Roadha Mihaaru
"ލަޝް"ގެ އުފެއްދުންތަކުގައި ބިސް ބޭނުމެއް ނުކުރާނެ

ކޮސްމެޓިކް ބްރޭންޑް "ލަޝް" ގެ އުފެއްދުންތަކުގައި ބިސް ބޭނުންކުރުން ހުއްޓާލައިފި

22 މާޗް 2019

އިނގިރޭސިވިލާތުގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑް "ލަޝް" ގެ އުފެއްދުންތަކުގައި ބިސް ބޭނުންކުރުން ހުއްޓާލައި، ބިހާ ނުލައި ތައްޔާރުކުރާ ކޮސްމެޓިކް އުފެއްދުންތައް ނެރެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑް "ލަޝް" ގެ އުފެއްދުންތަކުގައި ބިސް ބޭނުންކުރުން ހުއްޓާލައި، ބިހާ ނުލައި ތައްޔާރުކުރާ ކޮސްމެޓިކް އުފެއްދުންތައް ނެރެން ފަށައިފި އެވެ.

ކޮސްމެޓިކްގެ އެކި ބާވަތްތައް ތައްޔާރުކުރާ އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލު ކުންފުނިން ބުނީ އުފެއްދުންތަކުގައި ބިސް ބޭނުންކުރުން ހުއްޓާލީ ކުކުޅު ފާމްތަކުގައި ބިސް އަޅުވަން، ގަބޫލުނުކުރެވޭ އުސޫލުތަކެއް ގެންގުޅޭކަން ފާހަގަވެފައިވާތީ ކަމަށެވެ. އަދި "ލަޝް"ގެ އުފެއްދުންތަކުގައި ސުވާލު އުފެދޭ ކަހަލަ ބާވަތެއް ބޭނުންކޮށްގެން، އެ ބްރޭންޑަށް އާންމުން ކުރާ އިތުބާރު ކުޑަވާ ކަހަލަ ކަމެއް ކުރަން ބޭނުން ނުވާ ކަމަށް "ލަޝް" އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އަހަރެމެންގެ އުފެއްދުންތަކަކީ ކޮލިޓީ ރަނގަޅު ތަކެތި ބޭނުންކޮށްގެން ތައްޔާރު ކުރާ ކޮލިޓީ ޕްރޮޑަކްޓްތަކެއްކަން ކަސްޓަމަރުންނަށް ކަށަވަރުކޮށް ދިނުމަކީ އެންމެ މުހިއްމު ކަންތައް،" ލަޝް އިން ބުންޏެވެ. "އެކަން އަހަރެމެން ކޮމްޕްރަމައިޒެއް ނުކުރާނަން."

އެ ކުންފުނިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި "ލަޝް" ގެ ހުރިހާ އުފެއްދުމެއް ވާނީ 100 ޕަސަންޓް އެގް-ފްރީ އުފެއްދުންތަކަށެވެ. އަދި ބިހުގެ ބަދަލުގައި އުފެއްދުންތަކުގައި ބޭނުން ކުރާނީ ސޯޔާ ޔޯގަޓް، ޓޯފޫ، ވީޓް ގްލޫޓެން އަދި ޗިކްޕީ އެކްއަފޭބާ އެވެ.

މިކަމާ ގުޅިގެން ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "އެނިމަލް އީކްއަލިޓީ" އިން ވަނީ "ލަޝް" ގެ ނިންމުމަށް މަރުހަބާ ވެސް ކިޔައިފަ އެވެ.

މީގެ 23 އަހަރު ކުރިން 1995 ގައި ވުޖޫދަށް އައި "ލަޝް" އަކީ ހަންގަނޑަށާއި ބޮލުގެ އިސްތަށިގަނޑަށް ބޭނުންވާ އުފެއްދުންތައް ތައްޔާރުކުރާ ކުންފުންޏެކެވެ.