Roadha Mihaaru
އަދީބު ދޫނިދު އަކަށް ނުގެންދޭ، ހުންނެވީ ދަތުރުމަތީގައި

އަދީބު ދޫނިދޫ ބަންދަކަށް ނުގެންދޭ، ހުންނެވީ ދަތުރުމަތީގައި

04 އޯގަސްޓް 2019

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފުރާވަޑައިގަތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެ ގެނެސް ދޫނިދޫގައި އަދި ބަންދު ނުކުރާ ކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފުރާވަޑައިގަތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެ ގެނެސް ދޫނިދޫގައި އަދި ބަންދު ނުކުރާ ކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން އަދީބު މާލެ ގެނެސް ދޫނިދޫގައި ބަންދުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދީބު މާލެ ގެނެސް ގަދަކަމުން ބަޔާންތަކެއްގައި ސޮއި ކުރުވާފައިވާ ކަމަށް ވެސް އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ވަނީ ސޯޝަލްމީޑިއާގައި ތުހުމަތުކޮށްފަ އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި އަދީބު ހުންނެވި ސިފައިންގެ އުޅަނދު އަދި އަންނަނީ ރާއްޖެ އަށް ދަތުރުކުރަމުންނެވެ. އަދީބު އަދި މާލެއަކަށް ނުގެނެ އެވެ.

ފުލުހުން ވަނީ ރަސްމީކޮސް މިކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު އަދީބު ރާއްޖެ ގެނެވޭނެ ވަގުތެއް ފުލުހުން އަދި ނުބުނެ އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ބޮޑެތި އެހެން މައްސަލަތަކުގެ ތުހުމަތު އެޅިފައިވާ އަދީބު މިދިޔަ ހޮނިހިރު ދުވަހު ފިއްލެވީ ހުރިހާ ހުކުމްތަކުން މިނިވަންވެފައި ވަނިކޮށެވެ. ތިން މައްސަލައެއް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ. އެކަމަކު މި ހުރިހާ ހުކުމްތަކެއް ކޯޓުތަކުން ކުއްލި ގޮތަކަށް ބާތިލްކުރީ އެވެ.

އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައި އޮއްވަ އެވެ. ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާ އެކު ބަންދުގެ އަމުރު ނެރެދޭން އެދުނުތާ ދެ މަސް ވި އިރު ވެސް ކޯޓުން އެ ހުށަހެޅުމާ މެދު ގޮތެއް ނުނިންމަ އެވެ.

ނުފިއްލަވާނެ ކަމުގެ ޔަގީންކަން ދެއްވައި އެމްއެމްޕީއާރުސީއާ ގުޅިގެން ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދެއްވަމުން ގެންދެވި އަދީބު ރާއްޖެ އިން ފުރާވަޑައިގަތް އެނގުނީ މިދިޔަ ބުދަ ދުވަހެވެ. އެއީ، ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އޮތް ގަޑިއަށް ވަޑައިނުގަތުމުންނެވެ.

އެ ދުވަހުގެ މެންދުރު ފަހު 1:45 އަށް ފުލުސް އޮފީހަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ފޯނުން އަދީބު އޮތީ ދެއްވައިފަ އެވެ. އޭރު އެމަނިކުފާނު ހުންނެވީ ޓަގުގަ އެވެ.

އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ޓަގުގައި ހުންނެވި އަދީބު އަތުލައިގަތީ އެ ގައުމުގެ ސިފައިންނެވެ. ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެ ޓަގު ބޯޓަކީ އިންޑިއާ އިން ހިލަ ހިފައިގެން ރާއްޖެ އަންނަ ބޯޓެކެވެ.

އަދީބުގެ ޕްލޭނެއް އަދި ސާފެއް ނޫނެވެ. އެމަނިކުފާނު ފިއްލެވި މައްސަލައިގައި ފުލުުހުން މާބޮޑު ތަފްސީލެއް ނުދެ އެވެ.

އެއް ބަޔަކު ލަފާ ކުރައްވާ ގޮތުގައި، އަދީބުގެ މިސްރާބަކީ އިންޑިއާ އަށް ވަޑައިގަތުމަކަށް ނޫނެވެ. ކަނޑުގެ ވަކި ހިސާބަކުން ސްރީ ލަންކާގެ އުޅަނދަކަށް ނަގައިގެން އޭނާ ލަންކާ އަށް ގެންގޮސް، އެ ގައުމުން ޔޫރަޕްގެ ކޮންމެވެސް ހިސާބަކަށް ވަޑައިގަތުމަކީ އަސްލު ރޭވުން ކަމަށް، އެއް ބަޔަކު ބުނެ އެވެ. އެކަމަކު ކޮންމެވެސް ކަމެއް ދިމާވެގެން ލަންކާގެ އެ ބޯޓަށް "ވާގޯ 9" އޮތް ހިސާބަށް ދެވޭ ގޮތެއް ނުވީ ކަމަށް ވާހަކަ ދެކެވެ އެވެ.

އަދީބު، ޔޫރަޕިއަން ޔޫނިއަންގެ ޕާސްޕޯޓެއް ގެންގުޅުއްވާ ކަމަށްވެ އެވެ.