Roadha Mihaaru
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި

މި މަހު އެކަނިވެސް މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި

24 ޖުލައި 2024

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 66 މިލިއަން ރުފިޔާ މި މަހު ޖަމާކޮށްދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 66 މިލިއަން ރުފިޔާ މި މަހު ޖަމާކޮށްދީފި އެވެ.

މިފްކޯ އިން އިއްޔެ ބުނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 2,009,843ރ. މިދިޔަ އާދިއްތަ ދުވަހު ޖަމާކޮށްދީފައިވާ ކަމަށެވެ. އެއީ މިދިޔަ މަހުގެ 28 އިން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ފައިސާއާ އެކު، މި މަހު އެކަނިވެސް މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަހުގެ އެކެއްގައި ވަނީ 64 މިލިއަން ރުފިޔާ ޖަމާކޮށްދީފަ އެވެ. އެއީ މިދިޔަ މެއި މަހުގެ 9 އިން ފެށިގެން މިދިޔަ ޖޫން މަހުގެ 27 ގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެވެ.

މިފްކޯ އިން ބުނީ މި މަހު ޖަމާކޮށްދިން ފައިސާއާ އެކު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މަސްވެރިންނަށް ޖުމްލަ 852.2 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ނުދެވި ލަސްވާ މައްސަލަ ބޮޑުވެ، މިފްކޯ އިން މިހާރު ވަނީ މަސް ގަންނަމުން އައި ކޮންޓްރޯލް އަގު އުވާލައި، ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ ރޭޓަށް މަސް ގަންނަން ފަށައިފަ އެވެ. އެގޮތަށް ކަނޑައަޅާ އަގެއް ކޮންމެ ހަފުތާއަކު އާންމުކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މިފްކޯ އިން މިހާތަނަށް މަސް ގަންނަމުން އައީ ބާޒާރުގައި ވިއްކާ އަގަށް ނުބަލައި ސަރުކާރުން ކަނޑައަޅާ އަގަކަށެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ސަރުކާރުން ވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 25ރ. އަށް ބޮޑުކޮށްފަ އެވެ. އެކަމަކު، މި ސަރުކާރުން ވަނީ އެ އަދަދު 20ރ. އަށް ކުޑަކޮށްފަ އެވެ.

އަގު ކުޑަކުރުމުން ވެސް މަސްވެރިންނަށް ފައިސާ ދެވެނީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެންނެވެ. ކޮންމެ އަހަރަކު ގާތްގަނޑަކަށް މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅަ އެވެ.

މި ސަރުކާރުން ވައުދުވެފައި ވަނީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަށެވެ. އެކަމަކު އެ ގޮތަށް ފައިސާ ދެވޭނީ މިފްކޯއަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނެސް މާލީ ހާލަތު ރަނގަޅުވުމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.