Roadha Mihaaru
ޕްލާސްޓިކާ ދެކޮޅަށް ޗައިނާ ހަނގުރާމަ އަށް ނުކުންނަނީ

ޕްލާސްޓިކާ ދެކޮޅަށް ޗައިނާ ހަނގުރާމަ އަށް ނުކުންނަނީ

21 ޖެނުއަރީ 2020

ޕްލާސްޓިކް ކުނީގެ މައްސަލަ ބޮޑު އަދި އާބާދީ އެންމެ ބޮޑު ޗައިނާ އިން ޕްލާސްޓިކާ ދެކޮޅަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އާދީއްތަ ދުވަހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްލާސްޓިކް ކުނީގެ މައްސަލަ ބޮޑު އަދި އާބާދީ އެންމެ ބޮޑު ޗައިނާ އިން ޕްލާސްޓިކާ ދެކޮޅަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އާދީއްތަ ދުވަހު އިއުލާންކޮށްފި އެވެ.

އެ ގައުމުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މި އަހަރުގެ ފަހުކޮޅުން ފެށިގެން ބޮޑެތި ހުރިހާ ސިޓީތަކެއްގައި ވެސް އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމާއި 2022 ގައި އެ ބާވަތުގެ ޕްލާސްޓިކް ހުރިހާ ސިޓީތަކާއި އަވަށްތަކުގައި ބޭނުންކުރުން މަނާކުރުން ހިމެނެ އެވެ.

މި ބަދަލާ އެކު ރެސްޓޯރަންޓް ފަދަ ތަންތަނުގައި ޖޫސް ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި ވެސް މަނާކުރަން ވަނީ ނިންމައިފަ އެވެ.

ނެޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނުން ބުނީ 2022 އިން ފެށިގެން ޗައިނާގައި އެއްފަހަރު ބޭނުންކޮށްފައި އުކުލައިލާ ޕްލާސްްޓިކް މަނާކުރަން ނިންމި ނަމަވެސް ބާޒާރުތަކުގައި ތާޒާކޮށް ވިއްކާ ބާވަތްތައް ވިއްކާއިރު އެ ތަކެތި އަޅަން ޕްލާސްޓިކް ކޮތަޅު 2025 އާ ހަމަ އަށް ބޭނުންކުރެވޭނެ ކަމަށެވެ.

އެ ގައުމުގެ އެންމެ ބޮޑު ކުނިގޮނޑު މިހާރު ވެސް ފުރި، ކުނި މެނޭޖްކުރުމުގައި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައި.

ކުނީގެ މައްސަލަ ބޮޑު ޗައިނާގެ އެންމެ ބޮޑު ކުނިގޮނޑު މިހާރު ވެސް ފުރި، ކުނި މެނޭޖްކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ އެންމެ ބޮޑު ކުނިގޮނޑު 100 ފުޓްބޯޅަ ދަނޑަށް ވުރެ ބޮޑު އިރު، އެތަން އަމާޒުކުރީ ކުރިއަށް އޮތް 25 އަހަރަށް ވެސް މެނޭޖްކުރެވޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް ކުނީގެ އިންތިހާ އަށް ބޮޑުވެ، ގޮނޑު ވަނީ ފުރިފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2017 ގައި އެކަނި ވެސް ޗައިނާގައި 215 މިލިއަން ޓަނުގެ ކުނި އުފެދިފައިވެ އެވެ. އަދި ކުނި ރިސައިކަލްކުރެވޭނެ ހަރުދަނާ ނިޒާމުތަކެއް ވެސް އެ ގައުމުގައި ހަމަޖެހިފައެއް ނެތެވެ.

ޕްލާސްޓިކާ ދެކޮޅަށް ގައުމުތަކުން މިހާރު ފިޔަވަޅުތައް އަޅަމުން އަންނަ އިރު، ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދީ ބާރުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އަކީ 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ.