Roadha Mihaaru

ތެދުވެރި ނަމަ ކޮންމެ ނިޒާމަކާ އެކު ވެސް މަސައްކަތް ކުރެވޭނެ: ރައީސް

03 އެޕްރީލް 2019

ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ވެސް މައްސަލަތައް އެބަހުރި ކަމަށާއި އެކަމަކު ރައްޔިތުން ހަވާލުކުރި މަސައްކަތް ތެދުވެރިކަމާ އެކު ކުރަން ބޭނުން ނަމަ އެއިން ކޮންމެ ނިޒާމަކާ އެކު ވެސް ކުރިއަށް ދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ވެސް މައްސަލަތައް އެބަހުރި ކަމަށާއި އެކަމަކު ރައްޔިތުން ހަވާލުކުރި މަސައްކަތް ތެދުވެރިކަމާ އެކު ކުރަން ބޭނުން ނަމަ އެއިން ކޮންމެ ނިޒާމަކާ އެކު ވެސް ކުރިއަށް ދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ރައީސް އެހެން ވިދާޅުވިއިރު، އަންނަ ހޮނިހިރު ދުވަހު ބާއްވާ އާންމު އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޮވިއްޖެ ނަމަ ވެރިކަން ހިންގާ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމުގެ ތުހުމަތު ވަނީ ކުރަން ފަށައިފަ އެވެ. އެކަމަކު، މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕީއެސްއެމުން ބޭއްވި ބަހުސްގައި ނަޝީދު ވިދާޅުވެފައި ވަނީ ވެރިިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުން ނިންމާ ކޮންމެ ގޮތަކަށް އިހުތިރާމު ކުރައްވައި އެގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.

ނަޝީދުގެ އެ ވާހަކަފުޅާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ދެންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ކުރިން ނިންމަންވީ ކަމަކީ ތެދުވެރިކަމާ އެކު މަސައްކަތް ކުރުން ކަމަށެވެ. އަދި ވިދާޅުވީ، މައްސަލަ އުޅެނީ ވެރިކަމުގެ ނިޒާމުގައި ނޫން ކަމަށާއި ގޯހީ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަން ތިބި މީހުން ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން ތެދުވެރިކަމާ އެކީގައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން ފައްޓަންވީ. އެބަހުރި ކުރެވެން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރީގެ ރައީސް ނަޝީދާ އެކު.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރީގެ ރައީސް ނަޝީދާ އެކު.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު ވެސް ރާއްޖޭގައި ވެރިކަން ކުރަނީ ފުރިހަމަ ނިޒާމަކަށް ނޫނެވެ. އެގްޒެކެޓިވް އެތައް ބާރެއް ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާއިރު އޭގެ ނަތީޖާ އަކީ ސަރުކާރު ހިންގަން ދަތިވުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނޫނިއްޔާ އަބަދު އަޅުގަނޑުމެން މި ތިބެން ޖެހެނީ މަޖިލިސް ފެށުމާ އެކީގައި މަޖިލިހުގައި ނަގާ ޑިސިޝަންތަކަށް ބަލަބަލާ. އެ އަށް ވުރެ ލުއި ގޮތެއް އެގްޒެކެޓިވް އަށް އޮންނަން އެބަޖެހޭ. އެހެން ނޫނިއްޔާ ދަތިވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

"ފުރަތަމަ އަޅުގަނޑުމެން ތެދުވެރިކަމާ އެކީގައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން ފައްޓަންވީ. އެބަހުރި ކުރެވެން،" ރައީސް

ލުއިގޮތަކީ މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކުރުންތޯ ދެންނެވުމުން ރައީސް ވިދާޅުވީ، ނިޒާމު ބަދަލުނުކޮށް ވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން، މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ކަންކަން ރާއްޖޭގައި ސިމްޕަލް މެޖޯރިޓީން ފާސްކުރާއިރު، އެއީ އެހާ ފަސޭހަ ކަމަކަށް ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މީހަކަށް ރައްޔިތުންގެ މަޖިލިހުން އިތުބާރު ދިނުމަށް ފަހު ވަކިކުރެވެން ޖެހޭނީ ވަރަށް ބޮޑެތި މައްސަލަތަކެއް އެ މީހަކާ މެދު އޮވެގެން ކަމަށެވެ.

"އެ ކަންބޮޑުވުން އެބައޮތް. އެ ކަހަލަ ބަދަލުތަކެއް އެއްގޮތެއްގައި ވެއްޖިއްޔާ ގެނެވިދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކާއި ގޯސް ކަންކަން އެބަހުރި ކަމަށެވެ. އަދި އެކި ގައުމުތަކަށް ކަމުދަނީ ވެސް އެކި ނިޒާމު ކަމަށް ވިދާޅުވި އެވެ.

"ބޮޑަށް ބުރަވަނީ މަސައްކަތް ކުރަން ތިބި ބައެއްގެ މައްޗަށް،" ރައީސް ވިދާޅުވި އެވެ.