Roadha Mihaaru
ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ދޫކޮށްލަނީ

ލަންކާގައި ހައްޔަރުކުރި ހަތަރު ދިވެއްސަކު ދޫކޮށްލަނީ

27 އެޕްރީލް 2019

ސްރީ ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން އެ ގައުމުގައި ހައްޔަރު ކުރި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހުން ދޫކޮށްލަން ކޯޓުން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސްރީ ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން އެ ގައުމުގައި ހައްޔަރު ކުރި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހުން ދޫކޮށްލަން ކޯޓުން ނިންމައިފި އެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކާ ހަވާލުވާން އަންނަން އާއިލާތަކަށް އަންގާފައިވާ ކަމަށެވެ. ބަންދުގެ މުއްދަތު ޖެހުމަށް އެ މީހުން ކޯޓަށް ވެސް ހާޒިރުކުރި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހަތަރުމީހުންނާ ހަވާލުވާން އަންނަން އެންގީ އެ މީހުންނާ ދެކޮޅަށް އެއްވެސް ކުށެެއްގެ ދައުވާ އުފުލާފައި ނުވާތީ އެވެ. ސްރީ ލަންކާގައި ބޮންގޮއްވާލައި ދިން ހަމަލާތަކާ އެ މީހުންނާ ގުޅުން އޮތް ކަމަކަށް ވެސް ތުހުމަތެއް ނުކުރެ އެވެ.

އެ މީހުން ހައްޔަރުކުރީ ދިރިއުޅޭ ގެއިން އެއާގަންއެއް ފެނުނު މައްސަލައިގަ އެވެ.

އޭގެ އިތުރުން ދެ ދިވެއްސަކު ހައްޔަރުކުރީ ދިރިއުޅޭ ގެއިން އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ފެނިގެންނެވެ. އެ މީހުންގެ ބަންދަށް ކޯޓުން މިއަދު ވަނީ 10 ދުވަސް އިތުރުކޮށްފަ އެވެ.

ސްރީ ލަންކާގައި އާދިއްތަ ދުވަހު ބޮން ގޮއްވާލައި 200 އަށް ވުރެ ގިނަ މީހުން މަރުވި މައްސަލައިގައި އެ ގައުމުގެ ގެތައް ފާސްކުރުމުގެ ބޮޑު އޮަޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ދިވެހިން އުޅޭ ގެތައް ވެސް ހިމެނެ އެވެ.

ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެ އެވެ. އަދި ދިވެއްސަކު އެހީތެރި ކަމެއް ބޭނުންވެއްޖެ ނަމަ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގުޅުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.