Roadha Mihaaru
ދަރިން އެކްޓިން އަށް ޝައުގުވެރިކަމެއް ނެތް: ޖޮލީ

އެއްވެސް ދަރިއަކު އެކްޓިން އަށް ޝައުގުވެރިކަމެއް ނެތް: އެންޖެލީނާ ޖޮލީ

21 އޮކްޓޯބަރ 2019

އެއްވެސް ދަރިއަކު ކެރިއަރެއްގެ ގޮތުގައި އެކްޓިން އަށް ނުކުންނަން ޝައުގުވެރިކަމެއް ނެތް ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލޯނާ ޖޮލީ ބުނެފި އެެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއްވެސް ދަރިއަކު ކެރިއަރެއްގެ ގޮތުގައި އެކްޓިން އަށް ނުކުންނަން ޝައުގުވެރިކަމެއް ނެތް ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލޯނާ ޖޮލީ ބުނެފި އެެވެ.

ހުކުރު ދުވަހު ރިލީޒްކުރި އޭނާގެ އެންމެ ފަހުގެ ފިލްމު "މެލަފިސަންޓް: މިސްޓްރެސް އޮފް އީވިލް" އާ ބެހޭ ގޮތުން ޕީޕަލް މެގަޒިންއާ ވާހަކަދައްކަމުން، 44 އަހަރުގެ ބަތަލާ ބުނީ ދަރިންގެ މެދުގައި އެކްޓިން އަށް ޝައުގު އުފައްދަން އެކި މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.

"ވަރަށް މަސައްކަތްކޮށްފިން. އެކަމަކު އެއްވެސް ދަރިއަކު މިކަމަކަށް ޝައުގުވެރި ކަމެއް ނެތް. ކުދިންގެ ފޯކަސްކުރީ އެހެން ކަންކަމަށް. ވަރަށް ގިނަ ކުދިން ބޭނުންވޭ އިންސާނީ ހައްގުތަކަށް މަސައްކަތްކުރަން. އެ ދާއިރާ އަށް ވަރަށް ޝައުގުވެރިކަން ދޭކަން ފާހަގަ ވެސް ކުރެވޭ،" ޔޫއެންގެ އެމްބެސެޑަރެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖޮލީ ބުންޏެވެ.

އެކްޓަރު ބްރެޑް ޕިޓާއި ޖޮލީގެ ކައިވެނި 2016 ގައި ރޫޅުނު އިރު އެ ދެ މީހުންގެ ހަ ކުދން އެބަތިއްބެވެ. އެއީ 18 އަހަރުގެ މެޑޮކްސް، ޕެކްސް، 15، ޒަހާރާ، 14، ޝިލޯ، 13 އަދި 11 އަހަރުގެ އެއްމާނޑު ދެބެއިން ކަމަށްވާ ވިވިއަން އާއި ނޮކްސް އެވެ.

ދަރިން އެއްވެސް ވަރަކަށް އެކްޓިން އަށް ޝައުގުވެރިކަން ނެތް ނަމަވެސް ދަރިފުޅު ވިވިއަން ވަނީ 2014 ގައި ރިލީޒްކުރި "މެލަފިސަންޓް" ގައި އޯރާގެ ކެރެކްޓާ ކުޅުނު އެލް ފެނިންގެ އުމުރުން ފަސް އަހަރުގެ ރޯލް ކުޅެފަ އެވެ.

ޖޮލީ ކިޔައިދިން ގޮތުގައި އެ ރޯލް ދަރިފުޅު ލައްވައި ކުޅުވީ ވެސް ގިނަ ޝަކުވަތަކާ އެކީގަ އެވެ.

"އޭރު ވަރަށް ޝަކުވާކުރާނެ. އަހާނެ ކިހިނެއް ހެއްޔޭ މަންމަ އަހަރެން ޑިޒްނީގެ ޕްރިންސެސްއަކަށް ހެދީ؟ ބޭނުމެއް ނޫނޭ ޕްރިންސެސްއަކަށްވާކަށް،" ޖޮލީ ބުންޏެވެ.

ޕިޓާއި ޖޮލީގެ ދޮށީ ދަރިފުޅު މެޑޮކްސް އަންނަނީ މިދިޔަ މަހުން ފެށިގެން ދެކުނު ކޮރެއާގެ ޔުނިވަސިޓީއެއްގައި ކިޔަވަމުންނެވެ. މި ދެ ތަރިންގެ ކައިވެނި ރޫޅެން ދިމާވި ކަމަށް ބުނާ ސަބަބުތަކުގެ ތެރޭގައި ޕިޓް، މެޑޮކްސް އަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަތަކެއް ވަރަށް ގަދައަށް ދެކެވިފައިވެ އެވެ.