Roadha Mihaaru
"ފާސްޓް 9" ގައި ވެސް ތެރަން އާއި މިރެން ހިމެނޭ

"ފާސްޓް އެންޑް ފިއުރިއަސް 9" ގައި ވެސް ޝާލީޒް ތެރަން އާއި ހެލެން މިރެން ހިމެނޭ

10 ޖުލައި 2019

މިދިޔަ މަހު އިނގިރޭސިވިލާތުގައި ޝޫޓިން ފެށި "ފާސްޓް އެންޑް ފިއުރިސް" ސީރީޒްގެ ނުވަ ވަނަ ފިލްމުން ވެސް އެންމެ ފަހުން ގެނެސް ދިން ފިލްމުގެ ކާސްޓްގައި ހިމެނުނު ދެ ބަތަލާއިން ކަމަށްވާ ޝާލީޒް ތެރަން އާއި ހެލެން މިރެން ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު އިނގިރޭސިވިލާތުގައި ޝޫޓިން ފެށި "ފާސްޓް އެންޑް ފިއުރިސް" ސީރީޒްގެ ނުވަ ވަނަ ފިލްމުން ވެސް އެންމެ ފަހުން ގެނެސް ދިން ފިލްމުގެ ކާސްޓްގައި ހިމެނުނު ދެ ބަތަލާއިން ކަމަށްވާ ޝާލީޒް ތެރަން އާއި ހެލެން މިރެން ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.

މި ސީރީޒްގެ އާންމު އެއް ތަރި އަދި ފިލްމުގެ ޕްރޮޑިއުސަރު ވިން ޑީޒެލް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނީ ތެރަން އާއި މިރެން މި ފަހަރު ވެސް ފެންނާނެ ކަމަށެވެ.

ދެހާސް ސަތާރައިގައި ރިލީޒް ކުރި "ފާސްޓް އެންޑް ފިއުރިއަސް" ގެ 8 ވަނަ ފިލްމު "ފޭޓް އޮފް ފިއުރިއަސް" ގައި ތެރަން، 43، ކުޅުނީ ކްރިމިނަލް މާސްޓަމައިންޑް އަދި ސައިބާ-ޓެރިސްޓް ސައިފާ ކިޔާ ކެރެކްޓާއެކެވެ. އުމުރުން ދުވަސްވީ ބަތަލާ މިރެން، 73، ކުޅުނީ ޑެކާޑް ޝޯ ކުޅޭ ޖޭޒަމް ސްޓެތަމްގެ މަންމަ މެގްޑެލެން ޝޯގެ ކެރެކްޓާ އެވެ.

ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ "ފާސްޓް އެންޑް ފިއުރިސް" ގެ 9 ވަނަ ފިލްމުގެ ކާސްޓާ މި ފަހަރު އަލަށް ގުޅުނު އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއަކީ ޖޯން ސީނާ އެވެ. ކުރިން ޑްވޭން (ރޮކް) ޖޯންސަން މި ސީރީޒްގެ ފިލްމުތަކުން ފެނުނަސް، އޭނާ ނެތުމުގެ ފަޅުކަން މި ފަހަރު ފިލުވައި ދޭނީ ސީނާ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މިޝެލް ރޮޑްރިގޭޒް، ޓައިރީޒް ގިބްޒަން، ޖޯޑަނާ ބްރޫޒްސްޓާ އަދި ނަތާލީ އެމެނުއެލް ހިމެނެ އެވެ.

އަންނަ އަހަރުގެ މެއި މަހުގެ 22 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމު މި ފަހަރު ޑައިރެކްޓް ކުރަނީ "ފާސްޓް އެންޑް ފިއުރިއަސް" ގެ ހަތަރު ފިލްމެއް ކުރިން ޑައިރެކްޓްކޮށްފައިވާ ޖަސްޓިން ލިން އެވެ.

އެފް ގެރީ ގްރޭ 2017 ގައި ޑައިރެކްޓްކޮށް ގެނެސް ދިން "ފޭޓް އޮފް ދަ ފިއުރިއަސް" އަކީ ބޮކްސް އޮފީހުގައި 1.239 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

"ފާސްޓް އެންޑް ފިއުރިއަސް 9" ގެ މަސައްކަތް ކުރަމުން އަންނަ އިރު މި ސީރީޒްގެ ސްޕިން-އޮފެއްގެ ގޮތުގައި ރޮކް އާއި ޖޭޒަން ޓައިޓްލް ރޯލް ކުޅެފައިވާ "ހޮބްސް އެންޑް ޝޯ" އަންނަ މަހުގެ 1 ގައި ސިނަމާތަކަށް އަންނާނެ އެވެ.