Roadha Mihaaru
އާންމުންގެ ޝަކުވާ މަދުކުރުމާ އެކު އާ ހައްލުތަކަކަށް

އާންމުންގެ ޝަކުވާ މަދުކުރުމާ އެކު އާ ހައްލުތަކަކަށް

10 މާޗް 2019

އާސަންދައަކީ މިއަދު ކޮންމެ ދިވެއްސަކާ ވެސް ގުޅިފައިވާ އެންމެ ބޮޑު އެއް ހިދުމަތެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ތައާރަފްކުރި އާސަންދަ އިތުރަށް ތަރައްގީކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ގައި އެ ހިދުމަތަށް "ހުސްނުވާ އާސަންދަ" ވެސް ކިޔެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާސަންދައަކީ މިއަދު ކޮންމެ ދިވެއްސަކާ ވެސް ގުޅިފައިވާ އެންމެ ބޮޑު އެއް ހިދުމަތެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ތައާރަފްކުރި އާސަންދަ އިތުރަށް ތަރައްގީކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ގައި އެ ހިދުމަތަށް "ހުސްނުވާ އާސަންދަ" ވެސް ކިޔެވެ.

ސަރުކާރުން ހިލޭ ފޯރުކޮށްދޭ ސިއްހީ މި ހިދުމަތަށް އެކި ބަދަލުތައް އައިސްފާވާ އިރު އެކަމަށް ބުރޫއަރާ ކޮންމެ ދަނޑިވަޅެއްގައި އާންމުންގެ ޝަކުވާ އެހާ ބޮޑު ވެސް ވެ އެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއް ހަމަޔެއްގައި ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ފަހުން ހަމަޖެއްސީ މަރިޔަމް ޝަފީގެވެ. އޭނާ ވަނީ ކުންފުނީގެ މަސައްކަތްތަކާ ގުޅޭ ގޮތުން "މިހާރު" އަށް ހާއްސަ އިންޓަވިއުއެއް ދެއްވައިފަ އެވެ.

ފާހަގަކުރެވޭ ކަންކަން

ކުންފުނީގެ ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަރިޔަމް ވިދާޅުވީ އެ ހުރިހާ ކަމެއް ތަފްސީލީ ލެވެލެއްގައި މިހާރު ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ރަނގަޅު ކަންކަމާއި ގޯސް ކަންކަން ވެސް ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ. މިހާރު އެންމެ ބޮޑަށް ފާހަގަކުރެވުނީ، އޭނާ ވިދާޅުވި ގޮތުގައި، ކަންކަން ލަސްވުމާ ގުޅިގެން ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކެވެ. އެގޮތުން ބަލިމީހުންގެ ގިނަ ޝަކުވާތަކެއް ހުށަހަޅާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ޕޭޝެންޓުންގެ ކޮމްޕްލެއިންޓްސްތައް، ހިދުމަތުގައި ހުންނަ އުނދަގޫތަކާ ހެދި،" މަރިޔަމް ވިދާޅުވި އެވެ.

އެހެންކަމުން އޭނާ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ބަލިމީހުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރުން ކަމަށެވެ. ހިދުމަތް ހޯދަން ހުށަހެޅުމުގައި ޕްރޮސެސް ދިގުވުމާއި ވީހާވެސް ފަސޭހަކޮށް ކަންކަން ރާވަން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ހުޅުވާފައިވާ އާސަންދަ އޮފީސް--ފޮޓޯ:އާކައިވް

ކުޅުދުއްފުށީގައި ހުޅުވާފައިވާ އާސަންދަ އޮފީސް--ފޮޓޯ:އާކައިވް

އާސަންދަ ކުންފުނީގެ ހާލަތު އެންމެ ފުރިހަމަޔަށް ދެނުގަތުމަށް އޮޑިޓެއް ކުރަން ވަނީ ނިންމައިފަ އެވެ. މިހާރު ވެސް މަރިޔަމްއަށް ވިދާޅުވެވެން އޮތީ އާސަންދަ މެދުވެރިކޮށް އާންމުންނަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބިލްތައް ވީހާވެސް އަވަހަކަށް ދެއްކުން މުހިންމު ކަމެވެ.

"ކޮންމެ ގޮތެއް ވިޔަސް ހިދުމަތް [ދީފައިވާ] ފަރާތްތަކަށް އެމީހުންނަށް ދޭން ޖެހޭ އަގު ދޭނަން ވީހާވެސް އަވަހަކަށް،" އޭނާ ވިދާޅުވި އެވެ.

އަންނާނެ ބަދަލުތައް

މަރިޔަމް ވިދާޅުވީ އާސަންދަ ކުންފުނި ތެދުވެރިކަމާ އެކު ހިންގަވާނެ ކަމަށެވެ. އަދި ކުރިން ކޮރަޕްޝަނެއް ހިނގާފައިވާ ނަމަ އެކަންކަން ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ލީކޭޖުތަކެއް އަޅުގަނޑަށް ނުހުއްޓުވިދާނެ. އެކަމަކު ވެސް އެޅެން ހުރި ހުރިހާ ކޮންޓްރޯލެއް އަޅާނަން،" ހެލްތު އިކޮނޮމިކްސްގެ ދާއިރާ އިން މާސްޓާޒް ނަންގަވާފައިވާ މަރިޔަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހިންގާ އާސަންދަ ސްކީމަކީ ހެލްތު އިންޝިއުރެންސް ސްކީމެއް ނޫން ކަމަށެވެ. އެކަމަކު އެއީ އެންމެންނަށް ލިބޭ ހިދުމަތެއް ކަމަށް ސިފަކުރެއްވި އެވެ.

އާސަންދައަށް ސަަރުކާރުން އަންނަނީ ވަރަށް ބޮޑު ހޭދައެއް ކުރަމުންނެވެ. އެގޮތުން އަހަރު އާސަންދައަށް 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް ކަނޑައެޅި ބަޖެޓަކީ 750 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ގާތްގަނޑަކަށް 650 މިލިއަން ރުފިޔާ މިދިޔަ އަހަރު އާސަންދައަށް އިތުރަށް އެ ވަނީ ހޭދަކޮށްފަ އެވެ.

އާސަންދައިން އެންމެ ގިނައިން ޚަރަދުކުރަނީ ބޭހަށެވެ. ބޭހަށް ކުރާ ޚަރަދު ކޮންމެ އަހަރަކު ވެސް ދަނީ އިތުރުވަމުންނެވެ. ޖެނެރިކް ބޭސް ބޭނުންކުރެވޭ މިންވަރު މަދުވި ނަމަވެސް ބޭހުގެ އަގުތައް ބޮޑުކަން ފާހަގަކުރެވެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ ބޭހުގެ އަގު 15-75 ޕަސެންޓާ ދެމެދުގެ މިންވަރެއް ބޮޑެވެ.

މިހާރު އާސަންދަ ނިޒާމު އޮތް ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ހިންގިދާނެތޯ ބައެއް މީހުން ސުވާލުކުރެ އެވެ.. އެކަމަކު މަރިޔަމް ވިދާޅުވާ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ކުރިޔަށްގެންދެވޭނެ ގޮތްތައް އެބަ ހުއްޓެވެ.

"އިންޝުއަރެންސް ސްކީމުތަކުގައި ސަސްޓެއިން ކުރެވޭނީ މީހުންގެ ކޮންޓްރިބިއުޝަން ވެސް އައިސްގެން. އެކަމަކު ސޯޝަލް އިންޝިއުރެންސެއް ވެއްޖިއްޔާ ގައުމުތަކުގައި ވެސް އޮންނަ ގޮތަކީ ސަރުކާރުން ސަބްސިޑައިޒްކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ ދެމެހެއްޓެވިނި ގޮތެއްގައި ކުރިއަށް ގެންދާ ނަމަ ކޮންޓްރޯލް ކުރެވޭނެ އުސޫލުތަކެއް ކޮންމެވެސް ހިސާބަކުން ގެންނަން ޖެހޭ ކަމަށެވެ. އެހެން ނޫނީ، އާސަންދައިން އެހެން ކޮންމެވެސް ކަމަކަށް އިންވެސްޓްކޮށްގެން ފައިސާ ހޯދިދާނެ ކަމަށް ވިދާޅުވި އެވެ. އެގޮތް ނުހެދޭ ނަމަ، މަރިޔަމް ވިދާޅުވީ، ދައުލަތަށް ވަކި ދާއިރާއަކުން ލިބޭ ފައިސާ އާސަންދައަށް ހާއްސަ ކުރެވިދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އާސަންދަޔަށް ހޭދަކުރާ މިންވަރު އެއް އަހަރުން އަނެއް އަހަރަށް މަތިވަމުން ދާ ދިއުމަށް ހައްލެއް ހޯދާ ނަމަ އާސަންދަ ރޭޝަނަލައިޒްކުރަން ޖެހެ އެވެ. އެގޮތުން ކުރެވިދާނެ އެއް ކަމަކީ، އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ކޯ-ޕޭމަންޓްގެ ނިޒާމެއް ތައާރަފްކުރުމެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ހިދުމަތް ކުރިޔަށް ގެންދާނެ މަގެއް މި ވަނީ ހޯދަން ޖެހިފަ އެވެ. އެގޮތުން އާސަންދައިގެ ދަށުން ދޭ ބައެއް ހިދުމަތްތައް އުނިކުރުމާއި، ޕްރިމިއަމް ކޮންޓްރިބިއުޝަނެއް ތައާރަފުކުރުން ފަދަ ކަންކަން ހިމެނުން ރަނގަޅު ކަމަށް ބެލެވެ އެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިފަދަ އިސްލާހުތަކެއް ނުގެނެސްފި ނަމަ އާސަންދަ ހިމެނޭ ގޮތަށް ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ކުރާ ހޭދައިގެ ކޮންޓްރޯލް ގެއްލިދާނެ އެވެ.

މި ހުރިހާ މައްސަލަތަކަކަށް ހައްލު ހޯދައިދިނުމުގެ ވިސްނުމާ އެކު މަސައްކަތްކުރެއްވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވީ މަރިޔަމް އެވެ. އޭނާއަށް އޮތް ޔަގީންކަމަކީ ހައްލުތަކެއް ހޯދައިގަނެވޭނެ ކަމެވެ.