Roadha Mihaaru
ފްލެޓްތައް އަގުބޮޑުވުމުގެ ޝަކުވާ ނައިބު ރައީސަށް

ފުވައްމުލަކުގެ ފްލެޓްތައް އަގު ބޮޑުވުމުގެ ޝަކުވާ ނައިބު ރައީސަށް

06 އޮކްޓޯބަރ 2019

ސޯޝަލް ހައުސިން ސްކީމުން ފުވައްމުލަކުގައި ދޫކުރި ފްލެޓްތަކަށް ކަނޑައެޅީ އަތްފޯރާ އަގެއް ނޫން ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށް، ނައިބު ރައީސް ފައިސަލް ނަސީމްއާ ޕެޓިޝަނެއް އިއްޔެ ހަވާލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސޯޝަލް ހައުސިން ސްކީމުން ފުވައްމުލަކުގައި ދޫކުރި ފްލެޓްތަކަށް ކަނޑައެޅީ އަތްފޯރާ އަގެއް ނޫން ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށް، ނައިބު ރައީސް ފައިސަލް ނަސީމްއާ ޕެޓިޝަނެއް އިއްޔެ ހަވާލުކޮށްފި އެވެ.

ފުވައްމުލަކުގައި އިމާރާތްކުރި 200 ފްލެޓް ދޫކުރަން ނިންމި އަގު ބޮޑުވެގެން ހައްލެއް ހޯދައިދޭން އެދި ނައިބު ރައީސާ ޕެޓިޝަން ހަވާލުކުރީ، ނުރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު އިއްޔެ އެ ރަށަށް ވަޑައިގަތުމުންނެވެ. އުފަން ރަށަށް ނައިބު ރައީސް ވަޑައިގަތް އިރު، ފްލެޓްތަކުގެ އަގާ މެދު ކަންބޮޑުވުމުގެ ޝުއޫރުތައް ލިއެފައިވާ ބޯޑުތައް ހިފައިގެން ބަޔަކު ތިއްބެވެ.

އެ މީހުން ވަނީ، ފްލެޓް ލިބުނު މީހުންގެ ފަރާތުން ޕެޓިޝަނެއް އެމަނިކުފާނާ ހިއްސާކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި އެ ފްލެޓްތަކަށް ޝަރުތު ހަމަވި މީހުން ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ، ފުވައްމުލަކުގައި ވަޒީފާ އަދާކުރާ މީހުންގެ އެވްރެޖް މުސާރައަކީ މަހަކު 5،000ރ. ކަމަށެވެ. ވަޒީފާގެ މާހައުލު ހުރި ގޮތުން އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ނެތް އިރު، ފްލެޓްތަކަށް ކަނޑައަޅާފައި ވަނީ ބޮޑު އަގެއް ކަމަށް ޕެޓިޝަންގައިވެ އެވެ.

"ހައުސިން ޔުނިޓްތައް މިހާރު ދޫކުރަން ނިންމާފައިވާ އަގުތަކަށް ބަލާއިރު ޑައުންޕޭމަންޓުގެ ގޮތުގައި 19،000ރ. އަދި މަހު ކުއްޔާއި މެއިޓަނަންސް ފީގެ ގޮތުގައި 3،800ރ. ނެގުމަށް ވަނީ ހަމަޖެހިފަ އެވެ،" ޕެޓިޝަންގައިވެ އެވެ.

ޕެޓިޝަންގައި ބުނީ މަހު ކުލީގެ އިތުރުން ކަރަންޓާއި ފެނާއި އެހެން ވެސް ޚަރަދުތައް ޖުމްލަކޮށްލާ އިރު މަހެއްގެ މައްޗަށް 10،000ރ. ހޭދަވާނެ އެވެ. ފްލެޓްތަކަށް ބަދަލުވާން ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ އިރު، މިހާރު ކަނޑައަޅާފައި ވަނީ އަތްފޯރާ އަގެއް ނޫން ކަމަށް ޕެޓިޝަންގައިވެ އެވެ.

ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހް މިއަދު "މިހާރު" އަށް ވިދާޅުވީ ފުވައްމުލަކުގައި އިމާރާތްކުރި ފްލެޓްތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި ހަމަޖައްސާފައި ވަނީ 19،000ރ. ކަމަށެވެ. އަދި މަހު ކުއްޔާއި މަރާމާތު ކުރުމުގެ ޚަރަދުގެ ގޮތުގައި 3،000ރ. އަށް ވުރެން ބޮޑު އަދަދެއް ނަގަން ހަމަަޖައްސާފައި ވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރާ ފްލެޓްތަކަށް މަހު ކުއްޔާއި އެހެން ޚަރަދުތަކުގެ ގޮތުގައި 5،000ރ. އަށް ވުރެން ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ތަކުލީފަކަށް ވާނެ ކަމަށް ރައްޔިތުން ބުނާ ވާހަކަ އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

"ސޯޝަލް ހައުސިން ސްކީމެއްގައި އެއީ ބޮޑު އަގެކޭ. އާމްދަނީގެ ގޮތުގައި 5،000ރ. ލިބޭ މީހުން އެ އަދަދު ދައްކަން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ފްލެޓްތަކުގެ އަގު ބޮޑުވުމުގެ އިތުރުން އިމާރާތްކުރުމުގެ ފެންވަރު ދަށްވުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އެ ފްލެޓްތަކަށް ވަދެވޭނީ މަރާމާތުތަކެއް ކޮށްގެން ކަން މޭޔަރު ފާހަގަކުރެއްވި އެވެ.

ނައިބު ރައީސަށް ޕެޓިޝަން ހުށަހެޅި މީހުން އެދިފައި ވަނީ ފްލެޓްތަކުގެ މަހު ކުލި 1،500ރ. އަށް ބަދަލު ކޮށްދިނުމަށެވެ.

ފްލެޓްތަކާ ގުޅިގެން ފާޅުކުރި ކަންބޮޑުވުންތައް ހައުސިން މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކުގައި ދެ ސަރަހައްދެއްގައި އިމާރާތް ކުރި ފްލެޓްތައް ދޫކުރީ ދެ ކެޓަގަރިީއެއްގެ ދަށުންނެވެ. އެއީ އެ ރަށުގެ ރައްޔިތުންނަށް ދޫކުރާ ފްލެޓްތަކާއި ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ދޫކުރަން އިއުލާން ކުރީ 120 ފްލެޓެވެ. އަނެއް ކެޓަގަރީން ހުޅުވައިލީ 20 ފްލެޓެވެ.

ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އިތުރު 800 ހައުސިން ޔުނިޓް އަޅަން މި ސަރުކާރުން ވެސް ވަނީ ނިންމައިފަ އެވެ.