Roadha Mihaaru
މާފަންނު މެދު ދާއިރާގެ މީހުން ނަމޫނާ ދައްކައިފި

މާފަންނު މެދު ދާއިރާގެ މީހުން ސާފުކުރުމުގައި ނަމޫނާ ދައްކައިފި

16 ފެބުރުއަރީ 2019

މާފަންނު މެދު ދާއިރާގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ނުކުމެ އެ ދާއިރާގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ކުނިތައް ނަގައި އެހެން މީހުންނަށް މިއަދު ނަމޫނާ ދައްކައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާފަންނު މެދު ދާއިރާގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ނުކުމެ އެ ދާއިރާގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ކުނިތައް ނަގައި އެހެން މީހުންނަށް މިއަދު ނަމޫނާ ދައްކައިފި އެވެ.

"ސާފު ރީތި މާފަންނު މެދު" މި ޝިއާރުގެ ދަށުން، އެ ދާއިރާގައި ދިރިއުޅޭ ކުދިބޮޑު ގިނަ ބަޔަކު ވަނީ ކުނިވާ ޒާތުގެ ކުންޏާއި ލަކުޑި އާއި ދޮރު ފަދަ ތަކެތި ނަގައި ސާފުކޮށްފަ އެވެ. މިއީ، ފަހުގެ ތާރީޚެއް ގައި މާލޭގެ ވަކި އަވަށެއްގައި ދިރިއުޅޭ ބަޔަކު ނުކުމެ ދާއިރާ ސާފު ކުރި ފުރަތަމަ ފަހަރެވެ.

މާފަންނު މެދު ދާޢިރާގައި ދިރިއުޅޭ ރައްޔިތުން ނުކުމެ، އެ ދާއިރާ މިއަދު ސާފު ކުރަނީ. ---

މާފަންނު މެދު ދާޢިރާގައި ދިރިއުޅޭ ރައްޔިތުން ނުކުމެ، އެ ދާއިރާ މިއަދު ސާފު ކުރަނީ. ---

މި ހަރަކާތް ރޭވުމުގައި އިސްކޮށް އުޅުއްވި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޒްރާ މޫސާ "މިހާރު" އަށް ވިދާޅުވީ މާފަންނު މެދު ދާއިރާ ސާފު ކުރުމަށް ބޭއްވި ހަރަކާތުގައި އެ ދާއިރާގެ ގިނަ ބައެއްގެ އެއްބާރުލުން ލިބުނު ކަމަށެވެ. އެގޮތުން ހަރަކާތުގައި 100 އެއްހާ މީހުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހިތަށް އެރީ ބަޔަކު އައިސް، މި ތަން ސާފު ކުރީމާ މަގްސަދު ހާސިލް ނުވާނެއޭ. އޭގެ ބަދަލުގައި ދާއިރާގެ ރައްޔިތުންނޭ ނުކުމެ މި ތަން ސާފު ކުރާނީ،" އަޒްރާ ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ (ކ-2) އާއި އެ ދާއިރާގެ ރައްޔިތުން ފޮޓޯއަކަށް ހުއްޓިގެން.

މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ (ކ-2) އާއި އެ ދާއިރާގެ ރައްޔިތުން ފޮޓޯއަކަށް ހުއްޓިގެން.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ މަހަކު އެއް ފަހަރަކު މާފަންނު މެދު ދާއިރާ ސާފު ކުރުމަށް ހިންގާ ހަރަކާތުގެ ބޭނުމަކީ އެ ދާއިރާގައި ދިރިއުޅޭ މީހުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމެވެ.

މާފަންނު މެދު ދާއިރާ އަކީ އަބަދުވެސް ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމުގެ އަމާޒުގައި ފެށި މި ހަރަކާތުގެ ދަށުން ގިނައިން ނެގީ ލަކުޑި ފަދަ ތަކެތި ކަމަށް އަޒްރާ ވިދާޅުވި އެވެ. އޭގެ އިތުރުން، ގިނަ އަދަދެއްގެ ދަޅާއި ފުޅި ފަދަ ތަކެތި ފެނުނު ކަމަށް ވިދާޅުވި އެވެ.

މާފަންނު މެދު ދާޢިރާގައި ދިރިއުޅޭ ރައްޔިތުން ނުކުމެ، އެ ދާއިރާ މިއަދު ސާފު ކުރަނީ. ---

މާފަންނު މެދު ދާޢިރާގައި ދިރިއުޅޭ ރައްޔިތުން ނުކުމެ، އެ ދާއިރާ މިއަދު ސާފު ކުރަނީ. ---

"ދެ ތިން ސަރަހައްދަކުން ކުނިވާ ޒާތުގެ އެއްޗެހި ނެގީ. ވެމްކޯގެ އެހީތެރިކަމާ އެކު ބޭއްވި ހަރަކާތުގައި އެ ކުންފުނީގެ ތިން ބޮޑު ލޮރީ ފުރައި ކުނި ނެގިން،" މާފަންނު މެދު ދާއިރާގެ ކައުންސިލަރު ވިދާޅުވި އެވެ.

އަޒްރާ ވިދާޅުވީ، ކުރިމަގުގައި މާފަންނު މެދު ދާއިރާ ފެހި ކުރުމުގެ މަގްސަދުގައި ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް މަސައްކަތްކުރާ ކަމަށެވެ. މިއަދުގެ ހަރަކާތުގައި ބައިވެރިވި މީހުން ވަނީ ބައެއް ސަރަހައްދުތަކުގައި ކުނި ނޭޅުމަށް އެދި ބޯޑުތަކެއް ވެސް ހަރުކޮށްފަ އެވެ.

މާލޭގެ އަވަށެއްގައި ދިރިއުޅޭ ބަޔަކު ނުކުމެ، އެ އަވަށުގެ ބައެއް ސާފު ކުރުމާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް މަސައްކަތުގައި އުޅުނު މީހުންނަށް ވަނީ ލިބިފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި، މާފަންނު މެދު ދާއިރާގެ މީހުން ދެއްކި ނަމޫނާ އެހެން ދާއިރާތަކުގައި އުޅޭ މީހުން ވެސް ނުކުމެ ދައްކަން ޖެހެ އެވެ.