Roadha Mihaaru
"ޒުވާނުން ދަނޑަށް ދާނީ ސަންޗޯގެ ކުޅުން ބަލަން"

ގިނަ ޒުވާނުން ދަނޑަށް ދާނީ ސަންޗޯގެ ކުޅުން ބަލަން: ޕޮޗެޓީނޯ

13 ފެބުރުއަރީ 2019

ލަންޑަން (ފެބްރުއަރީ 13) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ލަންޑަނުގައި ކުޅޭ މެޗު ބަލަން އިނގިރޭސި ގިނަ ޒުވާނުން ޓިކެޓް ގަންނާނެ އެއް ސަބަބަކީ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޖޭޑަން ސަންޗޯގެ ކުޅުން ބެލުން ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 13) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ލަންޑަނުގައި ކުޅޭ މެޗު ބަލަން އިނގިރޭސި ގިނަ ޒުވާނުން ޓިކެޓް ގަންނާނެ އެއް ސަބަބަކީ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޖޭޑަން ސަންޗޯގެ ކުޅުން ބެލުން ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އިންޑިއާގައި 2017 ވަނަ އަހަރު އޮތް 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑް ޓީމުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ އޭރު މެންޗެސްޓާ ސިޓީ ޔޫތު ޓީމަށް ކުޅެމުން އައި ޓްރިންޑާޑް އެންޑް ޓޮބޭގޯ އަށް އުފަން ޖޭޑަން ސަންޗޯ އެވެ. ސިޓީގެ ބޮޑެތި ހުށަހެޅުންތަކަށް ނޫނެކޭ ބުނެ ސަންޗޯ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވީ ފުޓްބޯޅައިން ބޭނުންވާ އުސްމިނަށް އަވަސް ދުވެއްޔެއްގައި ދިއުމަށެވެ.

ޑޯޓްމަންޑުގައި ސަންޗޯ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އިނގިރޭސި ސީނިއާ ޓީމުން ވެސް އޭނާ އަށް ވަނީ ފުރުސަތު ދީފަ އެވެ. ސަންޗޯ ވަނީ މި ފަހަރުގެ ޖަރުމަނު ލީގުގައި ހަތް ލަނޑު ޖެހުމުގެ އިތުރުން 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުމުރުން 18 އަހަރުގެ ސަންޗޯއާ ބެހޭގޮތުން ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ވަނީ ވާހަކަ ދައްކައިފަ އެެވެ.

"ސަންޗޯގެ މޮޅު ކުޅުން ފެނިފައި އަހަންނެއް ހައިރާންނުވޭ. އެއީ ކުރިން ވެސް އަހަރެން ވަރަށް ރަނގަޅަށް އޭނަ ދަންނަން. ޔަގީނުން ވެސް އޭނާ މިހާރު ގިނަ އިނގިރޭސި ޒުވާން ކުޅުންތެރިންގެ ސަމާލުކަން ހޯދައިފި. ވެމްބްލީ ސްޓޭޑިއަމްގައި ސަންޗޯ އިނގިރޭސި ޓީމަކާ ދެކޮޅަށް ކުޅޭ މެޗު ބަލަން ގިނަ ޒުވާނުން މި މެޗުގެ ޓިކެޓް ގަންނާނެ،" ޕޮޗެޓީނޯ ބުންޏެވެ.

ގައުމުން ބޭރު ލީގަކަށް ގޮސް ސަންޗޯ ހޯދަމުން އަންނަ ކުރިއެރުން ފެނި އިނގިރޭސި ގިނަ ޒުވާން ކުޅުންތެރިން އަންނަނީ އެހެން ގައުމުތަކުގެ ލީގުތަކަށް ބަދަލުވަމުންނެވެ. ޕޮޗެޓީނޯ ބުނީ ސަންޗޯ ދައްކައިދިން އެ މިސާލުން އިނގިރޭސި ގިނަ ކުޅުންތެރިންތަކަކަށް މުސްތަގުބަލުގައި އެހެން ލީގުތަކުން ފުރުސަތު ދޭނެ ކަމަށެވެ.

މިރޭގެ މެޗު ބެލުމަށް އިންގްލެންޑްގެ ގައުމީ ޓީމުގެ ހެޑް ކޯޗު ގަރެތު ސައުތުގޭޓް ވެސް ދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ އަންނަ މަހު އޮތް މެޗުތަކަށް ނަގާ ސްކޮޑަށް ކުޅުންތެރިން ބެލުމުގެ ގޮތުންނެވެ. މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ އިނގިރޭސި ދެ ކުޅުންތެރިން ކަމަށްވާ ހެރީ ކޭން އާއި ޑެލެ އަލީ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ.

ޓޮޓެންހަމާއި ޑޯޓްމަންޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.