Roadha Mihaaru
ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ބިލް ތަސްދީގުކޮށްފި

ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރަައްވައިފި

10 މާޗް 2019

ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ހައްޖުގެ އަޅުކަން އަދާކުރަން ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފައިސާ ދޫކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ ސަރުކާރުގެ ފަރާތުންނެވެ. އެ ބިލް މަޖިލިހުން ފާސްކުރީ މިދިޔަ މަހު އެވެ.

އެ ބިލް ރައީސް މިއަދު ތަސްދީގު ކުރައްވައި، ގާނޫނަކަށް ވުމާ އެކު ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނެ އުސޫލުތައް ކަނޑައަޅައި ތިން މަސް ތެރޭގައި އާންމު ކުރަން ޖެހޭނެ އެވެ. އެކަމާ ގުޅޭ އުސޫލުތައް އެކުލަވައިލާނީ ޕެންޝަން އޮފީހުގެ ބޯޑުންނެވެ.

ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އެކަމަކު، ބޭނުން ކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓް ކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުގައި ވެ އެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަންގެ ގޮތުގައި 5،000ރ. ދިނުމަށް ވެސް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ދެނީ 2،000ރ. އެވެ. ނަމަވެސް ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް 5،000ރ. ދެ އެވެ.