Roadha Mihaaru
ޖަމީލާއި އުމަރުގެ ވިސްނުން ޔާމީނާ އެއްކޮޅަށް!

ޕީޕީއެމް ވަރުގަދަކުރަން ޖަމީލާއި އުމަރު ތެދުވެއްޖެ!

11 އެޕްރީލް 2019

ސިޔާސީ މަސައްކަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އަލުން ގުޅިވަޑައިގެން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވަރުގަދަ ކުރުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޝައުގުވެރިވެއްޖެ އެވެ.

ސިޔާސީ މަސައްކަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އަލުން ގުޅިވަޑައިގެން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވަރުގަދަ ކުރުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޝައުގުވެރިވެއްޖެ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއާ އެކު، ޕީޕީއެމް މިހާރު ވެއްޓިފައި އޮތް "އަނދަވަޅުން" ސަލާމަތްކޮށްދޭން ތައްޔާރަށް ތިއްބެވިކަން ޖަމީލާއި އުމަރު ވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅުއްވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ޔާމީން ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުންގެ ލަފާ ވެސް ރޭ ހޯއްދަވައިފަ އެވެ.

ކައުންސިލް މެމްބަރަކު ނަން ހާމަނުކުރަން އެދިވަޑައިގެން "މިހާރު" އަށް މިއަދު ވިދާޅުވީ ޖަމީލާއި އުމަރާ އެކު މަސައްކަތް ކުރަން ކައުންސިލް މެމްބަރުންގެ ރުހުން ވަނީ ޔާމީނަށް ދެއްވައިފަ އެވެ. އެއާ އެކު، ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ބޭއްވެން ދެން ވެސް އެ ދެ ބޭފުޅުންނަށް ޕާޓީގެ ލީޑަޝިޕުން ޖާގައެއް ދެއްވަން ފެނިވަޑައިގަންނަވާ ކަަމަށް ޔާމީން ވިދާޅުވި ކަމަށް މެމްބަރު ވިދާޅުވި އެވެ.

ޔާމީންގެ ވިސްނުންފުޅު ހުރީ، ކައުންސިލް މެމްބަރު ކިޔައިދެއްވި ގޮތުގައި، ޕީޕީއެމް ހަރުދަނާކުރަން ފަސް މެމްބަރުންގެ ކޮމިޓީއެއް ނެގުމަށެވެ. އިދިކޮޅު އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރާނީ އެ ކޮމިޓީގެ ލަފާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމަށް އެނބުރި ވަޑައިގަތުމުގެ ވިސްނުންފުޅު، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު ޖަމީލް ގެންގުޅުއްވާއިރު، ނައިބު ރައީސްގެ މަގާމުން އެމަނިކުފާނު ދުރުކުރީ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތާ އެކު އެވެ. ޔާމީންގެ ސަރުކާރާ ދެކޮޅަށް މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ އަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ޖަމީލް ތައްޔާރުވެވަޑައިގަތް ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން އެމަނިކުފާނަށް ތުހުމަތު ކުރެއްވި އެވެ.

"ޕީޕީއެމް ވަރުގަދަ އިިދިކޮޅު ޕާޓީއަކަށް ހަދައި، ދެން ތިބި އިދިކޮޅު ފަރާތްތަކާ އެއްގަލަކަށް އަރުވަން މަސައްކަތް ކުރުން އެ މަޝްވަރާ ތެރޭގައި ހިމެނޭ،" އުމަރު

އެއާ އެކު އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ހުށަހަޅައި މަގާމުން ދުރުކުރީ، ޖަމީލް ވިދާޅުވަމުން ގެންދަވާ ގޮތުގައި، ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތުތަކާ ވެސް މުޅިން ޚިލާފަށެވެ. މަގާމުން ދުރުކުރުމާ އެކު އެމަނިކުފާނު މަސައްކަތް ކުރެއްވީ ޔާމީން މަގާމުން ދުރުކުރުމަށެވެ.

އެ ހުރިހާ ކަންކަން އެއްފަރާތް ކޮށްލައްވައި، އަލުން ޕީޕީއެމާ ގުޅެން ޝައުގުވެރިކަން ފާޅުކުރެއްވީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަ ކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައި ވަނިކޮށެވެ.

ޖަމީލް ފޯނު ނުނަންގަވާތީ އެމަނިކުފާނުގެ ބަހެއް މިއަދު ނުލިބުނެވެ.

އެކަމަކު، އުމަރު ވަނީ ޕީޕީއެމާ ދޭތެރޭގައި އޭނާ ވިސްނުން ގެންގުޅުއްވާ ގޮތް ހިއްސާ ކުރައްވައިފަ އެވެ.

ޔާމީނާ މެދު ހިތްހަމަޖެހިވަޑައިނުގެން ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، މިދިޔަ އަހަރު ރިޔާސީ އިންތިޚާބުގައި ރައީސްކަަމަށް ވާދަ ކުރައްވަން ނިންމެވި އެވެ. އެކަމަކު، ފަހު ވަގުތު އެ ނިންމުން އަނބުރާ ގެންދެވީ އެވެ. އޭގެ ފަހުން "ހިމޭނުން" ހުންނެވުމަށް ފަހު އޭނާ ދެން ފެނުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ކޮށްދޭން ކެމްޕޭންގައި އުޅުއްވަނިކޮށެވެ.

އުމަރު "މިހާރު" އަށް މިއަދު ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހަރުދަނާކުރަން ޔާމީނާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ. ދެ އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު ޕީޕީއެމް އިސްލާހުކޮށް، ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނެރެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް ވަރުގަދަ އިިދިކޮޅު ޕާޓީއަކަށް ހަދައި، ދެން ތިބި އިދިކޮޅު ފަރާތްތަކާ އެއްގަލަކަށް އަރުވަން މަސައްކަތް ކުރުން އެ މަޝްވަރާ ތެރޭގައި ހިމެނޭ،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމަށް އިންތިޚާބު ނާކާމިޔާބުވި ސަބަބެއް ކަމަށް އުމަރު ދެކެވަޑައިގަންނަވަނީ ޕާޓީގެ އެތެރޭގެ ހިންގުން ދޯދިޔާވުމެވެ. ފުރަތަމަ ކަމަަކަށް ޕްރައިމަރީއަކާ ނުލައި އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓް ދިނުމެވެ.

އިންތިޚާބުތަކަށް ކުރިމަތިލާއިރު، ޕާޓީގެ ތެރޭގައި ޕްރައިމަރީގެ ނިޒާމެއް ކަނޑައަޅައި ވާދަވެރި ފުރުސަތަކުން ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ. އެކަމަކު، އެމްޑީޕީން އަމަލުކުރާ ގޮތަށް، ޕާޓީގެ އިސް ބޭފުޅުން އިންތިޚާބުތަކުގައި އިސްކޮށް އުޅުއްވާ އުސޫލު އޭނާ އަށް ކަމަކު ނުދެ އެވެ.

އުމަރު ވިދާޅުވި ގޮތުގައި ޕްރައިމަރީތައް ބާއްވަން ޖެހޭނީ ލީޑަޝިޕްގެ ނުފޫޒު ނުފޯރުވޭ ގޮތަށް މިނިވަންކޮށެވެ.

އޭނާ ވިދާޅުވީ، ދެ އިންތިޚާބުގެ ނަތީޖާ އަށް ފަހު ދެން އޮތީ ވަރުގަދަ އިދިކޮޅު ޕާޓީއެއް ނެރުން ކަމަށެވެ. އެކަން ކުރެވޭނީ ޕީޕީއެމްގެ ހިންގުން ހަރުދަނާކޮށްގެން ކަމަށް ވާތީ، އޭނާ ހުންނެވީ އެ މަސައްކަތް ކުރައްވަން ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.