Roadha Mihaaru
ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް ބަހައްޓަނީ

ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

01 ނޮވެމްބަރ 2016

ޅ. ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ނިންމާފައިވާ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ޅ. ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ނިންމާފައިވާ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

ފެލިވަރުން މަސްވެރިންނަށް ލިބެން ހުންނަ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހި، މަސްވެރިންތަކެއް ފެލިވަރު ކައިރީގައި މިއަދު ވަނީ މުޒާހަރާކޮށްފައިވެ އެވެ. ފެލިވަރުގެ ބޭރުގައި 12 ވަރަކަށް ދޯނީގައި ތިބެގެން ކުރި މުޒާހަރާގައި ހާމަކުރި އެއް ކަންބޮޑުވުމަކީ ފެލިވަރުން އެކަށީގެންވާ ގޮތެއްގައި މަސްވެރިންނަށް އައިސް ނުލިބުމުގެ މައްސަލަ އެވެ.

މުޒާހަރާ ކުރަމުން ދިޔަ ދޯނިތަކުގެ އިސްވެރިން ވަނީ ފެލިވަރުގެ އިސްވެރިންނާ އެކު މަޝްވަރާކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް، މަސްވެރިންނާ ރަށްޓެހި މާހައުލެއް ގާއިމްކޮށްދިނުމަށް މަސްވެރިން އެދިފައިވާ ކަމަށެވެ. އެހެންކަމުން، މަސް ގަތުމުގެ އޮޕަރޭޝަނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދާނެ ކަމަށާއި އެގޮތުން އަންނަ ހަފުތާގައި އިތުރު އައިސް ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.

"މި މަސައްކަތް ކަނޑައަޅާފައިވާ ގޮތަށް ގެންގޮސް، މި މަހުގެ ނިޔަލަށް މި ޕްލާންޓްގެ ހިދުމަތް ލިބެން ފަށާނެ ކަމަށް މި ކުންފުނިން އުންމީދުކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

އައިސް ނުލިބުމުގެ މައްސަލައިގެ އިތުރުން، ތެލުގެ އަގު ބޮޑުވުމާއި ފެލިވަރު ކާރުޚާނާގެ ފެންވަރު ދަށްވުމުގެ ކަންބޮޑުވުން ވެސް މަސްވެރިން މިއަދު ފާޅުކުރި އެވެ. ނަމަވެސް، މަސްވެރިންނަށް ވިއްކާ ޑީސަލް ލީޓަރަކުން 40 ލާރި އަގު ހެޔޮކޮށް، އަށް ރުފިޔާ އަށް ވިއްކަން މިއަދު ވަނީ ފަށައިފަ އެވެ.