Roadha Mihaaru
"މަޒުލޫމް" ނިންމާލާނީ އައްޒަގެ "ހިންތާ" އިން

"މަޒުލޫމް" ނިންމާލާނީ އައްޒަގެ "ހިންތާ" އިން

10 ޑިސެމްބަރ 2021

ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ބަތަލާ މަރިޒަމް އައްޒަ ކުރު ފިލްމެއްގެ ބޮޑު ރޯލަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ބަތަލާ މަރިޒަމް އައްޒަ ކުރު ފިލްމެއްގެ ބޮޑު ރޯލަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށް "މަޒުލޫމް" ގެ ނަމުގައި ގެނެސްދެމުން އަންނަ ކުރު ފިލްމު ސީރީޒްގެ ހަތަރު ވަނަ ބައި "ހިންތާ" އެވެ. މީގެ ދަށުން އެންމެ ފަހުން ގެނެސްދިން "މިންޖު" ކުޑަ ރޯލަކުން ވެސް އައްޒަ ފެނިފައިވެ އެވެ. "ބޮސް" އާއި "4426" އާއި "ހައްދު" އަދި "ދައުވަތު" ފަދަ އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2019 ގެ "މާމުއި" އިންނެވެ.

"ހިންތާ" ގެ ޓީޒާ ޓްރެއިލާއެއް ވެސް މިހާރު އާންމު ކޮށްފައިވާ އިރު، މިއީ ޔަގީނުން ވެސް އައްޒަގެ ފޭނުންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެ އެވެ. "މަޒުލޫމް" ގެ ބައިތައް ގެނެސްދެނީ އިޖުތިމާއީ އެކި ކަހަލަ މައްސަލަތަކާ ގުޅުވައިގެން ކަމަށްވާތީ "ހިންތާ" ގައި ވެސް ކިޔައިދޭނީ މައްސަލަތައް ބޮޑު އަނދިރި ވާހަކައެކެވެ. މީގެ ކާސްޓްގައި އައްޒަގެ ޅިޔަނު ރަވީ ފާރޫގް، އައިޝަތު އަލީ، އަލީ އުސާމް (ދޮނާ) އަދި އައިޝަތު ލަހުފާ ހިމެނެ އެވެ.

މީގެ ކުރީގެ ބައިތަކާ އެއްގޮތަށް "ހިންތާ" ވެސް ސްޓްރީމްކުރާނީ ބައިސްކޯފުންނެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. "މަޒުލޫމް" ގެ ކުރީ ބައިތަކުގެ ތެރޭގައި ހިމެނެނީ "މިންޖު" ގެ އިތުރުން "ޒައްރޫކް" އަދި "މަޒްލޫމް" އެވެ.

"މަޒުލޫމް" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި 2019 ގެ "ބަވަތި" ގެނެސްދިން އިއްލެގެ އައި ފިލްމްސް އާއި އާސިމް އަލީގެ ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ އެއްޗެކެވެ.

އިއްލެ މިހާރު "ނީނާ" ގެ ނަމުގައި ދެވަނަ ފިލްމެއް ހަދައިގެން އެ ސިނަމާ އަށް ގެނެވޭނެ އިރެއްގެ އިންތިޒާރުގައި އިރު އޭނާ އޮތީ "ބިރުވެރި ވާހަކަ" ނަމުގައި ވެސް ކުރު ފިލްމު ސީރީޒެއްގެ މަސައްކަތް ފަށައިފަ އެވެ.

"ހިންތާ" އިން އައްޒަ ބެލުންތެރިންނާ ބައްދަލުކުރާ އިރު، މަސައްކަތް ނިމި ރިލީޒްނުވެ ހުރި އޭނަގެ ފިލްމުތަކުގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ "ކޮސް ގިނަ މިސްޓޭކް" އާއި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" ހިމެނެ އެވެ.