Roadha Mihaaru
ޓައިމް ކެޕްސޫލުން ފެނުނު ސިޓީ: "މައާފުކުރާށެވެ!"

ޓައިމް ކެޕްސޫލުން ފެނުނު ސިޓީ: "މައާފުކުރާށެވެ!"

21 އެޕްރީލް 2019

"ކާފަމެންގެ ދަހިވެތިކަމުން މި ރީތި ވެށި، ދަރިފުޅުމެންގެ ބައްޕައަށް ވެސް ފޯރުކޮށެއް ނުދެވުނެވެ. އަދި ދަރިފުޅުމެން މިހާރު ތިއުޅޭ ހާލާ މެދު ދެރަވެ ހިތާމަ ކުރަމެވެ. މައާފްކުރާށެވެ."

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

"ކާފަމެންގެ ދަހިވެތިކަމުން މި ރީތި ވެށި، ދަރިފުޅުމެންގެ ބައްޕައަށް ވެސް ފޯރުކޮށެއް ނުދެވުނެވެ. އަދި ދަރިފުޅުމެން މިހާރު ތިއުޅޭ ހާލާ މެދު ދެރަވެ ހިތާމަ ކުރަމެވެ. މައާފްކުރާށެވެ."

މިއީ މީގެ 27 އަހަރު ކުރިން، މީހަކު އޭނާގެ ކާފަދަރިންނަށް ލިޔުއްވި ސިޓީއަކުން ތަންކޮޅެކެވެ.

މަޖީދިއްޔާ ސްކޫލުގައި 1992 އަހަރު، އޭރުގެ ދަރިވަރުންނާއި އިސް ދަރިވަރުން ވެގެން ވަޅުލި ޓައިމް ކެޕްސޫލުގައި އެ ސިޓީ ރައްކާކުރީ ސްކޫލަށް 100 އަހަރު ފުރުމުން ނަގާ ގޮތަށެވެ. ބޭނުންވީ އޭރުގެ ހަނދާންތަކާއި އޭރު އުޅުނު މީހުން އޭގެ ކުރިން ތަޖުރިބާކުރި ކަންކަން މުސްތަގުބަލުގެ ޖީލުތަކަށް ކިޔައިދޭށެވެ. ބައެއް މީހުން އެކި މެސެޖްތައް އޭގައި ރައްކާކުރި އެވެ.

އަލީ ޝަރީފް އޭނާގެ ތިން ބޭފުޅުންނާ އެކު

އަލީ ޝަރީފް އޭނާގެ ތިން ބޭފުޅުންނާ އެކު

ނަމަވެސް މަޖީދިއްޔާގެ 100 އަަހަރު ފުރުން ފާހަގަކުރާ 2027 ގެ ކުރިން އެ ކެޕްސޫލްގެ އެއްޗެހިތައް ފެނުނީ، އެ ވަޅުލި ތަނުގައި އާ އިމާރާތެއް ހެދުމުގެ މަސައްކަތުގައި، ކޮންމެވެސް ގޮތަކުން އެ ހަލާކުވެގެންނެވެ. އެ ކެޕްސޫލްގެ ބައިތައް ހޯދަން ކުރި މަސައްކަތުން، އޭގައި ރައްކާތެރި ގިނަ އެއްޗެހިތަކެއް ވެސް މިހާރު ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އޭރު އުމުރުން 40 އަހަރުގެ އަލީ ޝަރީފްގެ ސިޓީ އަށެވެ. އެ ސިޓީ އޭނާ ލިއުއްވީ ދޮށީ ދަރިފުޅު، މުހައްމަދު ޝަރީފުގެ އެދިވަޑައިގަތުމަކަށެވެ. އޭރު މުހައްމަދުގެ އުމުރުން އެންމެ 18 އަހަރެވެ.

މަޖީދިއްޔާއިން ގްރޭޑް ދިހައެއް އަދި އޭގެ ފަހުން އޭލެވެލް ނިންމެވިތަނުން ލިބިވަޑައިގެންނެވި އެ ފުރުސަތުގައި އޭނާ ބޭނުންވީ ބައްޕަ ލައްވާ ސިޓީއެއް ލިޔުއްވާށެވެ.

"ބައްޕަ އެ ސިޓީ ލިޔުއްވުމުން ޓައިމް ކެޕްސޫލަށް ލީ އަޅުގަނޑު ގޮސް. އެކަމަކު އެ ސިޓީއެއް ނުކިޔަން،" މިހާރު ކޮމިއުނިކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

"އަހަރުތަކެއް ފަހުން އެ ސިޓީ ރައްކާތެރިކަމާ އެކު ކާފަދަރިންނަށް ލިބުމުން ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނީ."

އަލީ ޝަރީފް ޒުވާން ދުވަސްވަރު އޭނާގެ އަނބިކަނބަލުންނާ އެކު

އަލީ ޝަރީފް ޒުވާން ދުވަސްވަރު އޭނާގެ އަނބިކަނބަލުންނާ އެކު

މުހައްމަދު ޝަރީފާއި އޭނާގެ ކޮއްކޮއަށް ލިބިފައިވާ ދަރިންނާ އެކު، އަލީ ޝަރީފަށް ކާފަކިޔާ ތިން ކުދިން އެބަ ތިއްބެވެ. އެންމެ ދޮށީ ކުއްޖާގެ އުމުރުން މިހާރު 13 އަހަރެވެ.

މިހާރު އުމުރުން 67 އަހަރުގެ އަލީ ޝަރީފް އުޅުއްވަނީ ބަލިވެ އެވެ. ވާހަކަ ވެސް ނުދެއްކެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. އޭރު ބަލާޣާތްތެރިކަމާ އެކު ވާހަކަދައްކަމުން ގެންދެވި ބައްޕަގެ އެ ސިޓީން މުހައްމަދު ޝަރީފްގެ އާއިލާއަށް ލިބިފައިވަނީ އާދަޔާހިލާފު އުފަލެކެވެ.

ތާނައިން ލިޔުއްވާފައިވާ ސިޓީގައި އަލީ ޝަރީފް ކިޔައިދެއްވީ، 1960ގެ އަހަރުތަކުގައި މާލެ އޮތް ގޮތެވެ. މާލޭގެ ފެހިކަމާއި ފެން މީރުކަމެވެ. ބުއިމަށްޓަކައި ރޯ ބަކަރި ކިރު އަބަދު ލިބެން ހުންނަ ވާހަކަ އެވެ.

"އެ ދުވަސްވަރު މާލޭގެ ރީތިކަން ދަރިފުޅަށް ސިފަކޮށްދޭނީ ވެސް ކިހިނެއް ހެއްޔެވެ؟ މާ އުސް އިމާރާތްތަކެއް ނެތް ނަމަވެސް މާލޭގެ ވަށައިގެން ބޮޑެތި ގަސްތައް ހެދިފައި ހުރެ އެވެ. ކުޅިވަރު ކުޅޭނެ ހުސް ބިންތައް އޮވެ އެވެ. ކޮންމެ މިސްކިތެއްގެ ވަޅުން ވެސް ކަރު ހިއްކުން ފިލާވަރަށް ފެން ބޯލާކަށް ބަލާނެ ކަމެއް ނެތެވެ. އަދި މީރު ފެނުން ކޮންމެ ގެއަކުން ވެސް ފެންވަރާލެވެ އެވެ،" މުސްތަގްބަލުގެ ދަރިންނަށް އެޑްރެސްކޮށް ލިއުއްވި އެ ސިޓީގައި އަލީ ޝަރީފް ވިދާޅުވި އެވެ.

އޭނާ ލިއުއްވި ގޮތުގައި ގޭގައި ހުންނަ ބިޔަ ގަސްތަކުން ޖެހޭ ވައިން، އިލެކްޓްރިކް ފަންކާގެ ބޭނުމެއް ނެތެވެ. ކާން ފަތްޕިލާވެލި ގަންނާކަށް ނުޖެހެ އެވެ. ބަނބުކެޔޮ ގަހެއް އަދި އަނބު ގަހެއް ނެތް ގެއެއް މަދުވާނެ އެވެ. އެކަމަކު އެ ރީތިކަން ދަރިންނަށް ނުފެނުނީ "ކާފަމެންގެ ދަހިވެތިކަމުން" ނޭ ލިއުއްވި އެވެ.

"މައާފްކުރާށެވެ،" ސިޓީ ނިންމާލައްމުން އަލީ ޝަރީފް ވިދާޅުވި އެވެ.

މި ސިޓީ ކާފަދަރިންނަށް ލިބުނު އިރު ކާފަ ވާހަކަ ދައްކައްވާ އުޅުއްވި ހަނދާނެއް އެ ކުދިންގެ ނެތެވެ. އެކަމަކު ބައްޕަގެ ބަސްމޮށުންތެރިކަން ހުންނަ ގޮތް ހަނދާންވުމުން، މުހައްމަދު ޝަރީފް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮމެންނަށް ކުރެވެނީ އުފާވެރި އަދި ހިތާމަވެރި އިހުސާސެކެވެ.

މަޖީދިއްޔާގެ ތާރީހީ ޓައިމް ކެޕްސޫލުގައި މިފަދަ އެތައް ސިޓީއެއް ހުއްޓެވެ. މުސްތަގްބަލުގެ ދަރިންނަށާއި ކާފަދަރިންނަށް އެ މީހުންގެ ވާހަކަތައް ކިޔައިދީފައި ހުރި ސިޓީތަކާއި ލޯބިވެރިންނަށް ފޮނުވާފައި ހުރި ނޯޓުތަކެވެ. އެކަމަކު އޭގެ ތެރެއިން ސަލާމަތް ކުރެވުނީ މަދު އެއްޗެކެވެ.

ޓައިމް ކެޕްސޫލް ވަޅުލީ އޭރު މަޖީދިއްޔާ ސްކޫލްގެ ހުޅަނގު ފަރާތު ފާރު ކައިރީގައި އޭރު ހުރި ކްލާސް ރޫމެއްގަ އެވެ. މިހާރު އެއީ ދަރުމަވަންތަ ސްކޫލްގެ ސަރަހައްދެވެ.

ބައެއް މީހުން ބުނާ ގޮތުގައި ދަރުމަންތަ ސްކޫލް އަލުން އިމާރާތްކުރަންވެގެން ބިން ސާފުކުރުމުގެ ތެރޭގައި އެ ހަން ހަލާކުވީ މީގެ ހަތަރު މަހެއްހާ ދުވަސް ކުރިންނެވެ. އަދި އޭގައި ހުރި ބައެއް ސާމާނު، އެހެން ކުނިތަކާ އެކު ތިލަފުއްޓަށް އުކާ ލާފައިވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ޓައިމް ކެޕްސޫލް ހޯދުމަށް ކޮނުނު އިރު، އޭގައި ހަނދާންތައް ރައްކާކުރި ގިނަ ދަރިވަރުންތަކެއް އެބަަ ތިއްބެވެ. އެކަމަކު އޭގެ ތެރެއިން ގިނަ މީހުން ފޮނި އުއްމީދުތަކަކާ އެކު ފޮރުވި ހަނދާންތައް ފެންނަ ގޮތެއް ނުވި އެވެ.