Roadha Mihaaru
މެލްބަން ޔުނިވާސިޓީގެ ދަރިވަރުންގެ އިންޓާންޝިޕަށް ރާއްޖެ

އޮސްޓްރޭލިއާގެ މެލްބަން ޔުނިވާސިޓީގެ ދަރިވަރުންތަކެއްގެ އިންޓާންޝިޕް ރާއްޖޭގައި

04 އޮކްޓޯބަރ 2019

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީއެއްގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއްގެ އިންޓާންޝިޕް ރާއްޖޭގައި ހަދަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީއެއްގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއްގެ އިންޓާންޝިޕް ރާއްޖޭގައި ހަދަން ނިންމައިފި އެވެ.

އޮސްޓްރޭލިއާގެ މެލްބަން ޔުނިވާސިޓީ އަދި ފިންލެންޑުގެ ޔުވަސްކިލާ ޔުނިވާސިޓީގެ ޑިިގްރީ އަދި މާސްޓާސް ކިޔަވާ ހަ ދަރިވަރުން އަންނަ ހަފުތާގައި އިންޓާންޝިޕް ހަދަން ފަށާނީ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގަ އެވެ.

މިއީ ބޭރުގެ ބޮޑު ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެއް އިންޓާންޝިޕް ހެދުމަށް ރާއްޖެ އަންނަ ފުރަތަމަ ފަހަރެވެ.

އައިލެންޑާސްގެ އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރުން، ޓީޗިން ޕްރެކްޓިސް އަށް އެ ސްކޫލު އިހުތިޔާރުކުރުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އެއީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރައިގެން ދާ ކަމުގެ މިސާލެއް ކަމަށް ވިދާޅުވި އެވެ.

"އިންޓާންޝިޕް ހެދުމަށް އެ ކުދިންނަށް ދުނިޔޭގެ ކޮންމެ ސްކޫލަކަށް ވެސް ދެވޭނެ. އެކަމަކު ރާއްޖޭގެ މި ސްކޫލު އިހުތިޔާރްކުރުމަކީ ވަރަށް ބޮޑު އުފަލެއް،" އަދްލީ ވިދާޅުވި އެވެ.

މެލްބަން ޔުނިވާސިޓީން ފަސް ދަރިވަރުން އަންނައިރު އެ ދަރިވަރުން ތިން ހަފުތާ ވަންދެން މަޑުކުރާނެ އެވެ. ޔުވަސްކިލާ ޔުނިވާސިޓީން އަންނަ ދަރިވަރުން ތިބޭނީ ތިން މަސް ދުވަހަށެވެ.

އޮސްޓްރޭލިއާގެ ރޭންކިންނަށް ބަލާއިރު މެލްބަން އަކީ އެއްވަނަ އެވެ. ދުނިޔޭގެ ޔުނިވާސިޓީތަކަށް ބަލާއިރު އެ ޔުނިވާސިޓީ އުޅެނީ 39 ވަނައިގަ އެވެ. ޔުވަސްކިލާ ޔުނިވާސިޓީ އަކީ ވެސް ތައުލީމީ ދާއިރާގައި އެންމެ ކުރިއަރާފައިވާ ފިންލެންޑުގެ އެއްވަނަ އެވެ.

ސްކޫލު ތައުލީމަށްފަހު މަތީ ތައުލީމް ދިނުމަށް އައިލެންޑާސް އިން ތައްޔާރުވަމުން އަންނައިރު އެތަނުން ފިންލެންޑުގެ ފެންވަރު ރަނގަޅު ކޯސްތަކުގައި ބައިވެރިވެވޭނެ އެވެ.