Roadha Mihaaru
މަސްކޮޅު ކަނޑަށް އުކާލަނީ! ހިލޭ ނުދެވޭނެތަ؟

މަސްކޮޅު ކަނޑަށް އުކާލަނީ! ހިލޭ ނުދެވޭނެތަ؟

25 ސެޕްޓެމްބަރ 2019

މަސްވެރިކަން ތިޔާގިވެ، ދޯނިފަހަރު ފުރާލައިގެން އަންނަ އިރު ކިރޭނެ ގޮތެއް ނެތުމުން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހިލޭ ބަހާނީ ހެއްޔެވެ؟ ނުއަގުގައި ވިއްކާލާނީ ހެއްޔެވެ؟ ނުވަތަ ކަނޑަށް އުކާލާނީ ހެއްޔެވެ؟

މަސްވެރިކަން ތިޔާގިވެ، ދޯނިފަހަރު ފުރާލައިގެން އަންނަ އިރު ކިރޭނެ ގޮތެއް ނެތުމުން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހިލޭ ބަހާނީ ހެއްޔެވެ؟ ނުއަގުގައި ވިއްކާލާނީ ހެއްޔެވެ؟ ނުވަތަ ކަނޑަށް އުކާލާނީ ހެއްޔެވެ؟

ބައެއް މަސްވެރިންގެ ޖަވާބު ލިބެން ހުރީ ޓްވިޓާގަ އެވެ. އަދި މަސްވެރިންގެ ބައެއް އަމަލްތަކަށް އާންމުންގެ ޝަކުވާ ވެސް ޓްވިޓާ ތެރެއިން ފާހަގަވެ އެވެ.

އެއް ވީޑިއޯއަކުން ފެންނަނީ އެތައް ސަތޭކަ މަހެއް ކަނޑަށް އުކާލާ ތަނެވެ.

އެއް ބަޔަކަށް އެއީ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. އެހެންކަމުން ނުކިރޭ ވަރަށް، ނުވިކޭ ވަރަށް، ހިލޭ ނުބެހޭ ވަރަށް، މަސްވެރިން މަސް ބާނަނީ ކީއްވެގެންތޯ ބައެއް އާންމުން ސުވާލުކުރެ އެވެ. މިހާރު ނަމަ ފޭސްބުކް ނުވަތަ ޓްވިޓާގައި ކަމަށް ވިޔަސް، ސޯޝަލް މީޑިއާ ނެތް ދުވަސްވަރު، އެ ސުވާލު އުފެއްދީ އެކަކު އަނެކަކާ ބައްދަލުކޮށް ފާޅުކުރާ ހިޔާލުތަކުގަ އެވެ.

ޒަހާގެ ނަމުގައި ޓްވީޓްކުރި އަންހެނަކު ވަނީ ކަނޑަށް މަސް އުކާލާ ވީޑިއޯއާ އެކު (ކޮން ދުވަހަކު ނެގި ވީޑިއޯއެއް ކަމެއް ނޭނގޭ) އޭނާގެ ހިޔާލު ފާޅުކޮށްފަ އެވެ. އޭނާގެ ފުރަތަމަ ސުވާލަކީ "މަސް ނުކިރޭކަން އެނގޭ އިރު ކީއްވެ މިވަރަށް މަސް ބާނަނީ؟"، މި އެވެ. އޭގެ ފަހުން އޭނާ ކުރީ މަލާމާތެކެވެ. ލިއުނެވެ: "ހިތުން ވަރަށް މޮޅު ކަމެއް މަސް ވެރިން ކޮށްފައި މި އޮތީ."

އެއަށް މަސްވެރިން ޖަވާބު ދޭން ޖެހެ އެވެ. އެހެންކަމުން ޓްވިޓާގައި މަޝްހޫރު "ދިވެހި މަސްވެރިން" އެއަށް ، "ހިތާމަވެރިކަމާ އެކު" ރައްދު ދިނެވެ. އެކަމަކު މަސްވެރިންގެ އަމަލްތައް ދިފާއުކޮށްފަ އެވެ.

"ދިވެހި މަސްވެރިން" ބުނާ ގޮތުގައި އުކާލަނީ ނުކިރި ގިނަ ދުވަހު މަޑުކުރަން ޖެހުމުން ހަލާކުވާ މަސްތަކެވެ. އެކަމަކު ކޮންމެ މަސްވެރިކަމެއްގައި ވެސް އެފަދަ މަންޒަރު ފެނުމަކީ ހިތާމަކުރާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

"މަސްވެރިން ކައިރި ރަށްރަށަށް މަސް ކިރުވާ ކުޑަ އަގަކަށް ނޫނީ ހިލޭ ވެސް މަސް ދޭ. ހަލާކުވެފައި ހުންނަ މަސް އުކަނީ،" އޭގައި ލިއެފައިވެ އެވެ.

އެކަމަކު ދިވެހި މަސްވެރިންގެ އެ ޓްވީޓް މިހާރު ވަނީ ޑިލީޓްކޮށްފަ އެވެ.

ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ހިލޭ ބެހުމުގެ ބަދަލުގައި ނުވަތަ މަސް ކައްކާ މީހުންނަށް ވީހާވެސް ކުޑަ އަގެއްގައި ދިނުމުގެ ބަދަލުގައި ބައެއް މަސްވެރިން މަސްކޮޅު ކަނޑަށް އުކާލަނީ، އާންމުންގެ ތެރޭގައި ވެސް މަހުގެ އަގު ވެއްޓުނަ ނުދިނުމަށެވެ.

މަސްވެރިންނާ ގާތް ގުޅުމެއް އޮންނަ އެކަމަކު މައުލޫއުގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކެވި ސިޔާސީ ބޭފުޅަކު ވިދާޅުވީ "ވެނަން ކާން ދޭން ޖެހުނަސް ހިލޭ މަސް ނުދެވޭނެ" ކަމަށް، ބައެއް މަސްވެރިން ބުނާ ކަމަށެވެ.

"އެއީ މަހުގެ އަގު ހިފަހައްޓާނަމޭ ހިތާ ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މަސްވެރިކަމަކީ ވެސް ހޭދައެއް ކޮށްގެން ކުރާ މަސައްކަތެކެވެ. ދޯނިފަހަރު ބޮޑުވެ، ތެލަށް ކުރާ ހަރަދު މައްޗެވެ. އަދި މަހުގެ އިތުރުން ކެއިންބުއިމަށް ބޭނުންވާ އެހެން އެއްޗެހި ވެސް އާންމުން ހޯދަނީ ހިލެޔަކު ނޫނެވެ. މިސާލަކަށް، ރޯދަމަހު ކަރާ މާރުކޭޓްގައި ކަރާ ކިތައްމެ ގިނަޔަސް، ނުވަތަ ކަރާ ދަނޑުތަކުގައި ކިތައްމެ ވަރަކަށް ކަރާ އެޅިޔަސް، ހިލޭ ބެހުމުގެ އުސޫލެއް ނޯވެ އެވެ.

އެހެން އާންމު އެއްޗިއްސާ، މަހާ ތަފާތުވާ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. ފިނިކޮށްފައި މާ ގިނަ ދުވަހު ދޯނިފަހަރުގައި މަހެއް ނުބެހެއްޓެ އެވެ. މަސްކޮޅު ވިއްކާލައިފައި އަލުން އައިސް ހިފައިގެން ނައްޓާލަނީ އެވެ.

ޒަހާގެ ޓްވީޓަށް 70 އަށް ވުރެ ގިނަ ކޮމެންޓް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަސްވެރިންނާ ދެކޮޅާއި އެއްކޮޅުގެ ހިޔާލުތައް ވެސް ހިމެނެ އެވެ. "ތި މަސް ދޯނި މީހުންނަށް ދެން މަސް ނުބޭނުނިއްޔާ ރަނގަޅީ"އޭ ބުނުމުން ފެށިގެން، "ހަމައެކަނި ވީޑިއޯއަށް ބަލާފައި ވަކި ގޮތެއް ނުނިންމާ، އޭގެ އަނެއް ފަރާތް ވެސް ހޯދަން ޖެހޭ" ކަމަށް ފާޅުކޮށްފައިވާ ހިޔާލުތައް ވެސް އެބަ ހުއްޓެވެ.

ފެލިވަރުގައި ދޯންޏަކަށް އައިސް އަޅަން ތައްޔާރުވަނީ: މަސްވެރިން ބޭނުންވާ ވަރަށް އައިސް ލިބުމުގައި ވެސް ދަތިތަކެއް އެބަ ހުރި --މިހާރު ފޮޓޯ/ހުސެން ވަހީދު

ފެލިވަރުގައި ދޯންޏަކަށް އައިސް އަޅަން ތައްޔާރުވަނީ: މަސްވެރިން ބޭނުންވާ ވަރަށް އައިސް ލިބުމުގައި ވެސް ދަތިތަކެއް އެބަ ހުރި --މިހާރު ފޮޓޯ/ހުސެން ވަހީދު

"މިފްކޯ އިން އެ މީހުންނަށް ކިޔޫ ނަންބަރެއް ދީ އަދި މަސް ގަންނާނެ ކަމުގެ ޔަގީންކަން ވެސް ދެ އެވެ. އެކަމަކު އައިސް ބެހެއްޓެނީ ފަސް ދުވަހަށް ކަމަށް ވެފައި، އައިސް ވެސް އެވަރަށް ނެތުމުން މަސްތައް ހަލާކުވަނީ އެވެ،" މަސްވެރިންގެ ހާލަތު ބަޔާންކޮށް، މީހަކު ލިއުނު ކޮމެންޓެއްގައިވެ އެވެ.

މަސްވެރިންގެ އަމަލާ މެދު ހިތްހަމަނުޖެހުނު އެކަކު އެކަން ސިފަކުރީ "އިސްރާފެއް"ގެ ގޮތުގަ އެވެ.

މަސްކޮޅު ކަނޑަށް އުކާލާ މަންޒަރަކީ ގިނަ މީހުންނަށް ބަލަން ފަސޭހަ ހަގީގަތަކަށް ނުވެ އެވެ. އެހެންކަމުން ނުކިރޭ ވަރަށް، ނުވިކޭ ވަރަށް ބާނަނީ ކީއްކުރަން ހެއްޔޭ ކުރާ ސުވާލު އާންމެވެ. ހާއްސަކޮށް މިހާރުގެ ޒުވާނުންގެ މެދުގައި އެ ބަހުސް ބޮޑެވެ. ދުނިޔޭގެ މަހުގެ ރިޒާވް ދަށްވުމާއި ބޭނުން ނެތް ގޮތަކަށް ދިރޭ ތަކެތި ހިފާ/ބާނާ ހުސްކުރުމަކީ، މި ޒަމާނުގެ "ހިމާޔަތްކުރުމު"ގެ ސިޔާސަތާ މުޅިން ދެކޮޅު ވިސްނުމެކެވެ. ނަތީޖާއަކީ، ދިވެހި މަސްވެރިން މަސްތައް އުކާލާ މަންޒަރުން ބައެއް މީހުން ރުޅިގަދަވުމެވެ.

މަސްވެރިކަން ތިޔާގިވި އެހެން ދުވަސްވަރެއްގެ ހިތި ހަނދާން

މީގެ 12 އަހަރު ކުރިން ހއ. ދިއްދޫގެ މަސްވެރިން ބޭނި މަސް ކިރޭ ގޮތް ނުވުމުން އުކާލީ އެ ރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުގެ ތެރެއަށެވެ. އޭރު މިފްކޯގެ މަސްބޯޓުތައް ފުރުމުން، އެކަން ދިވެހިރާއްޖޭގެ އަޑުން އިއުލާންކުރެ އެވެ. އެކަމަކު މަސް އައިނު ތިޔާގިވުމުން ދޯނި ފުރެންދެން ބާނައިގެން އަންނަނީ އެވެ. ކިރޭ ގޮތް ނުވުމުން ބައެއް މަސްވެރިން އޭރު ވެސް ކަނޑަށް މަސްތައް އުކާލި އެވެ.

ދިއްދޫ މަސްވެރިން އޮފީސްތަކުގެ ތެރެއަށް މަސްތައް އަޅާލުމުން އެހިސާބުން އެކަން ނިމުނީކީ ނޫނެވެ. އެ މަހަށް އަގު ވެސް ލިބުނެވެ. އެ އަގު ދެއްކީ ރައްޔިތުންގެ ފައިސާ އިން، އޭރުގެ ރަށްކުރިއަރުވާ ކޮމިޓީންނެވެ.

ފެލިވަރު ބަނދަރުގައި މިފްކޯގެ ބޯޓެއް: މަސްވެރިކަން ތަރައްގީވީ ވަރާ ގާތަށް ވެސް މިފްކޯ ތަރައްގީވެފައެއް ނުވޭ --މިހާރު ފޮޓޯ/ހުސެން ވަހީދު

ފެލިވަރު ބަނދަރުގައި މިފްކޯގެ ބޯޓެއް: މަސްވެރިކަން ތަރައްގީވީ ވަރާ ގާތަށް ވެސް މިފްކޯ ތަރައްގީވެފައެއް ނުވޭ --މިހާރު ފޮޓޯ/ހުސެން ވަހީދު

އެއީ ރާއްޖެ ދުށް މަސްވެރިކަމުގެ އެންމެ ތިޔާގި ދުވަސްވަރެވެ. އޭގެ ފަހުން ދެން ކުރިމަތިވީ މަސްވެރިކަމުގެ ވަރަށް ބޮޑު ވެއްޓުމަކާ އެވެ. ރާއްޖޭގެ ކަނޑުތަކުން މަސް އައިނު ގާތްގަނޑަކަށް ހުސްވީ އެވެ. މަސްވެރިކަމުގެ އެ ތަދުގެ ވާހަކަ، ދިއްދޫ މަސްވެރިންގެ އަމަލާ ގުޅުވައިގެން ކިތައްމެ ބަޔަކު ދައްކާ އުޅުނެވެ.

ޒަހާގެ ޓްވީޓަށް ކޮމެންޓްކުރި ބައެއް މީހުން ވެސް ވަނީ އެ މަގުން ހިޔާލު ފާޅުކޮށްފަ އެވެ.

"ދެން ރޯން ފަށާނެ މަހެއް ނުބޭނެޔޭ ކިޔާފައި. ﷲ ދެއްވި ރިޒުގަށް ހިތުހުރި ގޮތަކަށް ތިޔަ ހަދަނީ،" އެކަކު ލިޔުނެވެ.

މިހާރު މި އޮތީ އޭރުގެ މަސްވެރިން މަސްތައް ކަނޑަށް އަޅާލި، ދިއްދޫ މަސްވެރިން ސަރުކާރު އޮފީސްތަކުގެ ތެރެއަށް އުކާލި، މަސްވެރިކަން ފަދަ ތިޔާގި މަސްވެރިކަމުގެ ދުވަސްތަކެއް އައިސްފަ އެވެ. އެކަމަކު މަސް ބާނާނެ ވަރު އެނގޭނީ ހަމަ މަސްވެރިންނަށެވެ. ހަމައެހެން އެ މަހަށް ހަދާ ގޮތްތަކާ މެދު ފާޑުކިއުމުގެ ހައްގު އާންމުންނަށް ވެސް އޮންނާނެ އެވެ.