Roadha Mihaaru
"އެފް9" އަންނަ އަހަރަށް ފަސްކޮށްފި

ކޮވިޑް-19 އާ ހެދި "އެފް9" އަންނަ އަހަރަށް ފަސްކޮށްފި

14 މާޗް 2020

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒްގެ ނުވަ ވަނަ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒްގެ ނުވަ ވަނަ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ކުރިން އަންނަ މެއި މަހުގެ 22 ގައި ރިލީޒްކުރަން ތާވަލުކޮށްފައި "އެފް9: ދަ ފާސްޓް ސާގާ" ކޮވިޑް-19އާ ހެދި މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 2 އެވެ. ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ދެ މަހެއްހާ ދުވަހަށްވެފައި ވަނިކޮށް ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހުރެ، އެއަށް ކުރަން ޖެހޭ އިންތިޒާރު މިހާރު ވަނީ އަހަރެއްހާ ދުވަހަށް ދިގުލައިގެން ގޮސްފަ އެވެ.

މިކަމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ މި ދަނޑިވަޅަކީ ފިލްމު ސިނަމާތަކަށް ގެންނަން ރަނގަޅު ދަނޑިވަޅަކަށްނުވާތީ އަންނަ އަހަރަށް ފިލްމު ފަސްކުރީ ކަމަށެވެ.

"އެފް9: ދަ ފާސްޓް ސާގާ" އަކީ ޖަސްޓިން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މީގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ވިން ޑީޒެލް، މިޝެލް ރޮޑްރިގޭޒް، ކްރިސް ބްރިޖެސް، ޝާލީޒް ތެރޮން، ހެލެން މިރެން، ޖޯން ސީނާ، ނަތަލީ އެމަނުއެލް އަދި ޓައިރީޒް ގިބްސަނެވެ. ރިޕޯޓްތައް ބުޔނާގޮތުން ފިލްމުގެ ރޯލަކުން ބެން ސްޓިލާ ވެސް ފެންނާނެ އެވެ.

ފާސްޓް އެންޑް ފިއުރިއަސް ސީރީޒްގެ ފިލްމަކަށް އެންމެ ފަހުން ސިނަމާތަކަށް އައީ 2017 ގެ "ފޭޓް އޮފް ދަ ފިއުރިއަސް" އެވެ. އަދި މީސީރީޒްގެ ސްޕިން-އޮފެއްގެ ގޮތުގައި މިދިޔަ އަހަރު "ހޮބްސް އެންޑް ޝޯ" ގެނެސްދީފައިވެ އެވެ.

ކޮވިޑް-19އާ ހެދި މި އަހަރު ގިނަ ފިލްމުތަކުގެ ތާރީހަށް ބަދަލު ގެންނަމުންދާ އިރު، ކުރިން އަންނަ މަހު ރިލީޒްކުރަން އޮތް ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ވަނީ މި އަހަރުގެ ނޮވެމްބަރަށް ފަސްކޮށްފަ އެވެ.