Roadha Mihaaru
ރާއްޖެ އާއި ލަންކާގެ ވޮލީ މެޗު ފޯރިގަދަކުރަނީ

ރާއްޖެ އާއި ލަންކާގެ ވޮލީ މެޗު ފޯރިގަދަކުރަނީ

09 އޯގަސްޓް 2019

މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށާއި ގެއްލިފައިވާ ވޮލީގެ ފޯރި އަލުން ދިރުވުމަށް މާލޭގައި ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމު ކުޅެން ރާވާފައިވާ މެޗުތައް އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށާއި ގެއްލިފައިވާ ވޮލީގެ ފޯރި އަލުން ދިރުވުމަށް މާލޭގައި ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމު ކުޅެން ރާވާފައިވާ މެޗުތައް އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުގެ ދައުވަތަކަށް އާދިއްތަ ދުވަހުގެރޭ ލަންކާ ޓީމު މާލެ އަންނަ ގޮތަށް ހަމަޖެހިފައިވާއިރު، ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ތިން މެޗެއް ކުޅޭނެ އެވެ. އެއީ 12، 13 އަދި 14 ވަނަ ދުވަހުގެ ރެ އެވެ.މީގެ ތެރެއިން އެންމެ ހާއްސަ މެޗަކީ 13 ވަނަ ދުވަހުގެރޭ ކުޅޭ މެޗެވެ.

މިނިސްޓްރީން ވަނީ މި މެޗުތަކަށް ސަޕޯޓަރުން އިތުރުކުރަން ވ. އަތޮޅުންނާއި ކ. އަތޮޅުގެ ރަށްތަކުން ގިނަ ސަޕޯޓަރުންގެންނަ ގޮތަށް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން މާލެ ސަރަހައްދު ރިސޯޓްތަކުން ވެސް މި މެޗަށް އަންނާނެ ކަމަށާއި ޕޮލިހާއި އެމްއެންޑީއެފް އިން ވެސް މި މެޗު ފޯރިގަދަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވޮލީބޯޅައިގެ ފޯރި އަލުން ދިރުވުމަށް ކުރެވޭ މަސައްކަތެއް މިއީ. އަޅުގަނޑުމެންނަށް މީގެ ކުރިން ފެނިގެންގޮސްފި (ފުޓްބޯޅަ) ޗެލެންޖް ކަޕް ގައި ނެގި ފޯރި. އެ ފަދަ ފޯރިއެއް ރާއްޖޭގައި ކުޅެވޭ ހުރިހާ ކުޅިވަރަކަށް ގެންނަން ބޭނުންވަނީ. އަޅުގަނޑުމެންގެ އަމާޒަކީ ސޯޝަލް ސެންޓަރުގައި ސަޕޯޓަރުން ފުރިގެން އެތާ ބޭރުގައި ބޮޑު ސްކްރީން ކައިރީގައި ވެސް ގިނަ ބަޔަކު މެޗުތައް ބަލަން ތިބޭ ވަރުކޮށްލުން،" ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން:

ޔޫތު މިނިސްޓްރީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން:

ރާއްޖޭގެ ގިނަ ކުޅިވަރުތަކަށް އެކި ފުރުސަތުތައް މުސްތަގުބަލުގައި ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ. މީގެ ކުރިން މިނިސްޓަރު އިސްވެ ހޯދައިދިން ފުރުސަތެއްގައި ގައުމީ ފިރިހެން ވޮލީ ޓީމު ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. މިއީ މި ލެވެލްގެ ތަނެއްގައި ރާއްޖޭގެ ޓީމަކަށް ތަމްރީންތަކެއް ފުރިހަމަކުރަން ލިބުނު ފުރަތަމަ ފުރުސަތެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފާ އެކު ބައިވެރިވި ކުރީގެ ދެ ވޮލީބޯޅަ ކުޅުންތެރިން ކަމަށްވާ ފަތުހުﷲ ވަހީދު (ފައްލޯ) އައި މުހައްމަދު ރަނޭޝް (ރަނޭ) ފާހަގަކުރިގޮތުގައި މި މެޗަކީ ހަގީގަތުގައި ވޮލީ އާއިލާ އަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އަޅުގަނޑުމެން ކުޅުނުއިރު މި ކަހަލަ މެޗުތަކެއް ކުޅެލަން ނުލިބޭ. އަޅުގަނޑު ދަންނަވާނީ މިއީ ދިވެހި ވޮލީ ކުރިއަރުވަން ކުރާ މަސައްކަތުގައި އިތުރުވާ ބޮޅެކޭ. ވޮލީބޯޅަ ވެޓެރަންސްގެ ފަރާތުން ދެކެނީ މި މެޗުގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ. ގައުމީ ވޮލީ ޓީމު އާ ހިތްވަރެއްގައި އާ ޖޯޝެއްގައި މަސައްކަތްކުރާނެ." ކުރީގެ ކުޅުންތެރިޔާ ފައްލޯ ބުންޏެވެ.

ކުރިން ވީއޭއެމްގެ ސީނިއާ ނައިބު ރައީސްގެ މަގާމުގައި ހުރި މުހައްމަދު ރަނޭޝް (ރަނޭ) ބުނީ ފުރަތަމަ ފަހަރަށް ވޮލީން މެޑަލް ހޯދާފައި އޮތް މުބާރާތަށް ތައްޔާރުވާން މި ފަދަ ރަނގަޅު ބައިނަލްއަގުވާމީ މެޗުތަކެއް ލިބުމުން ވޮލީ ޓީމަށް އޭގެ ފައިދާތަކެއް ކުރާނެ ކަމަށެވެ.

"މިއީ އަލުން ފޯރި ނަގަން ވޮލީ އާއިލާ އަށް ލިބުނު ރަނުގެ ފުރުސަތެއް. މި ކަހަލަ މެޗު ގިނަވުމަކީ ވޮލީ ޓީމު ކުރިއަރަން ދެވޭ ފުރުސަތެއް. އައިއޯއައިޖީގައި ވޮލީ ޓީމު ކުޅުނު ގޭމް ރަނގަޅު. މި މެޗަކީ ހަމައެކަަނި ވޮލީ އާއިލާ އަށް އޮތް ކަމެއް ނޫން. މިއީ މުޅި ކުޅިވަރަށް ކޮށްދެވޭ ހިދުމަތެއް،" ރަނޭ ބުންޏެވެ.

ރާއްޖެ އާއި ލަންކާ މެޗު ބަލަންދާ ސަޕޯޓަރުންނަށް ހާއްސަ ޓީޝާޓްތަކެއް ވެސް ތައްޔާރުކޮށްފައިވާއިރު، މެޗު ބަލަން ގިނަ ސަޕޯޓަރުންތަކެއް ދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ގައުމީ ވޮލީ ޓީމުގައި އެންމެ ކުޅުންތެރިން ގިނައީ ވ .އަތޮޅުންނެވެ. އެނގިފައިވާ ގޮތުގައި ވ އަތޮޅުގެ ހުރިހާ ރަށަކުން މި މެޗު ބަލަން މީހުން އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.