Roadha Mihaaru
ބޮޑު މެޗުގެ ކުރިން ކްލޮޕަށް ގާޑިއޯލާ ރައްދުދީފި

ބޮޑު މެޗުގެ ކުރިން ކްލޮޕަށް ގާޑިއޯލާ ރައްދުދީފި

03 އޯގަސްޓް 2019

ލަންޑަން (އޮގަސްޓް 3) - މެންޗެސްޓާ ސިޓީން ބޭނުން ވަރަކަށް ހަރަދުކުރެވޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދާދި ފަހުން ދެއްކި ވާހަކަތަކަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރައްދުދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮގަސްޓް 3) - މެންޗެސްޓާ ސިޓީން ބޭނުން ވަރަކަށް ހަރަދުކުރެވޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދާދި ފަހުން ދެއްކި ވާހަކަތަކަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރައްދުދީފި އެވެ.

މާދަމާރޭ އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ލީގުގެ ޗެމްޕިއަން ސިޓީ އާއި ލީގުގެ ރަނަރަޕް އަދި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް އެވެ. މެޗުގެ ކުރިން ގާޑިއޯލާ ހިތްހަމަނުޖެހިފައި ކްލޮޕަށް ރައްދުދިނުމުން މެޗުގެ ފޯރިގަދަވާނެ ކަމަށް އިނގިރޭސި ފުޓްބޯޅަ އެނަލިސްުޓުން ގަބޫލުކުރެ އެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް ދާދި ފަހުން ބުނީ ޔުއެފާ އިން ކްލަބްތަކުގެ ހަރަދުކުރުން ހަމަހަމަ އުސޫލެއްގައި ގެންގުޅެން ހަދާފައިވާ ގަވާއިދު އޮތްގޮތަށް އޮތް ނަމަވެސް ބޭނުން ގޮތަކަށް ހަރަދުކުރެވޭނެ ހަތަރު ކްލަބެއް އެބައޮތް ކަމަށެވެ.

"މިދިޔަ ދެ އަހަރު ތެރޭ އަހަރެމެން ވަރަށް ހަރަދުކޮށްފިން އެ ގޮތަށް ކޮންމެ ފަހަރަކު ނުކުރެވޭނެ. މީހުން ބުނެފާނެ ދެން ހަރަދުކުރާށޭ އިތުރު 200 މިލިއަން ޕައުންޑް ނޫނީ 300 މިލިއަން ޕައުންޑް. އެ ގޮތަށް މި ވަގުތު ކުރަން އޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް. ދެން އެ ގޮތަށް ކޮންމެ އަހަރަކު ކުރާނެ ދެ ކްލަބަކީ މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ،" ކްލޮޕް ބުނެފައިވެ އެވެ.

ގާޑިއޯލާ ބުނީ ކްލޮޕް ދެއްކި ވާހަކަތަކާ މެދު އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ.

"އަހަރެން އެކަމާ ކަންބޮޑުވޭ. އެއީ ހަގީގަތެއް ނޫން. އަހަރެމެން ކޮންމެ ޓްރާންސްފާ މާކެޓެއްގައި 200 މިލިއަން ޕައުންޑް ހަރަދެއް ނުކުރަން. އަހަރެން ކަންބޮޑުވޭ. އެ ވާހަކަ އެ ދެއްކީ ލިވަޕޫލުން. އެއީ ކުޑަ ކްލަބެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ސިޓީގައި އޭނާ ބޮޑު ހަރަދުކުރަން ޖެހުނީ ސަބަބެއް ނެތި ނޫންކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"އަހަރެން ދެ އަހަރު ކުރިން އެ ވަރުގެ ހަރަދެއް ކުރީ ސަބަބެއް އޮވެގެން. އުމުރުން 30 އަހަރުން މަތީގެ 11 ކުޅުންތެރިން ލައިގެން ކުރިއަށް ދެވެން ނެތިގެން. އެކަމަކު އަހަރެމެންނަށް ނެތް ކޮންމެ ފަހަރަކު 200 މިލިއަން ޕައުންޑް ހަރަދުކުރެވެން. މިސާލަކަށް ބަލަމާ ލިވަޕޫލުން ވެސް މިދިޔަ އަހަރު 200 މިލިއަން ޕައުންޑް ހަރަދުކުރި. އެކަމަކު މި ފަހަރު ނުކުރޭ. އެއީ ކުރެވެން ނެތީ. އެކަން މި ޓީމަށް ވެސް އުސޫލުގެ ތެރެއިން އަންނާނެ،" ގާޑިއޯލާ ބުންޏެވެ.

ސިޓީގެ ޖަރުމަނު ތަރި ލެރޯއި ސާނޭ، ބަޔާން މިއުނިކަށް ބަދަލުވަން އެއްބަސްވެ ގާތްގަނޑަކަށް އެއްބަސްވުމަކަސް އާދެވިފައިވާ ކަމަށް ޖަރުމަނު މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް ގާޑިއޯލާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

ލިވަޕޫލާއި ސިޓީ ކުޅޭ މެޗު ފަށާނީ މާދަމާ އިރުއޮއްސި ހަތެއް ޖަހާއިރު އެވެ.