Roadha Mihaaru
މިއީ ފައިތިލަ އެންމެ ބޮޑު އަންހެނާ

މިއީ ފައިތިލަ އެންމެ ބޮޑު އަންހެނާ

06 މެއި 2019

އިނގިރޭސިވިލާތުގެ، އުމުރުން 49 އަހަރުގެ ޖޫލީ ފެލްޓަން އަކީ އޭނާ ވަރަށް ތުއްތު އިރުއްސުރެ ވެސް އާދަޔާހިލާފު ބޮޑު ފައިތިލައެއް ލިބިފައިވާ މީހެކެވެ. އޭނާގެ މަންމަ ވެސް އެ ވާހަކަ އަބަދު ފާހަގަކޮށް، ޖޫލީ އަށް ހެޔޮވަރު ފައިވާނެއް، ބޫޓެއް ހޯދަން އުނދަގޫ ވާހަކަ ދެއްކި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ، އުމުރުން 49 އަހަރުގެ ޖޫލީ ފެލްޓަން އަކީ އޭނާ ވަރަށް ތުއްތު އިރުއްސުރެ ވެސް އާދަޔާހިލާފު ބޮޑު ފައިތިލައެއް ލިބިފައިވާ މީހެކެވެ. އޭނާގެ މަންމަ ވެސް އެ ވާހަކަ އަބަދު ފާހަގަކޮށް، ޖޫލީ އަށް ހެޔޮވަރު ފައިވާނެއް، ބޫޓެއް ހޯދަން އުނދަގޫ ވާހަކަ ދެއްކި އެވެ.

އެކަމަކު އެއީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބިދާނެ ސަބަބަކަށް ވެދާނެ ކަމަށް އޭނާ ދުވަހަކު ވެސް އުންމީދެއް ނުކުރެ އެވެ. ނަމަވެސް އެ ނަސީބު މިދިޔަ މަހުގެ 20 ވަނަ ދުވަހު ލޯބިވެރިޔާ ސްޓީވްއާ ކައިވެނި ކުރި ޖޫލީ އަށް ވަނީ ލިބިފަ އެވެ. އޭނާއަކީ މި ވަގުތު ދުނިޔޭގައި ހުރި ފައިތިިލަ އެންމެ ބޮޑު އަންހެނާ އެވެ.

ޖޫލީގެ ކަނާތު ފައިތިލައިގެ ބޮޑު މިނަކީ 32.9 ސެންޓިމީޓަރު (1 ފޫޓް 0.95 އިންޗި) އެވެ. ވާތު ފައިތިލައިގައި ހުންނަނީ 32.37 ސެންޓިމީޓަރު (1 ފޫޓް 0.88 އިންޗި) އެވެ.

ދުނިޔޭގައި މި ވަގުތު ހުރި އެންމެ ފައިތިލަ ބޮޑު މީހާއަކީ ވެނެޒުއޭލަށް ނިސްބަތްވާ ފިރިހެނެކެވެ. ޖެއިޒަން އޮލެންޑޯ ރިޑްރިގޭޒް ހާންޑޭޒްގެ ފައިތިލައިގެ ބޮޑުމިނަށް ބަލާ އިރު އޭނާގެ ކަނާތު ފައިތިލައި ހުންނަނީ 40.55 ސެންޓިމީޓަރު (1 ފޫޓް 3.96 އިންޗި) އެވެ. ވާތު ފައިތިލައިގެ ބޮޑުމިނަކީ 40.47 ސެންޓިމީޓަރު (1 ފޫޓް 3.93 އިންޗި) އެވެ.

އެންމެ ބޮޑު ފައިތިލަ ހުރި އަންހެނާގެ މަގާމާ އެކު ގިނިސް ވޯލްޑް ރިކޯޑުން މިހާރު ވަނީ ޖޫލީ އަށް އެކަމުގެ ރަސްމީ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

އޭނާގެ މި އާދަޔާހިލާފު ސިފައާ ބެހޭ ގޮތުން ބުނީ ކައިވެނީގެ ހެދުމާ އެކު ވެސް ލާނެ ހެޔޮވަރު ބޫޓެއް ނުލިބިގެން ޖެހުނީ ބޫޓް ހަދާ ކުންފުންޏެއް ކަމަށްވާ "ރެއިންބޯ ކްލަބް ޝޫޒް" ކިޔާ ތަނަކުން ކަސްޓަމައިޒް ބޫޓެއް ތައްޔާރު ކުރުވާށެވެ.

"އެކަން ސްޓީވް [ފިރިމީހާ] ވަރަށް ފުރިހަމަ އަށްކޮށް ދިން،" ޖޫލީ ބުންޏެވެ.

އޭނާ ބުނީ މިހާރު ގަބޫލުކުރާ ގޮތުގައި ފައިތިލަ އަދި މިއަށް ވުރެ ބޮޑު ބަޔަކު ވެސް ތިބެދާނެ ކަމަށެވެ. އެހެންވެ ބޫޓާއި ފައިވާން ހަދާ މީހުން ވެސް އޭނާގެ ސައިޒާއި އަދި އެއަށް ވުރެ ބޮޑެތި ސައިޒްތަކަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް އިސްކޮޅުގައި 6 ފޫޓް 5 އިންޗި ހުންނަ ޖޫލީ ބުންޏެވެ.

"އަހަރެން ފައިވާނެއް ނޫނީ ބޫޓެއް ލިބޭތޯ ފިހާރައަކަށް ވަދެލައި ސައިޒް ބުނެލީމަ ގިނަ ބަޔަކު ތިބެނީ ހައިރާންވެގެން ގޮސް އަނގަ ހުޅުވިފައި،" އޭނާ ބުންޏެވެ.

ޖޫލީ މިހާރު ދެކެނީ ފައިތިލައިގެ ސަބަބުން އޭނާ ވަރަށް ހާއްސަ މީހަކަށްވެފައިވާ ކަމެވެ. އެހެންވެ އޭނާގެ ފައިތިލަ ވަރަށް ވެސް ހާއްސަ އެވެ. ފައިތިލަ އަށް ބަލަހައްޓާ ސަމާލުކަމާާއި ލޯތްބާ އެކު އޭނާގެ ކަނާތުގެ ފައިތިލައިގައި ހުންނަނީ ޖޫލީ އެންމެ ގަޔާވާ ޑެއިޒީ މަލުގެ ޓެޓޫއެއް ވެސް ޖަހައިފަ އެވެ.

"މި ޓެޓޫ އިން އަހަރެންގެ ފައިތިލައިގެ ހާއްސަކަން އިތުރުކޮށްދޭ،" އޭނާ ބުންޏެވެ.