Roadha Mihaaru

މުރްސީ އަވަހާރަވި ގޮތް ތަހުގީގު ކުރުމަށް އދ. އިން ގޮވާލައިފި

ގާހިރާ (ޖޫން 19) - ކޯޓަށް ހާޒިރުކޮށްފައި ހުންނަވަނިކޮށް، މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އަވަހާރަވި މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކުރަން އދ. އިން ގޮވާލައިފި އެވެ.

މުރްސީގެ މަރު ތަހުގީގު ކުރުމަށް އދ. އިން ގޮވާލައިފި
ހަސަން އާމިރު
ހަސަން އާމިރު

19 ޖޫން 2019

ގާހިރާ (ޖޫން 19) - ކޯޓަށް ހާޒިރުކޮށްފައި ހުންނަވަނިކޮށް، މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އަވަހާރަވި މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކުރަން އދ. އިން ގޮވާލައިފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން އިއްޔެ ބުނީ މުރްސީ ޖަލުގައި ބެހެއްޓި ހަ އަހަރު ދުވަހު ތެރޭ އެމަނިކުފާނާ މެދު ކަންތައް ކުރި ގޮތް ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އިއްޔެ ވަނީ ގާހިރާގައި ފަސްދާނުލައިފަ އެވެ.މިސްރު ސަރުކާރުން ބުނެފައި ވަނީ މުރްސީ ކޯޓު ތެރެއަށް ވެއްޓިވަޑައިގަތީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

މުރްސީގެ އާއިލާ އިން ބުނެފައި ވަނީ އެމަނިކުފާނަކީ ލޭމައްޗަށް ދިއުމާއި ހަކުރުބައްޔާއި ކިޑްނީގެ މައްސަލަތައް ވެސް ހުންނަ ބޭފުޅަކަށް ވިޔަސް އެ ކަންކަމަށް ޖަލުގައި ފަރުވާ ނުލިބޭ ކަމަށެވެ.

"މުރްސީ ޖަލުގައި ބެހެއްޓި ދުވަސްވަރު ކަންތައްތައް ކުރިގޮތާ މެދު ކަންބޮޑުވުންތައް އެބަހުރި. އޭގެ ތެރޭގައި ސިއްހީ ފަރުވާ ނުދިނުމާއި އާއިލާ އާއި ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުދިނުން ހިމެނޭ،" އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ތަރުޖަމާން ރުޕާޓް ކޮލްވީލް ވިދާޅުވި އެވެ. "މުރްސީގެ މަރުގެ ތަހުގީގު ހިންގަން ޖެހޭނީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ބަޔަކު."

މުރްސީގެ ވެރިކަން ޖުލައި 3، 2013 ގައި ސިފައިންގެ އަސްކަރީ ބަޣާވާތަކުން ވައްޓާލި އިރު އިސްކޮށް ހުންނެވީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އެވެ.

މުރްސީގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ ގޮވާލައިފަ އެވެ.

"މުރްސީގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ މިސްރު ސަރުކާރުން. ސަބަބަކީ ގައިދީއެއްގެ ގޮތުގައި ޖަލުގައި ހުންނެވި އިރު އެންމެ އަސާސީ ބޭސް ފަރުވާ ފަދަ އެތައް ހައްގަކުން މަހްރޫމްކޮށްފައިވާތީ،" އެމްނެސްޓީން ބުނެފައިވެ އެވެ.

މުރްސީގެ މައްޗަށް ތުރުކީގެ އިސްތަންބޫލްގައި ޣައިބަށް ކުރި ކަށުނަމާދުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އުރުދުޣާން ވިދާޅުވީ މުރްސީ އަކީ "ޝަހީދެއް" ކަމަށެވެ. އަަދި މުރްސީ އަވަހާރަވީ ގުދުރަތީ އަވަހާރަވުމަކުން ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ޒަމާންވީ ވެރިކަން ވެއްޓި 2012 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި މުރްސީ މަގާމުން ދުރުކުރުމަށް ފަހު އެމަނިކުފާނުގެ މައްޗަށް ވަނީ އެތައް ދައުވާއެއް އުފުލައިފަ އެވެ. މުރްސީ އަވަހާރަވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ، ޖާސޫސްކޮށްދިނުމުގެ ދައުވާ އަށް ކޯޓަށް ހާޒިރުކޮށްފައި ހުންނަވަނިކޮށެވެ. އޮފިޝަލުން ވިދާޅުވީ ކޯޓުގައި ބަހައްޓާފައި ހުރި، "ސައުންޑް ޕްރޫފް" ބިއްލޫރި ކޮއްޓެއް ފަދަ އެއްޗެއްގެ ތެރޭގައި މުރްސީ ވާހަކަ ދެއްކެވި ކަމަށެވެ. ޖޫރީންނާ އިރުކޮޅެއް ވަންދެން މުރްސީ ވާހަކަ ދެއްކެވި ކަމަށާއި މުރްސީ ވެއްޓުނީ ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލާފައި ވަނިކޮށް ކަމަށް އޮފިޝަލުން ބުނެ އެވެ.