Roadha Mihaaru
ގަވާއިދު ހަދައި ވަކީލުކަމުގެ ހުއްދައަށް ހުޅުވާލަނީ

ގަވާއިދު ހެދުމަށް ފަހު ވަކީލު ކަމުގެ ހުއްދަ އަށް އެދެން ހުޅުވާލާނަން: ބާ ކައުންސިލް

05 ސެޕްޓެމްބަރ 2019

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ގަވާއިދު ހެދުމަށް ފަހު ވަކީލު ކަމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބާ ކައުންސިިލުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ގަވާއިދު ހެދުމަށް ފަހު ވަކީލު ކަމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބާ ކައުންސިިލުން ބުނެފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނު ތަސްދީގު ކުރުމާ އެކު ވަކީލުން ރެގިއުލޭޓް ކުރަން ބާ ކައުންސިލެއް އުފެދި، ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ހުރިހާ ކަމެއް ބާ ކައުންސިލްގެ ދަށަށް ވަނީ ބަދަލުވެފަ އެވެ.

ބާ ކައުންސިލުން ކުރި އިއްޔެ އިއުލާނެއްގައި ވަނީ ވަކީލު ކަމުގެ ހުއްދަ ހޯދުމާ ގުޅޭ ކަންކަމުގައި އެކި ފަރާތްތަކުން އެ ކައުންސިލާ މުއާމަލާތު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ގާނޫނީ ފަންނުގެ ގާނޫނާ އެކު ހަދަންޖެހޭ ގަވާއިދުތަކަކީ 90 ދުވަސް ތެރޭގައި ހަދަންޖެހޭ ގަވާއިދުތަކަކަށް ވާތީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމުގެ ގަވާއިދު ވެސް ހިމެނޭ ގޮތުން އެ ކައުންސިލުން ހަދަންޖެހޭ އެ ގަވާއިދުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެހެންވެ، ވަކީލު ކަމުގެ ހުއްދަ ދޫކުރުމުގެ ގަވާއިދު ހެދުމަށް ފަހު ވަކީލު ކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ބާ ކައުންސިލަކީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުން އިންތިޚާބުކުރާ ވަކީލުންތަކަކާއި ބަންޑާރަ ނައިބު ހިމެނިވަޑައިގަންނަވާ ގޮތަށް އުފެދިފައި އޮތް ކައުންސިލެކެވެ. ވަކީލު ކަމުގެ ހުއްދަ ދޫކުރުމާއި ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއި ވަކީލުން ރެގިއުލޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަނީ އެ ކައުންސިލުންނެވެ.