Roadha Mihaaru
މާލި ހަދަން އުޅުނު ކުއްޖެއްގެ ގައިގައި ރޯވެ ފިހިއްޖެ

މާލި ހަދަން އުޅެނިކޮށް މީދޫގައި ކުއްޖެއްގެ ގައިގައި ރޯވެ ވަރަށް ބޮޑަށް ފިހިއްޖެ

12 ސެޕްޓެމްބަރ 2016

އައްޑޫ މީދޫގައި އީދު ކުޅިވަރު ކުޅެން މިއަދު ހަވީރު މާލި ހަދަން އުޅުނު ކުއްޖެއްގެ ގައިގައި ރޯވެ، ފިހިގެން ފަރުވާ ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ މީދޫގައި އީދު ކުޅިވަރު ކުޅެން މިއަދު ހަވީރު މާލި ހަދަން އުޅުނު ކުއްޖެއްގެ ގައިގައި ރޯވެ، ފިހިގެން ފަރުވާ ދޭން ފަށައިފި އެވެ.

ހަވީރު 4:00 ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި ފިހުނީ މީދޫ ޗަމަން ހަސަން ޖިހާދު، 15، އެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނީ ޖިހާދު އެތަނަށް ގެންދިޔަ އިރު ހަށިގަނޑުގެ 50 ޕަސެންޓް ފިހިފައިވާ ކަމަށެވެ. ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު، އޭނާ މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެތަނުން ފަރުވާ ދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ޖިހާދުގެ ގައިގައި ރޯވީ މާލި ހަދަން ގައިގައި ކަފަ އާއި ފޮތި އޮޅައިގެން އުޅެނިކޮށް، ފޮތި ފަށެއްގައި އެހެން ކުއްޖަކު ލައިޓަރުން ރޯ ކުރުމުންނެވެ. އަދި ރޯވުމުން އަލިފާން ނިއްވައި ނުލެވި ކަފަ އާއި ފޮތީގައި ރޯވެ ޖިހާދު ފިހުނީ ކަމަށް މީދޫން ވާހަކަ ދެއްކި މީހަކު ވެސް ބުންޏެވެ.