Roadha Mihaaru
ވައްކަން ކޮށްފައި ނުކުމެވުނީ ދަރިފުޅު ބަހައްޓާފައި

ވައްކަން ކޮށްފައި ނުކުމެވުނީ ދަރިފުޅު ބަހައްޓާފައި

27 އޯގަސްޓް 2019

އެމެރިކާގެ މިޑްލްޓައުން ސިޓީގައި ހިންގާ، ކުޑަކުދިންގެ އެއްޗެހި ވިއްކާ މަޝްހޫރު ފިހާރައަކުން ވައްކަން ކުރި އަންހެނުންތަކެއް، އެތަނުން ސްޓްރޯލާއެއް ވަގަށް ނަގައިގެން، ބަހައްޓާފައި ނުކުމެވި، ލަދުވެތި ގޮތަކަށް ބޭޒާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މިޑްލްޓައުން ސިޓީގައި ހިންގާ، ކުޑަކުދިންގެ އެއްޗެހި ވިއްކާ މަޝްހޫރު ފިހާރައަކުން ވައްކަން ކުރި އަންހެނުންތަކެއް، އެތަނުން ސްޓްރޯލާއެއް ވަގަށް ނަގައިގެން، ބަހައްޓާފައި ނުކުމެވި، ލަދުވެތި ގޮތަކަށް ބޭޒާރުވެއްޖެ އެވެ.

"ބަމްބީ ބޭބީ" އިން މި މަހުގެ 17 ވަނަ ދުވަހު ފޭސްބުކްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ފިހާރައިގެ ތެރޭގައި އަތުރާފައި ހުރި ސްޓްރޯލާތަކެއްގެ ތެރެއިން އެއްޗެއް އަންހެނަކު ނަގައި، ފަތްޖަހާލައިގެން ނުކުންނަ ތަނެވެ.

ވަގަށް ނެގި ސްޓްރޯލާގެ އަގަކީ 300 ޑޮލަރެވެ. އެއީ ވައްކަން ކުރި ދިމާލުގައި އަތުރާފައި ހުރި ސްޓްރޯލާތަލުގެ ތެރެއިން އެންމެ އަގު ވެސް ހެޔޮ އެއްޗެވެ. ދެން ހުރި އެއްޗެހީގެ އަގު 1،000 ޑޮލަރަށް އަރާ ކަމަށް ފިހާރަ އިން ބުންޏެވެ.

ވައްކަމުގެ ވީޑިއޯ ފޭސްބުކްގައި އާންމުކޮށް ފިހާރަ އިން ބުނީ މި ވައްކަން ކުރީ ތުއްތު ތިން ދަރިން ގޮވައިގެން ފިހާރަ އަށް ވަން ތިން އަންހެނަކު ކަމަށާއި އެކަކަށް ސްޓްރޯލާ ވަގަށް ނަގަން ފުރުސަތު ދިނުމުގެ ގޮތުން އަނެއް ދެ މީހުން ފިހާރައިގައި އެ ވަގުތު ތިބި މުވައްޒަފުންތަކެއްގެ ކައިރިން އެއްޗެއް އޮޅުންފިލުވާ ކަމަށް ހެދިގެން ވާހަކަ ދައްކަން ތިބީ ކަމަށެވެ.

ނަމަވެސް އެ މީހުންނަށް ވައްކަންކޮށްގެން ނުކުމެވުނީ އެކެއްގެ ދަރިފުޅު ފިހާރައިގެ ތެރޭގައި ބަހައްޓައިފަ އެވެ. އެ މީހުން ނުކުންނަނިކޮށް ސީސީޓީވީ ކެމެރާ އަށް ރެކޯޑް ކުރެވިފައި ހުރި ފުޓޭޖްތަކުން ސްކްރީންޝޮޓް ނަގައި ފޮޓޯތައް ވެސް "ބަމްބީ ބޭބީ" އިން ހިއްސާކޮށްފައިވެ އެވެ.

އަދި ތިން ވަގުންނަކީ ކޮން ބައެއްކަން ސާފުކޮށްދޭން ފޭސްބުކްގައި އާންމުންގެ އެހީއަށް އެދުމުން މާ ގިނައިރުތަކެއް ނުވެ އެއީ ކޮން ބައެއްކަން ވެސް ސާފުވެ، ތިން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އާންމުކުރި ވީޑިއޯގެ ކޮމެންޓް ސެކްޝަނުބައި "ބަމްބީ ބޭބީ" އިން ބުނީ ތިން އަންހެނުން ހައްޔަރުކޮށް، އެ މީހުންގެ ދަރިން މިހާރު ތިބީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ވަގަށް ނެގި ސްޓްރޯލާ ވެސް ފިހާރައާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.