Roadha Mihaaru
"ފާސްޓް 9" ގެ ކާސްޓާ ކާޑީ ބީ ވެސް ގުޅިއްޖެ

"ފާސްޓް އެންޑް ފިއުރިއަސް 9" ގެ ކާސްޓާ ކާޑީ ބީ ވެސް ގުޅިއްޖެ

25 އޮކްޓޯބަރ 2019

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ނުވަ ވަނަ ފިލްމުގެ ކާސްޓާ އެމެރިކާގެ އަންހެން ރެޕާ ކާޑީ ބީ ގުޅިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ނުވަ ވަނަ ފިލްމުގެ ކާސްޓާ އެމެރިކާގެ އަންހެން ރެޕާ ކާޑީ ބީ ގުޅިއްޖެ އެވެ.

މި ސީރީޒްގެ އާންމު މޫނު އަދި ޕްރޮޑިއުސަރު ވިން ޑީޒެލް އިންސްޓަގްރާމްގައިި ހިއްސާކުރި ވީޑިއޯއަކާ އެކު ވަނީ ފިލްމުގެ ކާސްޓާ ކާޑީ ބީ ގުޅުނުކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު އޭނާ ފެންނާނީ ކޮން ކަހަލަ ކެރެކްޓާއަކުން ކަމެއް އަދި ނޭނގެ އެވެ.

މިއީ މިދިޔަ މަޖު ރިލީޒްކުރި ޖެނިފާ ލޮޕޭޒްގެ "ދަ ހަސްލާޒް" އަށް ފަހު، ކާޑީ ބީ ސޮއިކުރި ދެވަނަ ފިލްމެވެ.

"ފާސްޓް އެންޑް ފިއުރިއަސް 9" ގެ ކާސްޓާ ޖޫން މަހު ޖޯން ސީނާ ވެސް ގުޅިފައިވާ އިރު، މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ޗާލީޒް ތެރޯން، ހެލެން މިރެން، މިޝެލް ރޮޑްރިގޭޒް، ޓައިރީޒް ގިބްސަން، ޖޯޑަނާ ބްރޫސްޓާ، ނަތާލީ އެމަނުއަލް، ކްރިސް ބްރިޖެސް އަދި މައިކަލް ރޫކާ ހިމެނެ އެވެ.

ފަހަރެއްގައި، ނުވަ ވަނަ ފިލްމުން މިސްވާނެ ތަރިއަކީ ޑްވޭން (ރޮކް) ޖޯންސަނެވެ. އާ ފިލްމަކު އޭނާ ނުހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރޮކް މި ފަހަރު ފިލްމުގައި ނުހިމެނުނީ ޑީޒެލްއާ ޖެހުނު މައްސަލައެއްގައި ގުޅުން ގޯސްވުމުންނެވެ.

އެކަމަކު ރޮކާ އެކު ދާދި ފަހުން "ފާސްޓް އެންޑް ފިއުރިއަސް" ގެ ސްޕިން-އޮފެއް "ހޮބްސް އެންޑް ޝޯ" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.

ޖަސްޓީން ލިން ޑައިރެކްޓްކުރާ "ފާސްޓް އެންޑް ފިއުރިއަސް 9" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއު 22 ގަ އެވެ.