Roadha Mihaaru
"ފަރީ" ޑިޖިޓަލް ޕްރިމިއާއަކަށް

"ފަރީ" ޑިޖިޓަލް ޕްރިމިއާއަކަށް

11 މާޗް 2021

ކޮވިޑް-19 އާ ހެދި ދިވެހި ސިނަމާގައި ފިލްމު އެޅުވޭނެ އިރެއް ނޭނގުމެއްގެ ތެރޭގައި އޮތުމުން، ފިލްމު "ފަރީ" ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އާ ހެދި ދިވެހި ސިނަމާގައި ފިލްމު އެޅުވޭނެ އިރެއް ނޭނގުމެއްގެ ތެރޭގައި އޮތުމުން، ފިލްމު "ފަރީ" ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމައިފި އެވެ.

ކުރިން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އަޅުވަން ރޭވި މި ފިލްމު ޕްރިމިއާކުރާނީ ބައިސްކޯފުންނެވެ. އެ ޕްލެޓްފޯމުން "ފަރީ" ގެ ޓީޒާއެއް ވެސް އާންމުކޮށް ބުނެފައި ވަނީ ވަރަށް އަވަހަށް ފިލްމު އަންނާނެ ކަމަށެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާމް ސައީދު (އަންދު) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލީޑް ރޯލުން ފެންނާނީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ރަވީ ފާރޫގެވެ. އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ "ފަރީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު) އާއި ފައުޒިއްޔާ ހަސަނާއި "ބޮސް" އިން ތައާރަފުވި މުހައްމަދު ޔުނާންގެ އިތުރުން "ގޮށްރާޅު" އިން ތައާރަފުވި ބަތަލާ ތަސްނީމާ ހިމެނެ އެވެ.

"ފަރީ" އަކީ މަދޮށިޕާއި ޑައިރެކްޓަރު އަންދުގެ ފިލްމު ކުންފުނި ކުއްނާރު ޕްރޮޑަކްޝަނާއި ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ އެއް ކާފު ޕްރޮޑަކްޝަންސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މި އަހަރު ޑިޖިޓަލް ޕްރިމިއާއަކަށް ދާން އިއުލާންކުރި ފުރަތަމަ ފިލްމަކީ އެއް ކާފުގެ ޕޮލިޓިކަލް ތުރިލާ "މަރްޔަމް" އެވެ. އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ މަރިޔަމް މަޖުދާ (މަޖޫ) އެވެ.