Roadha Mihaaru
ޕެންޝަން ފައިސާ އިން މިއަހަރު 13 މީހަކު ހައްޖަށް

ޕެންޝަން ފައިސާ އިން މިއަހަރު 13 މީހަކު ހައްޖަށް ދިޔަ

06 އޯގަސްޓް 2019

ޕެންޝަން ފަންޑުން ފައިސާ ނަގައިގެން ފުރަތަމަ ފަހަރަށް 13 މީހަކު މި އަހަރު ހައްޖަށް ގޮސްފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕެންޝަން ފަންޑުން ފައިސާ ނަގައިގެން ފުރަތަމަ ފަހަރަށް 13 މީހަކު މި އަހަރު ހައްޖަށް ގޮސްފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ޕެންޝަންގެ ގާނޫނަށް މަޖިލީހުން އިސްލާހުތަކެއް ގެނެސްފައިވެ އެވެ.

ޕެންޝަނާ ބެހޭ ގާނޫނާއި ގަވާއިދަށް ކުރިން ގެނައި އިސްލާހުގައިވާ ގޮތުން ޕެންޝަން ސްކީމްގެ ބައިވެރިއަކަށް ހައްޖުގެ އަޅުކަން އަދާކުރަން ދެވޭނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަށް ކަނޑައަޅާ އަދަދުގެ 50 ޕަސެންޓަށް ވުރެ އިތުރުނުވާ މިންވަރަަށެވެ. ނަމަވެސް ޕެންޝަން ފަންޑުން ހައްޖަށް ދެވޭ މިންވަރު 80 ޕަސެންޓަށް ބޮޑުކުރަން މިދިޔަ ބުދަ ދުވަހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ތަސްދީގުކުރައްވައިފަ އެވެ.

އެހެންކަމުން އަންނަ އަހަރުން ފެށިގެން، ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން 80 ޕަސެންޓް ދެއްކޭނެ އެވެ.

އެ ފަންޑުގެ ފައިސާއިން ހައްޖަށް ދެވޭ ޝަރުތުތަކުގެ ތެރޭގައި، ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000ރ. ހުރުން ހިމެނެ އެވެ. އެއީ ޕެންޝަން ލިބޭ އުމުރަށް ދިއުމުން މަހަކު 2،000ރ. ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ. މިހާރުން މިހާރަށް ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ 6000 މީހުން އެބަ ތިބި ކަމަށް ޕެންޝަން އޮފީހުން ބުނެފައި ވެ އެވެ. އޭގެ ތެރެއިން ޝަރުތުހަމަވާ 13 މީހަކު އެކަމަށް ހުށަހަޅައި ހައްޖަށް ފައިސާ ދައްކާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.