Roadha Mihaaru
ހުސެއިން، ތަކުރާރުކޮށް ފައިސާގައި ހިފިކަމުގެ ތުހުމަތު!

ހުސެއިން ވަހީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް، ތަކުރާރުކޮށް ފައިސާ ނެގި!

27 އޮކްޓޯބަރ 2019

އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގި އިރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ތަކުރާރުކޮށް ފައިސާ ނެންގެވި ކަމަށް ފުލުހުން މިދިޔަ ބުރާސްފަތިދުވަހު ތުހުމަތުކުރި ޕޮލިސް ކޮމިޝަރަކީ ހުސެއިން ވަހީދު ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގި އިރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ތަކުރާރުކޮށް ފައިސާ ނެންގެވި ކަމަށް ފުލުހުން މިދިޔަ ބުރާސްފަތިދުވަހު ތުހުމަތުކުރި ޕޮލިސް ކޮމިޝަރަކީ ހުސެއިން ވަހީދު ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

ތަހުގީގީ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ އިރު ފުލުހުންގެ މުއައްސަސާގެ އިސް ވެރިއަކު ވެސް ތަކުރާރުކޮށް ފައިސާ ނެންގެވި ކަމަށެވެ.

ހަމީދު ވިދާޅުވި ގޮތުގައި ޚިޔާނާތުން މަންފާ ލިބުނު އޮފިސަރުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްސް އިން އަންނަނީ ބަލަމުންނެވެ. އެކަމަކު ތަކުރާރުކޮށް ފައިސާގައި ހިއްޕެވީ ފުލުހުންގެ އެންމެ އިސް ކޮން ބޭފުޅެއް ކަމެއް، އޭނާ ވިދާޅެއް ނުވެ އެވެ.

ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި އެ ބައްދަލުވުމުގައި، ޚިޔާނާތުގެ ފައިސާ އިން ވަކިވަކި ފުލުހުންނަށް ބައި އަޅައި، ގާނޫނާ ޚިލާފަށް ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތުކުރި އެވެ. އޭގެ ތަފްސީލުތައް ހާމަނުކުރިޔަސް "މިހާރު"އަށް އެނގިފައިވާ ގޮތުގައި، އަދީބާ އެކު ހިންގެވި ބައެއް މުއާމަލާތްތަކުން، އެ މުއައްސަސާ އަށް ސިޔާސީ ނުފޫޒު ފޯރާފައި އޮތީ ކޮމިޝަނަރަކަށް ހުސެއިން ވަހީދު ހުންނެވި އިރު އެވެ.

މިކަމާ ގުޅިގެން ހުސެއިން ވަހީދަށް "މިހާރު" އިން ގުޅުމުން އޭނާ އެއްސެވީ ތުހުމަތުކުރާ ޕޮލިސް ކޮމިޝަނަރެއްގެ ނަން ފުލުހުން އާއްމުކުރީތޯ އެވެ. ނުކުރާ ނަމަ، އެކަމުގައި ވާހަކަ ދައްކަވަން ބޭނުން ނޫން ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން ވިދާޅުވީ ނުހައްގު އެއްވެސް އަމަލެއް ހިންގަވާފައި ނޯންނާނެ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނީ ޚިޔާނާތުގެ ތުހުމަތުކުރެވޭ ލިސްޓުގައި ހިމެނޭ އެއްވެސް މީހެއްގެ ނަން އާއްމުކުރަން ގަސްތުނުކުރާ ކަަމަށެވެ. އެއީ، ތަހުގީގުތައް ކުރިއަށްދާތީ ކަމަށް ޕޮލިސް ކޮމިޝަނަރު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ތުހުމަތުތައް ހުސެއިން ވަހީދު ދޮގުކުރެއްވި ނަމަވެސް، ފުުލުހުންގެ އެންމެ މަތީ މަގާމުގައި އޭނާ ހުންނެވި އިރު ފައިސާގެ ނުފޫޒު ފޯރުވި ކަމަށް އެންމެ ފުރަތަމަ ތުހުމަތުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ފުލުހުންގެ މުއައްސަސާ އަށް އާދަޔާ ޚިލާފަށް ފައިސާގެ ނުފޫޒު ވަދެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގި ކަން އާއްމުކުރެއްވީ އެމަނިކުފާނު ދަތުރު ކުރެއްވި "ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގުމާ އެކުގަ އެވެ. އަދީބު އިސްވެ ހުންނަވައި، ސަލާމަތީ ޚިދުމަތްތައް ފޫއަޅުވާލައިގެން ހިންގި ކަމަށް ތުހުމަތުކުރެވޭ މި ހާދިސާ ފަހު ފުލުހުންގެ އިދާރާއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހުސެން ވަހީދު ބަދަލުކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ހުސެއިން ވަހީދު މަގާމުން އެކަހަރިކޮށް، އޭގެ ފަހުން، ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ހަވާލުކުރީ ޑެޕިއުޓީ ކޮމިޝަނަރު ހަސަން ހަބީބާ އެވެ. ޚިޔާނާތުގެ މަންފާ ބޮޑެތި އަދަދުތަކުން ލިބިވަޑައިގަތް އޮފިސަރުންގެ ތެރޭގައި، އެ މުއައްސަސާއިން މިހާރު ވަކިވެފައިވާ ހަބީބުގެ ނަން ވެސް ހިމެނޭ ކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.

ތަހުގީގީ އިދާރާތަކުން އާއްމުކޮށްފައިވާ ގޮތުގައި ޚިޔާނާތުގެ މަންފާ ލިބުނު ލިސްޓުގައި 276 މީހަކު ހިމެނެ އެވެ.