Roadha Mihaaru
ރާއްޖެ އަށް އަންނަނީ އާ ފުރުސަތުތަކެއް ފަހިވަމުން

ރާއްޖެ އަށް އަންނަނީ ތަރައްގީގެ އާ ފުރުސަތުތަކެއް ފަހިވަމުން

16 ޖޫން 2019

"އިންސާނުންނަކީ އިޖުތިމާއީ ގުޅުންތަކެއްގެ މައްޗަށް ދިރިއުޅޭ ބައެއް. މަގުދައްކާނެ ލީޑަރުންނަށް ބޭނުންވުމަކީ އަހަރެމެން އިންސާނުންގެ ޠަބީޢީ ސިފައެއް."

"އިންސާނުންނަކީ އިޖުތިމާއީ ގުޅުންތަކެއްގެ މައްޗަށް ދިރިއުޅޭ ބައެއް. މަގުދައްކާނެ ލީޑަރުންނަށް ބޭނުންވުމަކީ އަހަރެމެން އިންސާނުންގެ ޠަބީޢީ ސިފައެއް."

މިއީ، މިދިޔަ މޭ މަހު ވިއެނާގައި ބޭއްވި އޮސްޓްރިއަން ވާލްޑް ސަމިޓުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާ މުޚާތަބު ކުރަމުން، ސްވިޑްންގެ ޒުވާން ކްލައިމެޓް އެކްޓިވިސްޓް ގްރެޓާ ތަންބާގް ފާހަގަކުރި ވާހަކައެކެވެ. ތަންބަގް ދެކޭ ގޮތުގައި ވެރިންގެ ޒިންމާ އަކީ ތެދުވެރިކަމާ އެކު މުޅި އިންސާނިއްޔަތަށް ފައިދާ ކުރާނެ މަސައްކަތްތައް ކޮށްދިނުމެވެ.

މިއީ އަހަރުމެންނަށް، އަހަރެމެންގެ ވެރިންގެ ކިބައިން ފެންނަން އެންމެ އެދޭ ކަންކަން ކަމުގައި ވާ ނަމަ، ދެން ކުރެވޭ ސުވާލަކީ އާންމު ރައްޔިތުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކަކީ ކޮބައި ބާވަ އެވެ؟

ކަންކަމުގައި ނިންމުންތައް ނިންމަން ޖެހޭ ހާލަތްތަކުގައި، ނުވަތަ އާ ހިޔާލެއް ފާޅުކުރެވޭ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެންނަށް ކުރެވޭ ސުވާލަކީ އެކީ ކާކު ދިން ހިޔާލެއްތޯ އެވެ. ގިނަ ފަހަރަށް ހިޔާލުގެ މުއްސަނދިކަމަށް ވުރެ ބޮޑަށް މުހިއްމު ވަނީ އެއީ ކާކު ފާޅުކުރި ހިޔާލެއްތޯ ބެލުމަށެވެ. އިންސާނުންނަކީ އިޖުތިމާއީ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް ދިރިއުޅޭ ބައެއް ކަމުން މިއީ އަޅުގަނޑުމެންގެ ތޮބީއަތުގައި ހުންނަ ސިފައެކެވެ.

ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅާފައިވާ އާ ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ ހައިސިއްޔަތުން، އަޅުގަނޑަށް މިއަދު ފެންނަނީ، ދިވެހިންނަށް އަދި ދިވެހިރާއްޖެ އަށް މިހާތަނަށް ލިބިފައި ނުވާ ތަރައްގީގެ އެތައް ފުރުސަތުތަކެއް ފަހިވަމުން އަންނަ ތަނެވެ. މިއީ، ތިމާވެއްޓާ ރައްޓެހި އަދި ރާއްޖޭގެ މާހައުލާ ގުޅޭ ތަރައްގީގެ މަޝްރޫއުތަކަކަށް ފަހިވަމުން އަންނަ ފުރުސަތުތަކެއްކަން ކަށަވަރެވެ. އަޅުގަނޑުމެން މި އަށް މިކިޔަނީ ދެމެހެއްޓެނިވި ތަރައްގީ އެވެ.

މި ދެންނެވި ކަންކަން ހާސިލުކުރުމަށް އެންމެންގެ ވެސް އަމާޒު "ސިޔާސީ" އިން "ތަރައްގީ" އަށް ބަދަލުވާން އެބަ ޖެހެ އެވެ. "ކާކު ދިން ޚިޔާލެއްތޯ" ބެލުމުގެ ބަދަލުގައި އެއީ "ކޮން ކަހަލަ ޚިޔާލެއްތޯ" ބެލުމުގެ ވަގުތު މި އޮތީ ޖެހިފަ އެވެ.

މިގޮތުން މި ދެންނެވި ތަރައްގީގެ ފުރުސަތުތަކުގެ ތެރެއިން ބައެއް ކަންކަމަށް ބަލައިލަމާތޯ އެވެ؟

ދިވެހިރާއްޖޭގެ އިގްތިސާދަކީ އާންމުންގެ މެދުގައި ހަމަހަމަކަން ގާއިމު ކޮށްދިނުމަށް ބޭނުންކުރެވިދާނެ މުހިއްމު ވަސީލަތެކެވެ. މިސާލެއް ނަގާ ނަމަ، ދިވެހި މަސައްކަތްތެރިންގެ އާބާދީގެ 10.5 ޕަސެންޓަކީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނެވެ. ނަމަވެސް ގައުމީ އާމްދަނީގައި މަސްވެރިކަމުގެ ސިނާއަތުން ހިއްސާކުރަނީ އެންމެ 1.7 ޕަސެންޓެވެ. މިއިން ހާމަވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ ގިނަ ބަޔަކަށް މިއަދު ލިބެމުން މިދަނީ ގައުމީ އާމްދަނީގެ ނިސްބަތުން ކުޑަ މިންވަރެއް ކަމެވެ.

ހަމަހަމަ އިގުތިސާދެއް ބިނާކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ތަފާތު ސިނާއަތްތަކެއް އުފެދެން އެބަ ޖެހެ އެވެ. ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ މިއަދު ޒުވާނުންނެވެ. އަދި އެމީހުން ތިބީ ހީވާގިކަމާ އެކު ގައުމުގެ އިގުތިސާދު އާރާސްތު ކުރުމަށް ބޭނުންވެ ކެތް މަދުވެފަ އެވެ. ޔޫއެންޑީޕީން ދާދި ފަހުން ތައްޔާރުކުރި ދިރާސާއަކުން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ، މިފަދަ ފުރުސަތުތައް ފަހިވާނެ ފަދަ ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ހަރުދަނާ މާހައުލެއް ގާއިމު ކުރެވިއްޖެ ނަމަ، ދިވެހި ޒުވާނުން އިގުތިސާދީ ކަންކަމުގައި ބައިވެރިވުމަށް ތައްޔާރަށް ތިބި މިންވަރެވެ. އެއްވެސް މީހަކު ބާކީ ނުކުރާ، އެންމެންނަށް އޭގެ މަންފާކުރާ ހަމަހަމަ އިގުތިސާދެއް ބިނާކުރެވޭނޭ ކަމުގެ އެތައް މިސާލެއް މި ރާއްޖޭގެ ތަރައްގީގެ ތެރެއިން ފެންނަން އެބަ ހުއްޓެވެ.

ރާއްޖޭގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް އަޅުގަނޑަށް އެންމެ ބޮޑަށް ފަހާގަކުރެވުނު ކަމަކީ، ދިވެހިންނަކީ އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުގައި، ދެމެއްޓެނިވި ތިމާވެއްޓެއް ބިނާކުރުމަށް އިސްކަންދޭ ސަގާފަތެއް ގެންގުޅެމުން އަންނަ ބައެއް ކަމެވެ. ރާއްޖެ އަކީ، ވިލުނޫ ފަޅުތަކާއި ވިދާ ދޮންވެލި ގޮނޑުދޮށްތަކާއި އާޝޯހުވާ ފަދަ ގުދުރަތީ ރީތިކަމުގެ ސަބަބުން އެތައް މިލިއަން ފަތުރުވެރިންގެ މަގުބޫލުކަން ހޯދާފައިވާ ގައުމެކެވެ. ފަތުރުވެރި ކަމަކީ ރާއްޖެ، މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމަކަށް ނުވަތަ "މިޑްލް އިންކަމް ކަންޓްރީ" އަކަށް ބަދަލުވާން މަގުފަހިވި އެންމެ ބޮޑު ސަބަބު ކަމަށް ވީ ނަމަވެސް، އެ ސިނާއަތުގެ މަސައްކަތްތައް ކުރިއަށް ގެންދަން ވާނީ ދިވެހިން އެތައް ހާސް އަހަރުތަކެއް ވަންދެން ރައްކާތެރި ކުރަމުން އައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ގުދުރަތީ މުއްސަނދިކަމަށް ގެއްލުމެއް ނުދީ އެގޮތުގައި ބޭއްވުމަށް ސަމާލުވެ ތިބެ ކަން ކަށަވަރެވެ.

"އިންޓަގަވަމެންޓަލް ސައިންސް-ޕޮލިސީ ޕްލެޓްފޯމް އޮން ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާވިސަސް" އިން ބުނާ ގޮތުގައި ދުނިޔޭގެ މުރަކަ ފަރުތަކުގެ ގާތްގަނޑަކަށް 33 ޕަސެންޓާއި ކަނޑުގައި ދިރިއުޅޭ މަންމަލި ޖަނަވާރުތަކުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ނެތިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު މި ވަނީ ދުނިޔެއަށް ކުރިމަތިވެފަ އެވެ. ބިމާއި ކަނޑުގެ ވަސީލަތްތަކުން ހިފާ ބޭނުންތަކަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި ވަކި ހައްދެއް ނެތި ކަނޑުގެ ދިރުންތަކުގެ ބޭނުން ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ މާހައުލު ތަޣައްޔަރުވުމާއި އަދި އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ ދިރޭތަކެތި އާލާވުމުގެ ސަބަބުން އެ ތަނަށް ކުރާ ނޭދެވޭ އަސަރަކީ މި ކަން މިހެން މެދުވެރިވުމަށް އެންމެ ބޮޑަށް ދިމާވި ފަސް ސަބަބު ކަމަށް މި ދިރާސާގައި ބަޔާންކޮށްފައިވެ އެވެ.

މިސާލަކަށް 80 ގެ އަހަރުތަކާ އަޅާބަލާއިރު ޕްލާސްޓިކުގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވާ މިންވަރު މިހާރު 10 ގުނަ އަށް އިތުރުވެ، މި ކަމުގެ އަސަރު މަދުވެގެން 267 ދިރުމުގެ ބާވަތްތަކަށް ކޮށްފައިވެ އެވެ. އޭގެ ތެރެއިން 86 ޕަސެންޓަކީ ވެލާ ކަހަނބު، 44 ޕަސެންޓަކީ އާނުމަތީ ދޫނި އަދި 43 ޕަސެންޓަކީ ކަނޑުގައި ދިރިއުޅޭ މަންމަލި ޖަނަވާރުތަކެވެ.

ރާއްޖޭގެ ކަނޑު އަޑީގެ މުއްސަނދިކަމަށް ހީނުކުރާ ފަދަ ހަލުވިމިނެއްގައި ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ. މި ގުދުރަތީ މުއްސަނދިކަން ރައްކާތެރިކޮށް ކުރިއަށް އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ. ކަން މިހެން ހުރުމާ އެކު، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ދެމެހެއްޓެނިވި އުސޫލުތައް ގެންގުޅުމަކީ ދިވެހިން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަންތައްކަން ކަށަވަރެވެ. މިގޮތުން އިގުތިސާދީ ކުރިއެރުންތައް ހާސިލުކުރުމުގައި ކަނޑުގެ ދިރުންތަކުގެ ސިއްހަތު ރައްކާތެރިވާނޭ ފަދަ ގޮތަކަށް ބޭނުންކުރުން ނުވަތަ "ބްލޫ އިކޮނޮމީ" އަކީ މި ހަފުތާގައި މާލޭގައި ބާއްވާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ އެއް ކަމެވެ.

މި ފާހަގަކުރި ހުރިހާ ކަމެއް ވެސް ހާސިލު ކުރެވޭނީ އެންމެން އެއް ލަނޑުދަނޑިއަކަށް ވާސިލުވުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ދެނެގަނެ، އެކަމަށް އަމަލު ކޮށްގެންނެވެ. އާންމުން މިކަން ދެނެގަނެ މިކަން ހާސިލުކުރުމަށް އަމަލުކުރަން ފަށާނީ، ސިޔާސަތުތައް ކަނޑައެޅުމާއި ބައްޓަން ކުރުމުގައި އިސް ރޯލެއް އާންމުން އަދާކުރުމަށް ފުރުސަތު ލިބިގެންނެވެ.

ރައްޔިތުންގެ އަޑުތައް އަހައި އަދި ރައްޔިތުން ފާހަގަކުރާ ކަންކަމަށް އަމަލުކުރުމަށް ފުރުސަތު ދިނުމަކީ އޭގެ ސަބަބުން ދެ ފުށް ފެންނަ، ވެރިން ޖަވާބުދާރީ ކުރެވޭނެ ނިޒާމުތައް ހިމެނޭ ހަރުދަނާ ވެރިކަމެއް ގާއިމުވެ، ދެމެހެއްޓެނިވި ތަރައްގީ އަށް މަގުފަހި ވެގެންދާނެ ކަމެކެވެ. އެހެންކަމުން "ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް' ނުވަތަ (އެސްޑީޖީ)ގެ 16 ވަނަ ލަނޑުދަނޑި ކަމަށްވާ "ސުލްހަ މަސަލަސްކަމާއި އަދުލު އިންސާފު އަދި ހަރުދަނާ މުއައްސަސާތައް ގާއިމުކުރުން" އެއީ އެހެން ހުރިހާ ލަނޑުދަނޑިތަކެއް ހާސިލު ކުރުމަށް މަގުފަހި ކުރާ ސަބަބެކެވެ. މިގޮތުން ވިސްނާ ނަމަ މި ލަނޑުދަނޑި އަކީ ހާސިލުނުކޮށް ދޫކޮށްލައިގެން ނުވާނެ ވަރުގެ މުހިއްމު ލަނޑުދަނޑިއެއް ވެސް މެ އެވެ.

ތަރައްގީގެ މައިދާނުގައި ރާއްޖެ މިކުރާ ދަތުރުގައި ކެތްތެރިކަމާ އެކު، ހަލުވި ބާރުމިނުގައި ކުރިއަށް ދާން އެބަ ޖެހެ އެވެ. ތަނަވަސް އިސާފުވެރި މުޖުތަމައެއް ބިނާކުރުމަށް އިސްނަގަނީ ކޮން ފަރާތަކުންތޯ ބެލުމަށް ވުރެން މުހިއްމީ، އާންމުންނަށް އެކުއެކީގައި ހާސިލު ކުރެވޭނީ ކޮން ކަންކަމެއްތޯ ދެނެގަތުމެވެ. މި ފަދައިން ބިނާކުރާ ގައުމު ވާން ވާނީ ހަމައެކަނި މި ޖީލަށް ފައިދާ ކުރުވަނިވި ގައުމެއްގެ ބަދަލުގައި، އަންނަން އޮތް ޖީލުތަކަށް ވެސް ފައިދާކުރާ ގައުމަކަށެވެ.

އެޑިޓަރުގެ ނޯޓު: އަކީކޯ ފޫޖީ އަކީ ޔޫއެންޑީޕީ މޯލްޑިވްސްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އެވެ. އޭނާ ވަނީ ޖެމެއިކާ، ފީޖީ (ފެޑެރޭޓަޑް ސްޓޭޓްސް އޮފް މައިކްރޮނީޝިއާ، ކިރިބަތީ، މާޝަލް އައިލެންޑްސް، ނައޫރޫ، ޕަލައޫ، ޓޮންގާ، ޓުވަލޫ، ވަނުއަޓޫ ހިމެނޭ ގޮތަށް) ސޫދާން، ޕާކިސްތާން، އަދި ވިއެޓްނާމްގެ ޔޫއެންޑީޕީ އޮފީސްތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ އަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކުގައި (ސިޑްސް) ގައި ދިމާވާ ތަރައްގީގެ މައްސަލަތަކަށް ހާއްސަ ޝައުގުވެރި ކަމެއް ގެންގުޅުއްވާ ބޭފުޅެކެވެ.