Roadha Mihaaru
ޔޫއޭއީގެ އެސްޓްރޮނޯޓަކު އައިއެސްއެސްގައި

ޔޫއޭއީގެ އެސްޓްރޮނޯޓަކު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި

29 ސެޕްޓެމްބަރ 2019

ޖައްވުގައި ޝާމިލްވުމަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ކުރާ މަސައްކަތުގައި، އެސްޓްރޮނޯޓަކު ފަޒާ އަށް ފޮނުވައިފި އެވެ. އެއީ ހައްޒާ އަލީ މަންސޫރީ އެވެ. އޭނާ މި ވަގުތު ހުރީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން "އައިއެސްއެސް" ގަ އެވެ. ސެޕްޓެމްބަރު 25 އިން ފެށިގެން ހައްޒާ އަލީ މަންސޫރީގެ ނަން ޚަބަރުތަކުގައި ލިޔެވެނީ އެމިރޭޓްސް އިން އެންމެ ފުރަތަމަ އައިއެސްއެސް އަށް ފޮނުވި މީހާ ގޮތުގަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ހައްޒާ އަލީ މަންސޫރީ އަކީ މިލިޓަރީ ޕައިލެޓެކެވެ. އެމިރޭޓްސް އިން އިންސާނަކު ޖައްވަށް ފޮނުވަން ހިންގާ ޕްރޮގްރާމްގައި ބައިވެރިވެވުނު ހިސާބުން، ޕައިލެޓްކަމުން ދުރަށްޖެހި ވަނީ ތަމްރީންތަކަށް ހުސްވެފަ އެވެ. އެމިރޭޓްސް އަށް މި ފުރުސަތު ލިބިފައި ވަނީ ރަޝިޔާ އާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި އޭނާ އަށެއްކަ ދުވަސް ހޭދަކުރާނެ އެވެ. އޭނާ ބިމަށް އެނބުރި އަންނާނީ، ޖައްވީ މަރުކަޒަށް އޭނާ ދަތުރުކުރި ސޮޔުޒް ރޮކެޓްގަ އެވެ. ނަމަވެސް އޭނާއާ އެކު އައިއެސްއެސް އަށް ދިޔަ ކޮސްމޮނޯޓުން ޖައްވީ މަރުކަޒުގައި މަޑުކުރާނެ އެވެ. ރަޝިޔާގެ ޖައްވީ އިދާރާ، ރޮސްކޮސްމޮސް އިން ޖައްވަށް ފޮނުވާ މީހުންނަށް ކިޔަނީ ކޮސްމޮނޯޓުންނެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާ އަދި އެހެން ގައުމުތަކުން ޖައްވަށް ފޮނުވާ މީހުންނަށް ކިޔަނީ އެސްޓްރޮނޯޓުންނެވެ.

މަތީގައި އެވާ ފޮޓޯ އިން އެ ފެންނަނީ ހައްޒާ އަލީ މަންސޫރީ ގޮވައިގެން އައިއެސްއެސް އަށް ދަތުރުކުރި ސޮޔުޒު ރޮކެޓް، އެ މަރުކަޒާ ދިމާ އަށް ދާ މަންޒަރެވެ. ފޮޓޯނަގާފައި ވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުން، ކްރިސްޓީނާ ކޮޗް އެވެ.