Roadha Mihaaru
މި އިތުބާރަކީ ރައީސް ޔާމީންގެ ޖަވާބެއް: ޑރ. ޖަމީލް

މި އިތުބާރަކީ ރައީސް ޔާމީންގެ ޖަވާބެއް، ވާދަކުރެއްވޭނެކަން 100 ޕަސެންޓް ޔަގީން: ޑރ. ޖަމީލް

30 ޖުލައި 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް، އެ މަނިކުފާނަށް އިތުބާރު ކުރައްވައި ހަމަޖެއްސެވުމަކީ ވެރިކަމުގެ ފުރަތަމަ ދައުރުގައި ހިނގައިދިޔަ ހުރިހާ ކަމަކަށް ދެއްވި ޖަވާބެއް ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޮތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް، އެ މަނިކުފާނަށް އިތުބާރު ކުރައްވައި ހަމަޖެއްސެވުމަކީ ވެރިކަމުގެ ފުރަތަމަ ދައުރުގައި ހިނގައިދިޔަ ހުރިހާ ކަމަކަށް ދެއްވި ޖަވާބެއް ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޮތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ޔާމީންގެ ރަނިން މޭޓަކީ އެ މަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް އަދި އިސް ވަކީލް ޑރ. ޖަމީލްކަން ޕީޕީއެމުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

ޔާމީންގެ ވެރިކަމުގައި ދައުރުގެ މެދުތެރެއިން ޖަމީލާ މެދު ހިތްހަމަޖެހިވަޑައިނުގެން، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރީ އެވެ. ޖަމީލް އަލުން ޕީޕީއެމާ ގުޅިވަޑައިގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީނަށް ހުކުމް އިއްވުމުން، ވަކީލެއްގެ ގޮތުން މަސައްކަތް ފެއްޓެވުމަށް ފަހު އެވެ.

އެ ހުރިހާ ކަންކަމަށް ޖަވާބު ނޫންތޯ ރައީސް މި ދެއްވީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ރައީސްގެ އިތުބާރު ލިބުމަކީ އެ މަނިކުފާނުގެ ހިތްޕުޅުގައި އަޅުގަނޑާ މެދު އޮތް ގޮތް ސާފުވެގެން މިދިޔައީ ދިވެހި ރައްޔިތުންނަށް. -- ޖަމީލް

ޖަމީލް "މިހާރު" އަށް ވިދާޅުވީ ޔާމީންގެ މި ނިންމެވުމަށް އެ މަނިކުފާނު މިނިވަންކުރަން ބުރަކޮށް މަސައްކަތް ކުރެއްވި ޕާޓީގެ ލީޑަޝިޕާއި ސެނެޓާއި ކޮމިޓީތަކާއި ނޫން މެމްބަރުންގެ ލޯތްބާއި ތާއީދު އޮތް ކަމަށެވެ. ރަނިން މޭޓު ކަނޑައެޅުމުގައި އެ މަނިކުފާނުގެ ނިންމެވުމަކާ ދޭތެރޭގައި ޕާޓީގައި ދެބަސްވުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"މުޅި ޕާޓީގެ ވިސްނުން އަމާޒުވެފައި މިއޮތީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް. ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނީ ރައީސް ޔާމީން ވެރިކަމަށް ގެނެސްގެން ކަން އެންމެން ގަބޫލުކުރޭ. އެ އަމާޒާ އެކު ވަރަށް ސާބިތުކޮށް މުޅި ޕާޓީ އޮތީ،" ޖަމީލް ވިދާޅުވި އެވެ.

"ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ވޭތުވެދިޔަ ދުވަސްތަކުގައި ވެސް ރައީސް ޔާމީން ވަނީ ލީޑަޝިޕް ދައްކަވާފައި. ކުރިއަށް އޮތް ތަނުގައި ވެސް އެ ވަޑައިގަންނަވަނީ މައްސަލަތައް ހައްލުކުރައްވަން. އެކަމަށްޓަކައި އެމަނިކުފާނު އަޅުގަނޑަށް އިތުބާރު ކުރެއްވި ކުރެއްވުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،"

ފުރަތަމަ ދައުރުގައި ޖަމީލް މަގާމުން ދުރުކޮށް އުފެދުނު މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ "މި ލިބުނީ އެ ހުރިހާ ކަމަކަމަށް ޖަވާބެއް" ކަަމަށެވެ.

"އެ ހުރިހާ ކަންކަމަށް ޖަވާބު ނޫންތޯ ރައީސް މި ދެއްވީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ރައީސްގެ އިތުބާރު ލިބުމަކީ އެ މަނިކުފާނުގެ ހިތްޕުޅުގައި އަޅުގަނޑާ މެދު އޮތް ގޮތް ސާފުވެގެން މިދިޔައީ ދިވެހި ރައްޔިތުންނަށް،" ޖަމީލް ވިދާޅުވި އެވެ.

މާޒީގެ ވާހަކަތައް މިވަގުތު ތަކުރާރު ނުކުރިއަސް އޭރުގެ އެ ހާލަތު ޕީޕީއެމްގެ ވެރިކަމަށް ކުރިމަތިވުމުގައި ސަބަބުތަކެއް ހުރި ކަމަށާއި އެކަން ކުރެއްވި ބޭފުޅުން ވެސް މިހާރު ސާފު ކަމަށް ޖަމީލް ވިދާޅުވި އެވެ. ނަން ވިދާޅު ނުވިއަސް ޖަމީލްގެ ވާހަކައިގެ މިސްރާބު ހުރީ ޕާޓީ އާއި ސަރުކާރު ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ނުފޫޒު ގަދަކުރައްވަން ކުރެއްވި ކަންކަމަށެވެ.

"ނަން ކިޔާކަށް އަޅުގަނޑު ބޭނުމެއް ނޫން، އެ ބޭފުޅަކާ ހެދި ދިމާވި ކަންތައްތަކެއްގެ ސަބަބުން ކަންތައްތަކެއް ހިނގައިދިޔަކަން އަޅުގަނޑު ނުދެންނެވިޔަސް އެނގޭ ނޫންތޯ، އެކަންކަމުގެ ތަކުލީފް ނޫންތޯ މުޅި ޕާޓީއަށް މިއޮތީ،" ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން (ކ) އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ސަލާމްކުރައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ރައީސް ޔާމީން (ކ) އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ސަލާމްކުރައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖަމީލް ރަނިން މޭޓަކަށް ކަނޑައެޅުއްވިޔަސް މިއަދާ ހަމައަށް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނެތެވެ. މަނީ ލޯންޑްރިން އާއި ރިޝްވަތާ ގުޅިގެން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި އެ މަނިކުފާނު އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ދޮރު ވަނީ ބަންދުވެފަ އެވެ. ހައި ކޯޓުގެ އިސްތިއުނާފް ވެސް ނުނިމޭނެކަން މިހާރު ޕާޓީއަށް އޮތީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.

ރަނިން މޭޓު ކަމަށް ޖަމީލް ހަމަޖެއްސެވިއިރު ޔާމީނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ދެން ނެރޭނީ ކޮން ކެންޑިޑޭޓެއްތޯ އާއްމު މެމްބަރުން ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

އެހެންވިޔަސް ޖަމީލް އުއްމީދު ދޫކޮށެއް ނުލައްވަ އެވެ.

ވަކީލެއްގެ ގޮތުގައި ޔާމީން ސަލާމަތްކުރެއްވުމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުންނެވި ޖަމީލް މިއަދު ވެސް ވިދާޅުވީ ޔާމީނަށް އިންތިހާބުން ފުރުސަތު ނުގެއްލޭ ކަމަށެވެ. އެމަނިކުފާނު މި އިންތިހާބުގައި ވާދަކުރެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެކަމުގައި ޝައްކެއް ނުކުރަން. ދުސްތޫރީ ނިޒާމުގައި ހުރި ކަންކަމުގެ މައްޗަށް ފެންނަން އޮތް ކަމެއް. އަޅުގަނޑަށް 100 ޕަސެންޓް ޔަގީންކަން އެބައޮތް ރާއްޖޭގެ ގާނޫނީ ނިޒާމު އޮތް ގޮތަށް ބަލާއިރު ރައީސްގެ ކެންޑިޑެސީގެ އެއްވެސް މައްސަލައެއް ނުޖެހޭނެކަން. އެމަނިކުފާނަށް ގާނޫނީ ހުރަހެއް ނެތް." ޖަމީލް ވިދާޅުވި އެވެ.