ރާއްޖޭގައި ދޭ ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާކުރަން ރާއްޖެ އާއި ޗައިނާ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
24 ޖުލައި 2019
ރާއްޖޭގައި ދޭ ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާކުރަން ރާއްޖެ އާއި ޗައިނާ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ޗައިނާގެ ސަރުކާރުގެ ފަރާތުން ސޮއިިކުރެއްވީ އެ ގައުމުގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގެވެ.
އެ އެއްބަސްވުމުގެ ދަށުން، ލޮލުގެ ފަރުވާ ދޭ ހާއްސަ މަރުކަޒު ގާއިމްކުރަން ހަމަޖައްސާފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އެގޮތުން، އެތަނުން ދޭ ހިދުމަތްތައް ފުޅާކޮށް އާ ހިދުމަތްތައް ތައާރަފްކުރަން ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުޅުމާލޭގެ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކޮށް، ލޮލުގެ އެންމެ އާދައިގެ ފަރުވާތަކުން ފެށިގެން ހާއްސަ ސާޖަރީތައް ހެދޭ ފެންވަރަށް ތަރައްގީީ ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ލޮލުގެ ފަރުވާ ދިނުމަށް ބޭނުންވާ އާލާތްތައް ޗައިނާ ސަރުކާރުން ހޯދައިދޭން ވަނީ ނިންމާފައި.---ފައިލް ފޮޓޯ: މިހާރު
ހުޅުމާލޭ ހޮސްޕިޓަލުން އާންމުންނަށް ދޭ ލޮލުގެ ފަރުވާއާ ގުޅޭ އާލާތްތައް މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރާނެ އެވެ. އަދި ފަރުވާ ދިނުމަށް ޗައިނާގެ ލޮލުގެ ހާއްސަ ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތްކުރާނެ އެވެ. މީގެ އިތުރުން، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަމްރީނުތައް ޗައިނާގައި ދޭނެ އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި 2015 އަދި 2017 ވަނަ އަހަރު ވެސް ލޮލުގެ ހާއްސަ ކޭމްޕްތަކެއް ރާއްޖޭގައި ހިންގި އެވެ. އެ ކޭމްޕުތަކުގައި 1،000 އަށް ވުރެ ގިނަ މީހުން ސްކްރީންކޮށް 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ހެދި އެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާއާ ގުޅޭ އާލާތްތައް ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި އެވެ.
ހުޅުމާލޭގައި، ލޮލުގެ ފަރުވާ ދޭ ސެންޓަރު ހުޅުވައިފި
ހެލްތު މިނިސްޓްރީ ދިފާއުވުން ވެސް ނަޝީދަށް ގޯސް
ހުރިހާ ބަހެއް ބުނާނީ ސިއްހީ ދާއިރާގެ މީހުން: ރައީސް
ވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި
އަމީނަށް ވެސް މި ފަހަރު ސަލާމަތެއް ނުވެވުނު!
ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފި
"ސިއްހީ ހިދުމަތުގެ ޝަކުވާތަކާ ގުޅޭ ގޮންޖެހުން ގިނަ"
އާ ހޮސްޕިޓަލް ބޭނުންކުރަން ފެށޭނީ އަހަރުގެ މެދުތެރޭގައި
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
17 ލެބޯޓްރީއަކަށް ސާމާނު ހޯދަން ޗައިނާއާއެކު ސޮއިކޮށްފި