Roadha Mihaaru
ބޭނުންވާ މައުލޫމާތު ޑޮކިއުމެންޓްރީގައި އެބަހުރި: އޭސީސީ

އެމްއެމްޕީއާރުސީގެ ތަހުގީގުގައި، އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައިވާ ކަންކަމަށް ބަލާނެ: އޭސީސީ

20 ސެޕްޓެމްބަރ 2016

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި އެބަހުރި ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި އެބަހުރި ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން "ސްޓީލިން ޕެރެޑައިސް"ގެ ނަމުގައި އާއްމުކުރި ޑޮކިއުމެންޓްރީގައި އެމްއެމްޕީއާރުސީން ރަށްތައް ވިއްކައިގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަށް ހިޔާނާތްތެރިވި ގޮތް ތަފްސީލުކޮށްދީފައިވެ އެވެ.

ލުތުފީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތަހުގީގު ނިންމައި މިހާރު ކުރަނީ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ. އެކަމަކު އެ ހިޔާނާތާ ގުޅުން ހުރި ޑޮކިއުމެންޓްރީއެއް އާއްމުކޮށްފައިވާތީ، އޭގައިވާ މައުލޫމާތުތައް ބަލައި ދިރާސާކުރަން ތަހުގީގު ޓީމަށް މިހާރު އަންގަވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ބަލަން ޖެހޭ އެއްވެސް ކަމެއްވާ ނަމަ އެކަމެއް ބަލާނެ. އެ ޑޮކިއުމެންޓްރީން ތަހުގީގުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނީ ކޮންކޮން މައުލޫމާތުތަކެއްތޯ ބަލަން އަންގާފައި ވާނީ. --ލުތުފީ

ޑޮކިއުމެންޓްރީ އަށް ބެލުމަށް ފަހު، ތަހުގީގުގައި އިތުރަށް ކަމެއް ބަލަން ވެއްޖެ ނަމަ އެކަން ބަލައި، ބަޔަކާ ސުވާލުކުރަން ވެއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

"އިތުރަށް ބަލަން ޖެހޭ އެއްވެސް ކަމެއްވާ ނަމަ އެކަމެއް ބަލާނެ. އެ ޑޮކިއުމެންޓްރީން ތަހުގީގުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނީ ކޮންކޮން މައުލޫމާތުތަކެއްތޯ ބަލަން އަންގާފައި ވާނީ. އެކަން ތަހުގީގު ޓީމުން ކުރިއަށް ގެންދާނެ،" ލުތުފީ ވިދާޅުވި އެވެ.

ވަގަށް ނެގި ފައިސާ ބަހަން އުޅުނު މޮހޯ (ވ) އާއި އޮއިއްޓޭ (ކ) އަދި އިޝްފާހު: ރައީސަށް ސީދާ ފައިސާ ގެންގޮސްދިން ކަމަށް އެ ތިން މީހުން ވެސް ބުނޭ.

ވަގަށް ނެގި ފައިސާ ބަހަން އުޅުނު މޮހޯ (ވ) އާއި އޮއިއްޓޭ (ކ) އަދި އިޝްފާހު: ރައީސަށް ސީދާ ފައިސާ ގެންގޮސްދިން ކަމަށް އެ ތިން މީހުން ވެސް ބުނޭ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ތަހުގީގަށް ކޮންމެހެން ބޭނުންވެ އެކަމަކު އުޅޭ ތަނެއް ނޭނގޭތީވެ، މައުލޫމާތު ނުލިބި ތިބި ބައެއް މީހުންގެ އިއުތިރާފް ޑޮކިއުމެންޓްރީގައި ގެނެސްދީފައިވެ އެވެ. އެ މީހުންގެ އިއުތިރާފް ތަހުގީގުގައި ބޭނުންކުރާނެތޯ ވެސް ތަހުގީގު ޓީމުން ނިންމާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންމެ ގާތް އެކެއް އަދި ހިޔާނާތުގެ ތުހުމަތުކުރާ މުހައްމަދު ހުސެއިން (އޮއިއްޓެ) އާއި އޭނާއާ އެކު ފިލައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީ ވެސް ވެސް ވަނީ ޑޮކިއުމެންޓްރީގައި ވާހަކަ ދައްކައިފަ އެވެ. ހިޔާނާތުގައި ބައިވެރިވި ކަމަށް ތިން މީހުން ވެސް އިއުތިރާފްވެ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ވިއްކައިގެން ވަގަށް ނެގި ފައިސާ ބެހި ގޮތް ވެސް ކިޔައިދެ އެވެ.

އެ ޑޮކިއުމެންޓްރީގައި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ދައުލަތަށް ވަންނަން ޖެހޭ ފައިސާ ރައީސް ޔާމީނަށް ގެންގޮސްދޭ ކަމަށް ވެސް އެ މީހުން ޑޮކިއުމެންޓްރީގައި ބުނެ އެވެ. އަދި މަނީ ލޯންޑްރިންގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަަށާއި އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުއްވި ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލީ އަދީބު އަންގަވައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

މި ޑޮކިއުމެންޓްރީގެ ކުރިން ވެސް ހިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ތުހުމަތުތަކެއް ކޮށްފައިވާތީ، ތަހުގީގުގައި އެމަނިކުފާނާ ސުވާލުކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އޭސީސީން މިހާތަނަށް ތަހުގީގުކުރާ އެންމެ ބޮޑު މައްސަލަ ގާތްގަނޑަކަށް ނިމިފައިވީ ނަމަވެސް ރިޕޯޓް އާއްމުކުރާނެ ދުވަހެއް އަދި ނޭނގެ އެވެ. ކޮމިޝަނުން ބުނީ ރިޕޯޓް ނެރޭނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާ، އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާބޮޑު ތަފާތެއް ނެތެވެ.