Roadha Mihaaru
ނާސްތާ ތައްޔާރުކުރާނެ ގޮތް ބެލެނިވެރިންނަށް ކިޔައިދެނީ

ޔޫއޭއީގައި ދަރިވަރުންގެ ލަންޗް ބޮކްސް ތައްޔާރުކުރާނެ ގޮތް ބެލެނިވެރިންނަށް ދަސްކޮށްދެނީ

26 އޯގަސްޓް 2019

ރާއްޖޭގެ ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދިނުމަކީ ދަރިވަރުންގެ ނާސްތާއާ ގުޅޭ ގޮތުން ކުރަން ޖެހުނު ފިކުރުތަކަށް ނިމުމެއް އައިކަމެކޭ ބުނެވިދާނެ އެވެ. މި ބާވަތުގެ ކަމެއް ޔޫއޭއީގައި ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދިނުމަކީ ދަރިވަރުންގެ ނާސްތާއާ ގުޅޭ ގޮތުން ކުރަން ޖެހުނު ފިކުރުތަކަށް ނިމުމެއް އައިކަމެކޭ ބުނެވިދާނެ އެވެ. މި ބާވަތުގެ ކަމެއް ޔޫއޭއީގައި ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އެކަމަކު އެ ގައުމުގައި މިކަން ކުރާ ގޮތް ތަންކޮޅެއް ތަފާތެވެ. ޔޫއޭއީގެ ހެލްތު މިނިސްޓްރީން އިސް ނަގައިގެން މިހާރު ފަށާފައިވާ ޕްރޮގްރާމަކީ ދަރިވަރުންގެ ލަންޗް، ސިއްހަތާ ވީހާ ވެސް ރައްޓެހިކޮށް ތައްޔާރު ކުރާނެ ގޮތް ކިޔައި ދިނުމެވެ.

ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތަކާއި ތަޖުރިބާކާރު ޝެފުންގެ ގެ ވެސް އެހީއާ އެކު ފެށި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވީހާ ވެސް ސިއްހަތަށް ރަނގަޅު ބާވަތްތައް ހިމަނައިގެން ލަންޗް ބޮކްސް ތައްޔާރުކުރާނެ ގޮތް ކިޔައިދީގެންނެވެ.

މި ޕްރޮގްރާމް މިދިޔަ ހޮނިހިރު ދުވަހު ރަސްމީކޮށް ފެށުމަށް ފަހު، އަންނަ މަހުގެ 14 އާ ހަމައަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. މި ޕްރޮގްރާމް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަނީ ޔޫއޭއީގެ ޝޮޕިން މޯލް ކުންފުނި މާޖިދު އަލް ފުތައިމްގެ ދަށުން ހިންގާ ކެއާފޯއާ ހަވާލުކޮށްގެންނެވެ.

ކުއްޖަކު ނާސްތާ ނަގަނީ.

ކުއްޖަކު ނާސްތާ ނަގަނީ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި ލަންޗް ބޮކްސް ތައްޔާރުކުރަން ދަސްކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކުދިންގެ ސިއްހަތަށް ފައިދާ ނޫން ކާނާތަކާ ދުރުކޮށް، ފަލަވުން ކަހަލަ ސިއްހީ މައްސަލަތަކުން ރައްކާތެރިކުރުމެވެ. ދާދި ފަހުން ޚަލީޖް ޓައިމްސް އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުން ފާއިތުވި ތިން އަހަރު ޔޫއޭއީގެ ދަރިވަރުން ފަލަވާ ނިސްބަތް 1.2 ޕަސަންޓް ދަށްވެފައިވެ އެވެ.

ހެލްތު އެންޑް ޕްރިވެންޝަން މިނިސްޓްރީގެ ހެލްތު އެޑިއުކޭޝަން އެންޑް ޕްރޮމޯޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ނޫފް ޚާމިސް އަލް އަލީ ވިދާޅުވި ގޮތުގައި ލަންޗް ބްކޮސް ތައްޔާރުކުރަން ހިންގާ ވޯކްޝޮޕްތަކަށް ހާޒިރު ނުވެވޭ ބެލެނިވެރިންނަށް އެކަމާ ގުޅޭ އަތްމަތީ ފޮތް ވެސް ބަހާނެ އެވެ.

"ވީހާ ވެސް ގިނަ ބެލެނިވެރިންނަށް ވޯކްޝޮޕް ހިންގައި، މައުލޫމާތު ދިނުން ޓާގެޓަކީ. މި ވޯކްޝޮޕްތަކުގެ ތެރެއިން ބެލެނިވެރިންނަށް އެނގިގެން ދާނެ ނާސްތާގައި ކޮންމެހެން ވެސް ހިމަނަންވީ މުހިއްމު ބާވަތްތަކާއި އެ ބާވަތްތަކުން ލިބޭ ސިއްހީ ފައިދާތަކާއި ކާތަކެތި ތައްޔާރު ކުރާނެ ގޮތް." އޭނާ ވިދާޅުވި އެވެ.

ލަންޗް ބޮކްސްއެއް،

ލަންޗް ބޮކްސްއެއް،

އަލީ ވިދާޅުވި ގޮތުގައި ކުދިން ފަލަވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ވެސް ސިއްހަތަށް ރަނގަޅު ނޫން ކާނަތައް ދެވުމެވެ. އެހެންވެ ސްކޫލް ދައުރުގައި ދެވޭ ލަންޗް ބޮކްސްއަކީ ދުޅަހެޔޮ ލައިފްސްޓައިލެއް ބިނާކުރަން ދަސްވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ބެލެނިވެރިންނަށް މިކަން ކިޔައިދެވޭ މިންވަރަކުން ހަގީގަތުގައި ނަތީޖާއަކާ ހަމައަށް ވާސިލުވެވޭނީ،" އަލީ ވިދާޅުވި އެވެ.