Roadha Mihaaru
ސެން ފްރަންސިސްކޯ އެއާޕޯޓްގައި ޕްލާސްޓިކް ފެންފުޅި މަނާ

ސެން ފްރަންސިސްކޯ އެއާޕޯޓްގައި ޕްލާސްޓިކް ފެންފުޅި މަނާ

05 އޯގަސްޓް 2019

ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން، އެމެރިކާގެ ސެން ފްރަންސިސްކޯ އިންޓަނެޝަނަލް އެއާޕޯޓް (އެސްއެފްއޯ) ގައި ފްލާސްޓިކް ފެންފުޅީގެ ވިޔަފާރި ހުއްޓާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން، އެމެރިކާގެ ސެން ފްރަންސިސްކޯ އިންޓަނެޝަނަލް އެއާޕޯޓް (އެސްއެފްއޯ) ގައި ފްލާސްޓިކް ފެންފުޅީގެ ވިޔަފާރި ހުއްޓާލަން ނިންމައިފި އެވެ.

އެސްއެފްއޯ އިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ އެތަނުގެ ޒީރޯ ވޭސްޓް އިނިޝިއޭޓިވްގެ ދަށުން އެއާޕޯޓްގައި ހިންގާ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި އެއާޕޯޓްގެ ލައުންޖްތަކުގައި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެ ކަމަށެވެ.

ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މިކަމަށް މަރުހަބާ ކިޔައިފަ އެވެ.

"މީގެ އެންމެ އެންމެ ބޮޑު އެއް ބޭނުމަކީ އެއް ފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކޮށް، ތިމާވެއްޓާ ރައްޓެހި އޮޕްޝަންތަކަށް ދާން ވިޔަފާވެރިންނާއި ކަސްޓަމަރުންނަށް ވެސް ހިތްވަރު ދިނުން،" އެއާޕޯޓްގެ ބަޔާނުގައިި ބުންޏެވެ.

އެސްއެފްއޯ އިން ބުނީ ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާކުރުމަށް ފަހު، އެއާޕޯޓްގައި ދެން ފެނުގެ ވިޔަފާރިކުރަން ވާނީ އެއްފަހަރު ބޭނުން ކުރެވޭ ނުވަތަ އެއް ފަހަރަށް ވުރެ ގިނައިން ބޭނުން ކުރެވޭ އެލްމިނިއަމް ނުވަތަ ބިއްލޫރި އެއްޗެހީގައި ކަމަށެވެ.

ޕްލާސްޓިކް ފެންފުޅީގެ ވިޔަފާރި އެސްއެފްއޯގައި މަނާ ކުރަން ނިންމި އިރު، ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އެއާޕޯޓްގެ އެކި ސަރަހައްދުތަކުގައި ވަނީ ރިޔުޒަބަލް ފުޅިތަކަށް ފެން އެޅޭނެ 100 އެއްހާ ހައިޑްރޭޝަން ސްޓޭޝަން ވެސް ގާއިމުކޮށްފަ އެވެ.

އެސްއެފްއޯގެ ތަރުޖަމާނު ޑަގް ޔަކޭލް ވިދާޅުވި ގޮތުގައި އެއާޕޯޓްގައި ފްލާސްޓިކް ފެންފުޅި ވިއްކުން މަނާ ކުރި ފުރަތަމަ އެއާޕޯޓަށް ސެން ފްރާންސިސްކޯ އެއާޕޯޓް ވާނެ އެވެ. އަދި މިއީ ޕްލާސްޓިކާ ދެކޮޅަށް ދެމެހެއްޓިނިވި ގޮތަކަށް ކުރާ މަސައްކަތުގެ ވަރަށް މުހިއްމު ބައެއް ކަމަށް ވިދާޅުވި އެވެ.

"އަހަރެމެން ބޭނުން ވަނީ މިކަހަލަ ބަދަލުތަކެއް ގެނެސްގެން، އިންޑަސްޓްރީގައި މަސައްކަތް ކުރާ އެހެން ފަރާތްތަކަށް ވެސް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހިދުމަތް ބައްޓަން ކުރަން ހިތްވަރު ދިނުން،" ޔަކޭލް ވިދާޅުވި އެވެ.

އެސްއެފްއޯގައި ޕްލާސްޓިކް ފެންފުޅީގެ ވިޔަފާރި މަނާ ކުރަން ނިންމައި، އެކަން ތަންފީޒު ކުރަން ތައްޔާރުވާ އިރު، ސެން ފްރާންސިސްކޯ ބޯޑް އޮފް ސުޕަވައިޒާސް އިން އެކަން ނިންމީ 2014 ގަ އެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި ޕްލާސްޓިކްގައި ބަންދުކޮށްފައިވާ އެކި ކަހަލަ ކާބޯތަކެތި ވެސް ވިއްކުން މަނާ ކުރާނެ އެވެ.