Roadha Mihaaru
ނޭޕާލް އަތުން ބަދަލުހިފަން ރާއްޖެ އަށް ފުރުސަތެއް

ނޭޕާލް އަތުން ބަދަލުހިފަން ރާއްޖެ އަށް ފުރުސަތެއް

21 އޯގަސްޓް 2019

މީގެ ދެ އަހަރު ކުރިން މާލޭގައި އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭން މޮޅުވާން މަޖުބޫރު މެޗެއްގައި ނޭޕާލް އަތުން 3-1 އިން ބަލިވެ ފުރުސަތު ގެއްލުނެވެ. އަމިއްލަ ފަސްގަނޑުގައި ކުޅުނު ބައިނަލްއަގުވާމީ މުބާރާތުން ކުރިއަށްދިއުމުގެ ހުރިހާ ދޮރެއް ގާތްގަނޑަކަށް ރާއްޖެ އަށް ބަންދުވީ އެ މެޗަށް ފަހު އެވެ. އެ މެޗުގެ ބަދަލުހިފަން މިއަދު މިއޮތީ ރަނގަޅު ފުރުސަތެކެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

މީގެ ދެ އަހަރު ކުރިން މާލޭގައި އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭން މޮޅުވާން މަޖުބޫރު މެޗެއްގައި ނޭޕާލް އަތުން 3-1 އިން ބަލިވެ ފުރުސަތު ގެއްލުނެވެ. އަމިއްލަ ފަސްގަނޑުގައި ކުޅުނު ބައިނަލްއަގުވާމީ މުބާރާތުން ކުރިއަށްދިއުމުގެ ހުރިހާ ދޮރެއް ގާތްގަނޑަކަށް ރާއްޖެ އަށް ބަންދުވީ އެ މެޗަށް ފަހު އެވެ. އެ މެޗުގެ ބަދަލުހިފަން މިއަދު މިއޮތީ ރަނގަޅު ފުރުސަތެކެވެ.

ނޭޕާލުގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުން މިހާރު ސެމީގެ ޖާގަ ކަށަވަރުކޮށްފައިވަނީ ކިރްގިސްތާން އެވެ. ކިރްގިސްތާނުން ވަނީ ނޭޕާލާއި ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ. ކިރްގިސްތާނުން ނޭޕާލް ބަލިކުރީ 25-23، 25-22 އަދި 25-22 އިން ސެޓުތައް ގެންގޮސްގެންނެވެ. އަދި ރާއްޖޭގެ މައްޗަށް އިއްޔެ ކުރިހޯދިއިރު ސެޓުތައް ގެންދިޔައީ 25-15، 26-24 އަދި 25-19 އިންނެވެ.

މި ގްރޫޕުން ސެމީގެ ފަހު ޖާގަ ލިބޭނީ ރާއްޖެ އާއި ނޭޕާލް ކުޅެގެން މޮޅުވާ ޓީމަކަށެވެ. އެ ގޮތުން މަރުގެ މެޗަކަށް ނުކުންނައިރު ރާއްޖޭން ހިތްވަރު ހޯދަން ބަލާއިރު މާޒީން ފިލާވަޅު ނެގުން ވެސް މުހިއްމެވެ. އެ ގޮތުން 2017 ވަނަ އަހަރު މާލޭގައި ކުޅުނު މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ މައްޗަށް ފަހަތުން އަރައި ނޭޕާލުން ކުރިހޯދުމުން އެ ދުވަހު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މާޔޫސްކަން އަދިވެސް ގިނަ ކުޅުންތެރިންގެ ހަނދާނުގައި ހުންނާނެ އެވެ.

މާލޭގައި ރާއްޖެ ބަލިކުރުމަށް ފަހު ނޭޕާލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

މާލޭގައި ރާއްޖެ ބަލިކުރުމަށް ފަހު ނޭޕާލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

މި ފަހަރުގެ މުބާރާތުގެ ޝެޑިއުލް އެންމެ ފުރަތަމަ ރާވާފައި އޮތްގޮތުން މި ގްރޫޕުގެ ފުރަތަމަ މެޗު ކުޅެން އޮތީ ރާއްޖެ އާއި ނޭޕާލް އެވެ. އެކަމަކު ފަހުން ޝެޑިއުލަށް ބަދަލުގެނައިރު، ރާއްޖެ އާއި ނޭޕާލް އެންމެ ފަހުން ކުޅޭ ގޮތަށް ބަދަލުގެނަ އެވެ. އަދި ރާއްޖެ މި މެޗު ކުޅެން ޖެހޭނީ ކިރްގިސްތާނާ ދެކޮޅަށް ކުޅޭތާ 24 ގަޑިއިރު ވެސް ހަމަނުވަނީހެވެ. އެހެންކަމުން ތައްޔާރީތަކަށް ބަލާއިރު ނޭޕާލަށް ކޮންމެވެސް ވަރަކަށް ހަމަޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކުޑަކާއްޓެ) ކުރިން ބުނީ މުބާރާތުގެ ކަންތައްތަކަށް ގެނައި ބަދަލާ އެކު ގޮންޖެހުންތަކެއް ހުރި ނަމަވެސް ފޯކަސް އަށް ބަދަލުނާންނަ ކަމަށެވެ. ތަށްޓަށް އަމާޒުކޮށް ރާއްޖޭން މި މުބާރާތަށް ނުކުމެފައިވާއިރު، މުބާރާތުގައި ކުރިއަށް ދެވެން އޮތީ މިއަދު ނޭޕާލުގެ ސަޕޯޓަރުންގެ ކުރިމަތީގައި ނަތީޖާ ނެރެގެންނެވެ.

"ކޮންމެ ގޮތެއް ވިޔަސް މޮޅުވުން ނޫން ގޮތެއް ނޯންނާނެ. އެ ކޮންމެ ގޮތަކަށް ވެސް މޮޅުވާން މަޖުބޫރު. އެއީ ފަސް ސެޓު ކުޅެގެން ކަމުގައިވިޔަސް. މޮޅުވީމަ އަޅުގަނޑުމެންނަށް ސެމީ އަށް ދާން ފުރުސަތު އެބައޮތް. އަޅުގަނޑުމެން އެންމެ ފަހު ޕޮއިންޓާ ޖެހެންދެން ވެސް ހިތްވަރުކުރާނަން. އިރާދަކުރެއްވިއްޔާ ދުލެއް ނުކުރާނަން،" އިއްޔެ ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކާއްޓޭ ބުންޏެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ސެޓު ނިންމާލުމުގަ އެވެ. މެޗުގެ އެންމެ ޕްރެޝަރު ވަގުތުގައި ބޮޑު ލީޑެއްގައި އޮތަސް ހެދޭ ކުދިކުދި ގޯސްތަކެއްގެ ސަބަބުން ލީޑު ސޮއްސާލައިގެން ގޮސް ސެޓު ގެއްލި ޕްރެޝަރަށް ދަނީ އެވެ. ނޭޕާލުން މިއަދުގެ މެޗުގައި އަމިއްލަ ގައުމުގައި ކުޅުމުގެ އެޑްވާންޓޭޖް ނަގަން ހުރިހާ ގޮތަކުން މަސައްކަތްކުރާނެ އެވެ. ފުރަތަމަ މެޗުގައި ކިރްގިސްތާނާ ދެކޮޅަށް ކުޅުނުއިރު ވެސް އެކަން ފެނިގެންދިޔަ އެވެ. މެޗުތައް ކުޅޭ އިންޑޯގައި ގޮނޑި ޖަހާފައި ހުރި އަދަދަށް ވުރެ އިތުރަށް ސަޕޯޓަރުން ވައްދައިގެން ވެސް އިދިކޮޅު ޓީމަށް ޕްރެޝަރުކުރަން މަސައްކަތްކުރިތަން ފެނުނެވެ.

ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޭޕާލުން މިހާރު މަސައްކަތްކުރަމުން އަންނަނީ ނެދަލެންޑްސްގެ ކޯޗު ހޭން އެބިންގެ އިރުޝާދުގެ ދަށުންނެވެ. ފުރަތަމަ މެޗަށް ފަހު ކިރްގިސްތާންގެ ކޯޗު އަންދްރޭ އެންކުޑިނޯފް ވެސް ވަނީ އެބިންގެ ކޯޗުކަމުގައި ނޭޕާލުގެ ކުޅުމުގެ ވައްޓަފާޅި އަށް ބަދަލު އައިސްފައިވާ ކަމަށް ބުނެފަ އެވެ.

މި މުބާރާތަށް ތައްޔާރުވާން ނޭޕާލުން ވަނީ އެ ގައުމުގައި އަފްގާނިސްތާނާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. މި މުބާރާތުގެ ކުރިން އެބިން ބޭނުންވި ސިސްޓަމަށް ނޭޕާލުގެ ކުޅުންތެރިން ހާނުވާލަން އަފްގާނިސްތާން މެޗުތަކުގެ ބޭނުން ރަނގަޅަށް ހިފި އެވެ.

ގައުމީ ވޮލީ ޓީމުން މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް މި ކުރިމަތިލީ މިހާތަނަށް ރާއްޖޭގެ ވޮލީ ޓީމަކަށް ތައްޔާރުވާން ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތުތަަކަށް ފަހު އެވެ. އެ ގޮތުން މިދިޔަ ޖުލައި މަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިއުމުގެ ކުރިން ވަނީ ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އަދި ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ސަރަހައްދުގެ ވޮލީގައި ގަދަބާރެއްގެ ގޮތުގައި އޮތް ސްރީ ލަންކާއާ ދެކޮޅަށް ތިން މެޗު ކުޅެ ބަލިވި ނަމަވެސް ސެޓު ގެންގޮސް ރަނގަޅު ވާދައެއްކުރި އެވެ.

އެންމެ ފަހުން ސެންޓްރަލް ޒޯނުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ނޭޕާލް ވަނީ ރާއްޖޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުން ވެސް ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. އެ ހުރިހާ ކަމަކަށް ބަލާއިރު މިއަދުގެ މެޗަކީ ރާއްޖޭން މި މުބާރާތުގައި ކުރިއަށް ދިއުމުގެ އަޒުމާއި ގައުމީ ޖޯޝުގައި ކުޅެ ނޭޕާލް އަތުން ބަދަލުހިފަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ. އަނެއްކޮޅުން ރާއްޖެ ޓީމަށް ޕްރެޝަރުގައި ރަނގަޅު ކުޅުމެއް ނުދެއްކުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ވެސް މި މެޗުގެ ބޭނުންހިފިދާނެ އެވެ.

ނޭޕާލާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 4:15 ގަ އެވެ.