Roadha Mihaaru
ޖުޑީޝަރީ އިސްލާހުވާނީ ގާނޫނުއަސާސީން: ޖާބިރު

ޖުޑީޝަރީ އިސްލާހުކުރަން ވަގުތުން ގާނޫނުއަސާސީ ބަދަލުކުރަންޖެހޭ: ޖާބިރު

29 މެއި 2019

ޖުޑީޝަރީ އިސްލާހުކުރަން ބޭނުން ނަމަ ގާނޫނުއަސާސީ އަށް ވަގުތުން ބަދަލުގެންނަންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔާފަރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުޑީޝަރީ އިސްލާހުކުރަން ބޭނުން ނަމަ ގާނޫނުއަސާސީ އަށް ވަގުތުން ބަދަލުގެންނަންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔާފަރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑައަޅާ މެންބަރަކު ހޮވުމަށް ކުރި ބަހުސްގައި ޖާބިރު ވިދާޅުވީ ސިޔާސީ ބޭފުޅުން ތިއްބަވައިގެން ޖޭއެސްސީ ރަނގަޅު ނުވާނެ ކަމަށާއި ޝަރުއީ ދާއިރާ އަށް "އަތް ނުބާނައި" މެކޭނިޒަމެއް މަޖިލިހުގެ ތެރެއިން އުފަންކުރަން ބޭނުންވާ ކަމަށެވެ. ޖޭއެސްސީ މިހާރު އެކުލެވިފައި އޮތީ ސިޔާސީ ބޭފުޅުން ވެސް ތިއްބަވާ ގޮތަށް ކަމަށް ވާތީ އެކަމަށް އިޝާރާތްކުރައްވަމުން ޖާބިރު ވިދާޅުވީ މިހާރު އޮތީ "އަތް ބާނައިގެން" ނުވަތަ "މޮހޮރު" ޖަހައިގެން ކަންތައްތައް ކުރާނެ މެކޭނިޒަމެއް ކަމަށެވެ.

ޖުޑިޝަރީ އަށް ފާޑު ކިޔަމުން އަންނަތާ ޒަމާންވެފައިވާ އިރު، ޖުޑިޝަރީ މިނިވަން ކުރެވޭނީ ސިޔާސީ ބޭފުޅުންގެ ކިބައިން އެތަން ސަލާމަތް ކުރެވިގެން ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"މިއަދުން މިއަދަށް ގާނޫނުއަސާސީ ބަދަލުކޮށް، އަޅުގަނޑަށް ފެންނަނީ ރާއްޖޭގެ ޖުޑިޝަރީ މިނިވަންކޮށް ޖުޑިޝަރީއާ ދިމާލަށް އެއްޗެހި ކިޔަން އޮންނަ ފުރުސަތު ހަނިކުރަން،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި މީގެ ކުރިން ފަނޑިޔާރުން ހުކުމް ކުރައްވަނީ ބަންޑާރަ ނައިބުން އަންގަވާ ގޮތަކަށެވެ. މަޖިލިހުގެ ރައީސުން ޖޭއެސްސީގައި ތިއްބެވުމުގެ ސަބަބުން ސިޔާސީ ކަންކަން އެ ކޮމިޝަންގެ ތެރެއަށް ވަދެފައިވީ ނަމަވެސް، މިފަހަރު އެހެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ފަނޑިޔާރަށް ސީދާ ގުޅުއްވާފައި ވަކި ގޮތަކަށް ހުކުމް ކުރަން ވިދާޅުވެފައި އެބަހުރި،" ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވައި ޖާބިރު ވިދާޅުވި އެވެ.

ޖޭއެސްސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރެއްގެ އިތުރުން އާންމުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރެވެ.

ޖޭއެސްސީގައި ދެން ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.

މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައި އޮންނަ ގޮތާ މެދު މެމްބަރުން ބަހުސް ކުރައްވަން ބޭނުންވާ ނަމަ، މިރޭ ޖަލްސާއެއް ބޭއްވިދާނެ ކަމަށެވެ. ޖޭއެސްސީއާ ގުޅޭ ގޮތުން ޖަލްސާގައި ގިނަ މެމްބަރުން ވަނީ ހިޔާލު ފާޅުކުރައްވައިފަ އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމުކުރަން ކަމަށެވެ. އަދި ރަނގަޅު ފަނޑިޔާރުގެއެއް ގާއިމު ކުރެވޭނީ މިހާރު ތިއްބެވި ފަނޑިޔާރުން ވަކި ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ސުޕްރީމް ކޯޓުގައި ތިއްބެވި ކޮރަޕްޓް ފަނޑިޔާރުން ވަކި ކުރަން ޖެހޭ،" ސިރާޖު ވިދާޅުވި އެވެ.

ޖާބިރުގެ ވާހަކައަށް ތާއީދު ކުރައްވައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ކޮން ގޮތަކަށްތޯ މަޖިލިހުގައި މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. ޖޭއެސްސީ އަށް ބޭފުޅުން އައްޔަން ކުރުމަކީ ފަނޑިޔާރުގެ އިސްލާހުވުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.