Roadha Mihaaru
ވަގަށް ނެގި މަގެއް 55 އަހަރު ފަހުން ހަވާލުކޮށްފި

ވަގަށް ނެގި މަގެއް 55 އަހަރު ފަހުން ހަވާލުކޮށްފި

27 ފެބުރުއަރީ 2020

އެމެރިކާ އަންހެނަކު ޖަރުމަނަށް ކުރި ދަތުރެއްގައި އެ ގައުމުގެ ރެސްޓޯރަންޓަކުން ވަގަށް ނެގި މަގެއް 55 އަހަރު ފަހުން ހަވާލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާ އަންހެނަކު ޖަރުމަނަށް ކުރި ދަތުރެއްގައި އެ ގައުމުގެ ރެސްޓޯރަންޓަކުން ވަގަށް ނެގި މަގެއް 55 އަހަރު ފަހުން ހަވާލުކޮށްފި އެވެ.

ސެލެސްޓީ ސްވީނީ، 73، ޖަރުމަންގެ ހޮގްބްރޯހަސް މަންޗެން ރެސްޓޯރަންޓުން މި މަގު ވަގަށް ނެގީ އޭނާގެ ދައްތައާ އެކު 1965 ގައި ޖަރުމަނަށް ކުރި ދަތުރެއްގަ އެވެ. ސްވީނީ ބުނި ގޮތުގައި އެ މަގު އޭނާ ވަގަށް ނެގީ ރީތިކަމުން ސުވެނިއާއެއްގެ ގޮތުގައި ގެންދާށެވެ. އެ މަގަކީ ގާތްގަނޑަކަޑް 30-40 ޑޮލަރުގެ އަގުހުރި އެއްޗެކެވެ.

ނަމަވެސް ވަގަށް ގެންދިޔަ އެއްޗެއް ބަހައްޓަން ހިތް ގަބޫލުނުވާތީ އެހާ ޒަމާންކޮށްފައި ވެސް އެ ހަވާލުކުރަން ނިންމީ ކަމަށް ބުންޏެވެ. އޭނާ ސީއެންއެން އަށް ބުނީ ކުރެވުނު ކުށެއް އިސްލާހުކުރަން ވަކި ވަގުތެއް ނޯންނާނެ ކަމަށާއި މަގު ވަގަށް ނެގުނީތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

މަގާ އެކު، ސްވީނީ ވަނީ އެކަން ކުރެވުނުކަމަށްޓަކައި މާފަށް އެދި ޕޯސްޓް ކާޑެއް ވެސް ފޮނުވައިފަ އެވެ. އަދި މަގު ޕޯސްޓްގެ ޒަރީޒާ އިން ޖަރުމަނަށް ފޮނުވީ އެ ހަލާކުވެއްޖެ ނަމަ އެ ގެއްލުން ފޫބެއްދުމަށް 100 ޑޮލަރުގެ އިންޝުއަރެންސަކާ ވެސް އެކީގަ އެވެ. ސްވީނީ ވަގަށް ނެގި މަގަކީ މުށިން ހަދާފައިވާ ހުދު ކުލައިގެ މަގެކެވެ. އޭގެ ބޭރުގައި ނޫކުލައިން އެތަނުގެ ލޯގީ "އެޗްބީ" ލިޔެފައިވެ އެވެ.

މި މަގު ބައި ގަރުނަށް ވުރެ ގިނަ ދުވަސްފަހުން އަލުން އަނބުރާ ލިބުމުން ހޮގްބްރޯހަސް މަންޗެން ރެސްޓޯރަންޓުން ވަނީ އެ ވާހަކަ ފޭސްބުކްގައި ވެސް ހިއްސާކޮށްފަ އެވެ. އަދި މަގު އަނބުރާ ލިބުނީތީ ވަރަށް އުފާކުރާ ކަމަށް ބުނެ ސްވީނީ އަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.