Roadha Mihaaru
ހަތް އަހަރު ފަހުން ޓޮޓެންހަމް ކުއާޓާ އަށް

ހަތް އަހަރު ފަހުން ޓޮޓެންހަމް ކުއާޓާ އަށް

06 މާޗް 2019

ޑޯޓްމަންޑް، ޖަރުމަން (މާޗް 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 1-0 އިން ހޯދި މޮޅާ އެކު ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޑޯޓްމަންޑް، ޖަރުމަން (މާޗް 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 1-0 އިން ހޯދި މޮޅާ އެކު ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ޓޮޓެންހަމް އެންމެ ފަހުން މުބާރާތުގެ ކުއާޓާގައި ކުޅުނީ 2011 ވަަނަ އަހަރު އެވެ. އެ ފަހަރު ކުއާޓާ ފައިނަލުގައި ޓޮޓެންހަމް ކެޓީ ރެއާލް އަތުންނެވެ. މި ފަހަރުގެ ކުއާޓާ އިން ޓޮޓެންހަމް ފުރުސަތު ހޯދީ ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ޑޯޓްމަންޑްގެ މައްޗަށް ދެ ލެގަށް ބަލާއިރު 4-0 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.

ފުރަތަމަ ލެގުގައި ޓޮޓެންހަމް ރަނގަޅު ލީޑެއްގައި އޮތުމުން ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ އެޓޭކްތަކެއް ކުރި އެވެ. މާކޯ ރެއުސް، ޖޫލިއަން ވޭގަލް، ޖޭޑަން ސަންޗޯ އަދި މާރިއޯ ގޮޓްޒާ އަށް ލިބުނު ފުރުސަތުތަކުން އެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ހުއްޓުވީ ޓޮޓެންހަމްގެ ގޯލްކީޕަރު އަދި ކެޕްޓަން ފްރާންސްގެ ހޫގޯ ލޮރީސް އެވެ.

ޑޯޓްމަންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ދެ ވަނަ ހާފްގެ ކުރީކޮޅުގައި އެ ޓީމަށް ލީޑުނަގައިދިނުމެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކޭން ކާމިޔާބުކުރީ ޑޯޓްމަންޑުގެ އޮފްސައިޑް މަޅިން ސަލާމަތްވުމަށް ފަހު އެވެ. މިއީ ކޭން ޔޫރަޕްގައި ކާމިޔާބުކުރި 24 ވަނަ ގޯލެވެ. މި ލަނޑާ އެކު އޭނާ ވެފައިވަނީ ޓޮޓެންހަމްގެ ތާރީހުގައި އެ ޓީމަށް ޔޫރަޕްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ.

ކޭންގެ އިތުރުން ރޭގެ މެޗު ލޮރިސް އަށް ވެސް ހާއްސަ އެވެ. މިއީ އޭނާ ޓޮޓެންހަމަށް ބަދަލުވި ފަހުން ލަނޑެއް ނުވައްދައި ފުރިހަމަ ކުރި 100 ވަނަ މެޗެވެ. ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ރޭގެ މެޗަށް ފަހު ކޭން އާއި ލޮރިސް ހޯދި ކާމިޔާބަށް މަރުހަބާ ކިޔައިފަ އެވެ.

"އަހަރެން ބޭނުން ލޮރިސް އާއި ކޭން އަށް މަރުހަބާ ކިޔަން. ކޭން އަކީ އަހަރެންގެ ނަޒަރުގައި ދުނިޔޭގެ އެންމެ މޮޅު ފޯވާޑް. ދެން ލޮރިސް އަކީ ވެސް މޮޅު ކީޕަރުންގެ ތެރެއިން އެކަކު. ވޯލްޑް ކަޕްގައި ވެސް ލޮރިސްގެ ތަފާތު ފެނިގެންދިޔަ،" ޕޮޗެޓީނޯ ބުންޏެވެ.

ޑޯޓްމަންޑުގެ ކޯޗު ލޫޗިއަން ފާވްރޭ ބުނީ ދެ ލެގަށް ބަލާއިރު ވެސް ކުއާޓާ ފައިނަލުގެ ޖާގައެއް ހައްގުވަނީ ޑޯޓްމަންޑަށް ވުރެ ބޮޑަށް ޓޮޓެންހަމަށް ކަމަށާއި އެ ޓީމަށް މަރުހަބާ ކިޔާ ކަަމަށެވެ.