Roadha Mihaaru

މިސްރުން 12 މީހެއްގެ މަރުގެ ހުކުމް ދަމަހައްޓައިފި

މިސްރުގެ ވެރިރަށް ގާހިރާގައި 2013 ވަނަ އަހަރު ކުރި މުޒާހަރާތައް ރޫޅައިލުމުގެ ތެރޭގައި، ސަލާމަތީ ބާރުތަކުން ހައްޔަރު ކުރި މީހުންގެ ތެރެއިން، ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ 12 މީހެއްގެ މަރުގެ ހުކުމް، މިސްރުގެ އެންމެ މަތީ މަދަނީ އިސްތިއުނާފް ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

މިސްރުން 12 މީހެއްގެ މަރުގެ ހުކުމް ދަމަހައްޓައިފި

މިސްރުގެ ވެރިރަށް ގާހިރާގައި 2013 ވަނަ އަހަރު ކުރި މުޒާހަރާތައް ރޫޅައިލުމުގެ ތެރޭގައި، ސަލާމަތީ ބާރުތަކުން ހައްޔަރު ކުރި މީހުންގެ ތެރެއިން، ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ 12 މީހެއްގެ މަރުގެ ހުކުމް، މިސްރުގެ އެންމެ މަތީ މަދަނީ އިސްތިއުނާފް ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި 2013 ވަނަ އަހަރު ކުރި މުޒާހަރާތައް ރޫޅައިލުމުގެ ތެރޭގައި، ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން، 800 އެއްހާ މީހުން މަރުވެ 5000 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

މި 12 މީހުންނަކީ ވެސް، މިސްރުގައި މަނާކޮށްފައިވާ އިޚްވާނުލް މުސްލިމީން (މުސްލިމް ބްރަދަހުޑް) ޖަމާއަތުގެ މީހުންނެވެ. މިމީހުންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ، 2013 ވަނަ އަހަރުގެ ޖުލައި މަހު މިސްރު ސިފައިން ގެނައި އަސްކަރީ އިންގިލާބެއްގައި އޭރުގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން ވައްޓައިލުމާ ގުޅިގެން، ރާބިއާ އަލްއަދަވިއްޔާ މައިދާނަށާއި މަގުތަކަށް އެއްވެ ކުރި މުޒާހަރާތަކުގެ ތެރޭގައި، ހުއްދަ ނެތި ހަތިޔާރު ގެންގުޅުމާއި ސިފައިންނާއި ފުލުހުންނަށް ހަމަލާ ދިނުމުގެ ކުށެވެ.

އަސްކަރީ އިންގިލާބަށް ފަހު، އެއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، މުޒާހަރާ ރޫޅައިލުމަށް ސިފައިންނާއި ފުލުހުން ނުކުމެ، މުޒާހަރާ ކުރި މީހުންގެ ތެރެއަށް ވަދެގަނެ ބަޑި ޖެހުމުގެ ސަބަބުން، އެންމެ ދުވަހެއްގެ ތެރޭގައި 800 އެއްހާ މީހުން މަރުވި އެވެ. އޭރު އޮތް ވަގުތީ ސަރުކާރުން ބުނެފައިވަނީ، މުޒާހަރާ ކުރި މީހުން އުޅުނީ ހަތިޔާރު ހިފައިގެން ކަމަށާއި، ބާރުގެ ބޭނުންކުރަން ޖެހުނީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

މިސްރުގެ އެންމެ މަތީ މަދަނީ އިސްތިއުނާފް ކޯޓުން، މި 12 މީހުންގެ މަރު ހުކުމް ދެމެހެއްޓުމުން، އެ ހުކުމް އިސްތިއުނާފް ކުރުމުގެ ހުރިހާ މަރުހަލާތަކެއް ނިމުނީ އެވެ. ދެން އޮންނާނީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން، ރައީސް އަބްދުލްފައްތާހް އައްސީސީ، އެ ހުކުމް ތަސްދީގު ކުރެއްވުމެވެ.

މަރުގެ ހުކުމް އިއްވި 12 މީހުންގެ ތެރޭގައި މުސްލިމް ބްރަދަހޫޑް ޖަމާއަތުގެ މުފްތީގެ ގޮތުގައި ބަލާ އަބްދުއްރަހްމާން އަލްބިއްރު އާއި މުރްސީ ސަރުކާރުގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ އުސާމާ ޔާސީން އާއި ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ މުހައްމަދުލް ބިލްތާޖީ ހިމެނެ އެވެ.

މިމީހުންގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި، އާންމު ރައްޔިތުންނަށް ހަމަލާ ދީ، ސަލާމަތީ ބާރުތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރި، ގޭންގުތަކުގެ މީހުންނަށް ހަތިޔާރު ފޯރުކޮށްދިނުމާއި، ހުއްދަ ނެތި ހަތިޔާރު ގެންގުޅުމާއި، ބޮން ހަދަން ބޭނުންކުރާ ތަކެތި ގެންގުޅުމުގެ ކުށް ހިމެނެ އެވެ. އޭގެ އިތުރުން ފުލުހުންގެ ބަޔަކު މެރުމާއި ސަލާމަތީ ބާރުތަކާ ދެކޮޅު ހެދުމާއި އާންމު މުދަލާއި ތަކެއްޗަށް ގެއްލުންދިނުމުގެ ކުށްވެސް ހިމެނެ އެވެ.

މި 12 މީހުންގެ މަރުގެ ހުކުމް ދެމެހެއްޓުމުގެ އިތުރުން، ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައި ތިބި އިތުރު 31 މީހެއްގެ މަރުގެ ހުކުމް، އުމުރު ދުވަހުގެ ޖަލު ހުކުމަށް ވެސް ބަދަލުކުރި އެވެ.

މުރްސީގެ ވެރިކަން ވެއްޓުމާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި 75 މީހެއްގެ މައްޗަށް މިސްރުގެ ކޯޓުން، 2018 ވަނަ އަހަރުގެ ތެރޭގައި މަރުގެ ހުކުމް އިއްވި އެވެ. އަދި އެތައް ބަޔަކަށް ޖަލު ހުކުމްތައް އިއްވި އެވެ. އޭގެ ތެރޭގައި، 10 އަހަރުގެ ޖަލު ހުކުމެއްގައި މިހާރު ހުންނެވި މުރްސީގެ ދަރިކަލުން އުސާމާ ވެސް ހިމެނިވަޑައިގަނެ އެވެ.