންޓަވަލް ގެންދަން އެ ދެމަފިރިން ނުކުތްއިރު އިތުރު ކޮތަޅެއް އަތުގައި އޮތެވެ. އެ ކޮތަޅުގައި ހުރީ ޕާން ހުސްކުރި ޕެކެޓްތަކަކާއި ފެން ހުސްކުރި ފުޅިތަކާއި އެހެނިހެން ހުސް ފުޅިތަކެކެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވާ ދަރިފުޅަށް އިންޓަވަލް ދޭން އެ ދަނީ ގޭގޭގައި ބޭނުންކުރި ޕްލާސްޓިކް ރިސައިކަލް އަށް ފޮނުވާލުމުގެ އުއްމީދާ އެކު އެވެ.
ދަރިފުޅަށް އިންޓަވަލް ގެންދަން އެ ދެމަފިރިން ނުކުތްއިރު އިތުރު ކޮތަޅެއް އަތުގައި އޮތެވެ. އެ ކޮތަޅުގައި ހުރީ ޕާން ހުސްކުރި ޕެކެޓްތަކަކާއި ފެން ހުސްކުރި ފުޅިތަކާއި އެހެނިހެން ހުސް ފުޅިތަކެކެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވާ ދަރިފުޅަށް އިންޓަވަލް ދޭން އެ ދަނީ ގޭގޭގައި ބޭނުންކުރި ޕްލާސްޓިކް ރިސައިކަލް އަށް ފޮނުވާލުމުގެ އުއްމީދާ އެކު އެވެ.
މުހައްމަދު ހާރިސް، 53، އާއި އޭނާގެ އަންހެނުން ހާމިދާ އަބްދުލް ގަފޫރު، 52، މިއީ، ޕްލާސްޓިކާ ދެކޮޅު އަދި ތިމާވެށީގެ ހިމާޔަތުގައި ނަމޫނާ ދެމަފިރިންނެވެ. ތިމާވެށި ރައްކާތެރި ކުރުމަށް ފަރުދީ ޒިންމާ އޮތްކަން ގަބޫލުކުރުމާ އެކު އަމަލީ ގޮތުން އެކަން އެދަނީ ދައްކަމުންނެވެ. އުކާލާ ޕްލާސްޓިކް އެއްކޮށް، އެ އަލުން ބޭނުންކުރެވޭނެ ގޮތް ހަދަން އެހީތެރިވެދޭ އަމިއްލަ ޖަމާއަތެއް ކަމަށްވާ ޕާލޭއިން ޣިޔާސުއްދީންގެ ގޯތިތެރޭގައި ބަހައްޓާފައި ހުންނަ ހާއްސަ ގޯންޏަށް އެންމެ ގިނައިން ޕްލާސްޓިކް ކުނި އުކާލާ ބަޔަކަށް އެ ދެމަފިރިން ވާނެ އެވެ.
"އަޅުގަނޑުމެން ބޭނުންކުރި ޕްލާސްޓިކް އުކާލުމުން އަދި ޒިންމާ އަދާވީއެއް ނޫން. ގޮނޑަށް އުކާލުމަކުން ނުނިމޭ. އެތަކެތި ނައްތާލެވުނީ ރަނގަޅަށްތޯ ޔަގީންކޮށް އެ ހިތްހަމަޖެހުން އޮންނަން ޖެހޭ،" ހާރިސް، އޭނާގެ ފަރުދީ ޒިންމާ އަދާކުރާ ސަބަބު، ކިޔައިދިނެވެ.
ގެއިން އުކާލާ ޕްލާސްޓިކްތައް ޕާލޭއާ ހަވާލުކުރަން ކޮތަޅަށް ވައްޓާލަނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ހާރިސް އާއި ހާމިދާގެ އާއިލާއިން އެކި ބޭނުންތަކުގައި ގެންގުޅޭ ތަކެތީގެ ތެރެއިން އުކާލާ ހުރިހާ ޕްލާސްޓިކެއް ދެނީ، ކަނޑުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ "ޕާލޭ" އަށެވެ. އެއީ އުކާލާ ޕްލާސްޓިކުން ތަފާތު ތަކެތި ތައްޔާރުކޮށް އަލުން ބާޒާރަށް ނެރޭ ޖަމިއްޔާއެކެވެ. ގިޔާސުއްދީނާއި މާލޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ޕާލޭ މޯލްޑިވްސް އިން ވަނީ ޕްލާސްޓިކް އެއްކުރަން ހާއްސަ ކޮތަޅުތަކެއް ބަހައްޓައިފަ އެވެ.
"އަޅުގަނޑުމެންނަށް ހިތްހަމަޖެހުން އެބަ ލިބޭ އަޅުގަނޑުމެން އުކާލި ޕްލާސްޓިކް ރަނގަޅަށް ބޭނުން ކުރެވުނުކަން އެނގުމުން. ސްޕާރީ އުރައެއް އެއްލައިލާފައި މިއީ އާދައިގެ ކަމެކޭ ހީކުރާކަށް ނުވާނެ،" ރާއްޖެއިން އުކާލި ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ އެޑިޑާސް ބޫޓާއި ބަޔާން މިއުނިކްގެ ޖޯޒީ ދައްކާލަން ޣިޔާސުއްދީންގައި ބަހައްޓާފައި ހުރި ބޯޑު ކައިރި ހުއްޓިލަމުން ހާރިސް ބުންޏެވެ.
ރާއްޖެއިން ގެންދިޔަ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑަސް ކުންފުނިން ހަދާފައިވާ ޖޯޒީ އާއި ބޫޓު ކައިރި ހާރިސް ހުއްޓިލައިގެން -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޕާލޭގެ ފުރަތަމަ ޕާޓްނާޝިޕް ސްކޫލު، ޣިޔާސުއްދީނުން މިދިޔަ އަހަރު އެކަނިވެ ސް ފަސް ޓަނު ޕްލާސްޓިކް އެއްކުރި އެވެ. އެ ހުރިހާ އެއްޗެއް ވަނީ ރިސައިކަލް ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ހާރިސާއި ހާމިދާ ގެންދިޔަ 22 ކިލޯއަށް ވުރެ ގިނަ ޕްލާސްޓިކް ހިމެނެ އެވެ.
"އަޅުގަނޑުމެން މިގޭގައި ބޭނުން ކުރާ ހުރިހާ ޕްލާސްޓިކެއް ވެސް ހަމަ އެއްކޮށްފައި ގެންދަނީ ޕާލޭއަށް. ގޮނޑަށް އުކައެއް ނުލަން،" ފިރިމީހާ އާއި ތިން ދަރިންނާ އެކު ދިރިއުޅޭ އެޕާޓްމަންޓުގައި އެއްކޮށްފައި ހުރި ޕްލާސްޓިކްތައް ދައްކާލަމުން ހާމިދާ ބުންޏެވެ.
ކައިވެންޏަށް 33 އަހަރު ވެފައިވާ ދެމަފިރިންނަކީ އެންމެ ކުރިންސުރެ ވެސް ދަތުރުދިއުމާއި ފީނުމަށް ލޯބިކުރާ ބައެކެވެ. ހިތް އުފާކޮށްލަން ގޮސް އުޅޭ އެ ދަތުރުތަކުގައި އެމީހުންނަށް ދިމާވާ އެންމެ ހިތްދަތި ކަމަކީ މޫދާއި ގޮނޑުދޮށްތަކަށް އަޅާފައި ހުންނަ ކުނިތަކެވެ. އެއީ ދެމަފިރިން ތިމާވެއްޓަށް ލޯބި ޖައްސާ، ހިމާޔަތުގައި ނުކުން އެއް ސަބަބެވެ.
"ވަރަށް އުނދަގޫވޭ އެހެން ޕްލާސްޓިކާއި ކުނި އުކާފައި ހުންނަތަން ފެނުނީމަ. ދަތުރު ގޮސް އުޅޭއިރު ވަރަށް ހޮވައި ސާފުކޮށް ހަދަން،" ހާމިދާ ބުންޏެވެ.
ޕްލާސްޓިކް ނައްތާލަން ކުރާ މަސައްކަތް ހާމިދާ ކިޔައިދެނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެ ވިސްނުމުގައި ތިބި ދެމަފިރިން ތިމާވެށީގެ ކަންކަމަށް އިތުރަށް ލޯހުޅުވިގެން ދިޔައީ 2005 ގައި މެލޭޝިއާގައި ދިރިއުޅެމުން ދިޔައިރު އެވެ. ޕްލާސްޓިކް ތަކެތި އަލުން ބޭނުން ކުރުމަށް ހިތްވަރު ދީފައި ހުންނަ މެސެޖްތައް ފެނުމާއި ކުނި ނައްތާލުމުގައި އެ ގައުމުން ގެންގުޅޭ އުސޫލުތައް ފެނިގެންނެވެ. އެކަމުން ލިބުނު ހިތްވަރުން ފުރަތަމަ ފެށީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރުމުގެ މަސައްކަތެވެ.
"އިކެއާ އިން [ބާޒާރު ކުރަން ހާއްސަ، ގިނަ ދުވަހު ބޭނުން ކުރެވޭ] ކޮތަޅެއް ގަތީ. ދެން ބާޒާރަށް ދާއިރު މުޅިންހެން އެކޮތަޅު ގެންދަން ފެށީ. އޭރުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރެވޭ ވަރު ވަރަށް ބޮޑުތަން މަދު ކުރެވުނު،" ޕްލާސްޓިކާ ދެކޮޅަށް ދިރިއުޅުން ބައްޓަން ކުރި ގޮތް ކިޔައިދެމުން ހާރިސް ބުންޏެވެ.
ގާތްގަނޑަކަށް ތިން އަހަރު އެ ގައުމުގައި ދިރިއުޅުމަށް ފަހު ރާއްޖެ ބަދަލުވުމުން ވެސް ދެމަފިރިންގެ އެ އާދަ ދެމެހެއްޓި އެވެ. އޭރުންސުރެ މިހާރު ވެސް ބާޒާރު ކުރަން ބޭނުންކުރަނީ ހާއްސަ ކޮތަޅެކެވެ. ވަރަށް މަދުން ނޫނީ އާދައިގެ ޕްލާސްޓިކް ކޮތަޅު ބޭނުމެއް ނުކުރެ އެވެ. ބޭނުންކުރި ނަމަވެސް އެ ނައްތާލަނީ ޕާލޭ މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި ގޮތަށެވެ.
ބާޒާރު ކުރުމަށް ބޭނުންކުރާ ކޮތަޅު، ހާރިސް ދައްކާލަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
"މިގޭގައި ހުންނާނެ އެކި ސައިޒްގެ ކޮތަޅު [ޝޮޕިން ބޭގް]. ކޮންމެ ކުއްޖަކު ވެސް އެއްޗެއް ގަންނަންވިއްޔާ ދާނީ އެއިން ކޮތަޅެއް ހިފައިގެން. ސައިކަލް މަޑި ދަށުގައި ވެސް އަބަދުވެސް އޮންނާނެ ކޮތަޅެއް. އޭރުން ބާޒާރަށް ދާއިރު ފަސޭހަވާނެ،" ހާރިސް ބުންޏެވެ.
ބައެއް މީހުންނަށް އެކަން ފުރަތަމަ ވީ ޖޯކަކަށެވެ. ދެމަފިރިން ވަކި ކޮތަޅު ހިފައިގެން ދިއުމުން އެތައް ސުވާލެއް ކުރެ އެވެ. ނަމަވެސް މިއަދު ވަރަށް ގިނަ ދިވެހިން ވަނީ އޭގެ މުހިންމުކަން އެނގި ހޭލުންތެރިވެފަ އެވެ. އަދި ހާރިސްމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އެހެން މީހުން ވެސް އެގޮތަށް އުޅެން ފެށުމެވެ.
"އަޅުގަނޑު ދައްތަ އާއި ކޮއްކޮމެން ވެސް މިހާރު ބާޒާރަށް ދާން ހާއްސަ ކޮތަޅެއް ގެންދޭ. ވަރަށް އެންކަރޭޖް ކުރަން އެހެން މީހުންނަށް ވެސް މިކަން ކުރުމަށް،" ހާމިދާ ބުންޏެވެ.
"އޭރު ފިހާރައަށް ދިޔައިމަ ސޭލްސްމަނުން އަހާ ތި ކޮތަޅަށް އެޅޭނެހޭ އެ އެއްޗެހި. މިހާރު ކޮތަޅު ނުލާ ދެވިއްޖެއްޔާ އެ ކުދިން އަހާ ކޮބާހޭ ކޮތަޅު. ނުގެންނަންހޭ ކޮތަޅު."
ސައިންސްވެރިން ލަފާކުރާ ގޮތުގައި، ޕްލާސްޓިކް އުކާލާ ނިސްބަތަށް ބަލާއިރު 2050 އަންނަ އިރު، ކަނޑުގެ ދިރުންތަކަށް ވުރެ ކަނޑުގައި ގިނަވާނީ ޕްލާސްޓިކެވެ. އެހެންކަމުން މިއީ ހަމައެކަނި ސަރުކާރަކަށް ހައްލު ކުރެވޭނެ މައްސަލައެއް ނޫނެވެ.
ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ދެކޭ ނަމަ އެ ވިސްނުން ބަދަލުކުރަން ޖެހެ އެވެ. އެމީހެއްގެ ވަރުން އެ މީހަކު މަސައްކަތް ނުކޮށް މި ކަމަށް ހައްލެއް ނާންނާނެ އެވެ.
"ފަރުދީ ފެންވަރުގައި އެބަ ޖެހޭ މިކަން ކުރަން. މި އިންނަނީ ސައިކަލްއެއް ދެއްތޯ. އެ ސައިކަލް ފުލްވާނީ ފަރުދީ ޒިންމާ އަދާކޮށްގެން. އެމީހަކަށް ވީވަރަކުން ކުރަންވީ،" ހާރިސް ބުންޏެވެ.
"ސްޕާރީ ކައިފައި ޕެކެޓް އެއްލައިލާފައި ހީކޮށްގެން ނުވާނެ މިއީ ކުޑަ ކަމެކޭ. އެ ހުރިހާ ސްޕާރީއެއް އެއްވީމަ މިއީ ބޮޑު ކަމެއް."
ހާރިސްގެ ދެމަފިރިން ނަމޫނާއަކަށް ނަގާށެވެ. އޭރުން ހަމަގައިމު ވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ކުނި ނައްތާލުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެ އެވެ. ރަނގަޅު ގޮތުގައި ޕްލާސްޓިކް ނައްތާލަން ނުވަތަ ޕްލާސްޓިކަށް ނޫނެކޭ ބުނަން އެނގޭނެ އެވެ.
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
ޕްލާސްޓިކާ ދެކޮޅަށް ޗައިނާ ހަނގުރާމަ އަށް ނުކުންނަނީ
ޖަރުމަނުގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކުރަނީ
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ޕްލާސްޓިކާ ދެކޮޅު ނަމޫނާ ދަރިވަރުން
ޕްލާސްޓިކް ބޭނުން ކުރުން ރައީސް އޮފީހުން ހުއްޓާލައިފި
ގެއްލުން ބޮޑަސް ޑިއުޓީ ހިލޭ: މި ކޮތަޅުގެ ހަގީގަތް