Roadha Mihaaru
ނަޝީދާއި އިތުރު ބަޔަކަށް ފައިސާ ދައްކަން އަންގައިފި

ނަޝީދާއި އެމްޑީޕީގެ ސަރުކާރުގެ ވެރިންތަކެއް ހަތް ދުވަސް ތެރޭގައި ދައުލަތަށް ފައިސާ ދައްކަން އަންގައިފި

25 އޯގަސްޓް 2016

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ހަތަރު ބޭފުޅަކާއި އެހެން ދެ ބޭފުޅަކު ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ދައުލަތަށް ފައިސާ ދައްކަން ސަރުކާރުން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ހަތަރު ބޭފުޅަކާއި އެހެން ދެ ބޭފުޅަކު ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ދައުލަތަށް ފައިސާ ދައްކަން ސަރުކާރުން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައިވާ ގޮތުން ވަކި މުއްދަތެއްގައި ފައިސާ ދައްކައި ނިންމަން އަންގާފައިވަނީ މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި ޑރ. އަހުމަދު ޝަހީދާއި އޭނާގެ ފަހުން ފޮރިން މިނިސްޓަރު ކަން ކުރެއްވި އަހުމަދު ނަސީމާއި އެމްޑީޕީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު މާލޭގެ މޭޔަރު މުހައްމަދު ޝިހާބާއި އެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށެވެ.

ކުރީގެ ފޮރިން މިނިސްޓަރު ނަސީމް: އޭނާ އަކީ ވެސް ދައުލަތަށް ފައިސާ ދައްކަންޖެހޭ ބޭފުޅެއް ކަމަށް ސަރުކާރުން ބުނޭ.

ކުރީގެ ފޮރިން މިނިސްޓަރު ނަސީމް: އޭނާ އަކީ ވެސް ދައުލަތަށް ފައިސާ ދައްކަންޖެހޭ ބޭފުޅެއް ކަމަށް ސަރުކާރުން ބުނޭ.

މީގެ އިތުރުން އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ އެކިއެކި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ހުސައިން ރަޝީދު އަހުމަދާއި ނަޝީދުގެ ސަރުކާރުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު އަސްވާނަށް ދޫކުރި ފައިސާ ވެސް ހަތް ދުވަސް ތެރޭގައި އަނބުރާ ދައްކަން އަންގާފައިވާނެ ކަމަށް ފިނޭންސްގެ އިއުލާންގައި ވެ އެވެ.

މި ހަތް ބޭފުޅުން ދައުލަތަށް އަނބުރާ ފައިސާ ދައްކަންޖެހެނީ ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް، އެ ބޭފުޅުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގީ ރިޕޯޓުތަކުގައި ފާހަގަކޮށް، އެ ފައިސާ ހޯދުމަށް ލަފާއަރުވާފައިވާތީ ކަމަށެވެ.

ޑރ. އަހްމަދު ޝަހީދު: އޭނާ ވެސް ދައުލަތަށް އަނބުރާ ފައިސާ ދައްކަންޖެހޭ ކަމަށް ފިނޭންސުން ބުނި.

ޑރ. އަހްމަދު ޝަހީދު: އޭނާ ވެސް ދައުލަތަށް އަނބުރާ ފައިސާ ދައްކަންޖެހޭ ކަމަށް ފިނޭންސުން ބުނި.

ފިނޭންސުން ބުނީ ހަތް ދުވަސް ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެ ހަތް ބޭފުޅުންނާ ދެކޮޅަށް ދައުވާކުރަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ އެވެ. އެކަމަކު އެ ބޭފުޅުން ދައްކަވަންޖެހޭ ފައިސާގެ އަދަދު އިއުލާންގައި ބުނެފައެއް ނުވެ އެވެ.

މި ހަތް ބޭފުޅުންގެ އިތުރުން ވެސް ދައުލަތުން ފައިސާ ދޫކުރި އެހެން މީހުންގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިއުލާނުގައި ވެ އެވެ.

"އަދި މި ފަރާތްތަކުގެ އިތުރުން، އޮޑިޓް ރިޕޯޓްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގް ރިޕޯޓްތަކުގައި ދައުލަތަށް ފައިސާ ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ކުރިއަށް ގެންދާ ވާހަކަ ވެސް ދެންނެވީމެވެ،" އިއުލާންގައިވެ އެވެ.

ދައުލަތުން އެކި ފަރާތްތަކަށް ދޫކުރި ލޯނުތައް އަނބުރާ ހޯދުން އަވަސް ކުރަން ދާދިފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ.

ނަމަވެސް ނަޝީދާއި އެމްޑީޕީގެ ސަރުކާރުގެ އެހެން އިސްވެރިންތަކަކަށް ދައުލަތުން ދޫކުރި ފައިސާ ހަތް ދުވަސް ތެރޭގައި ދައްކަން އެންގިކަން ފިނޭންސުން މި އިއުލާންކުރީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް އިތުބާރު ހުރި ފަރާތްތަކާ ހަވާލާދީ ބީބީސީން މިއަދު ބުނުމުން، މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.