Roadha Mihaaru
ޓެނިސް ތަރި ރަފައެލް ނަޑާލް ކައިވެނިކޮށްފި

ޓެނިސް ތަރި ރަފައެލް ނަޑާލް ކައިވެނިކޮށްފި

23 އޮކްޓޯބަރ 2019

ސްޕޭންގެ މަޝްހޫރު ޓެނިސް ތަރި ރަފައެލް ނަޑާލް ހޯމަ ދުވަހު ކައިވެނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޕޭންގެ މަޝްހޫރު ޓެނިސް ތަރި ރަފައެލް ނަޑާލް ހޯމަ ދުވަހު ކައިވެނިކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ނަޑާލް ކައިވެނިކުރީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 14 އަހަރުވެފައިވާ މެރީ ޕެރެލޯއާ އެވެ. ދެ މީހުންގެ ކައިވެނީގެ ހަފުލާ އޮތީ ސްޕޭނުގެ މެޖޯކާގެ ލަ ފޯޓަލޭޒާ ކާސަލްގަ އެވެ. ކައިވެނީގެ ހެދިމުގައި ދެ މީހުން ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ދައްކާލައިފަ އެވެ.

ނަޑާލް ކައިވެނިކުރުމާ ގުޅިގެން ކުޅިވަރު ދުނިޔޭގެ ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތަހުނިޔާކިޔަމުންނެވެ. އެގޮތުން އެސޯސިއޭޝަން އޮފް ޓެނިސް ޕްރޮފެޝަނަލް (އޭޓީޕީ) އިން ވެސް ނަޑާލްގެ ދެމަފިރިންނަށް މަރުހަބާ ކިޔައި ޓްވީޓްކޮށްފައިވެ އެވެ.

ނަޑާލް އަކީ 19 ފަހަރަށް ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ،. އަދި ދުނިޔޭގެ ޓެނިސް ރޭންކިންގައި އޭނާ މިހާރު ހިމެނެނީ ދެ ވަނައިގަ އެވެ.

ޓެނިސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަން ކަމަށްވާ ނަޑާލް ޓެނިސްގެ ތެރެއަށް ނުކުތީ އުމުރުން 15 އަހަރުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުޅިވަރުން ސްޕޭނަށް އެތަކެއް ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.

ކެރިއަރުގައި މިހާތަނަށް 950 މެޗުން މޮޅުވެ 82 ތަށި ހާސިލްކޮށްފައިވާ ނަޑާލް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ އަށް އެންމެ ބޮޑު ޗެލެންޖަކަށް ކުރިމަތިވާނީ އަނިޔާގެ މައްސަލަތަކުން ސަލާމަތްވެ ހުރުމަށް ކަމަށެވެ. އަދި ވަކި ހިސާބަކުން ރިޓަޔާކުރުމުގެ ވިސްނުން އިސްކުރާނެ ކަމަށް ވެސް ބުނެފައި އެވެ. ނަޑާލް ބުނިގޮތުގައި ކުޅިވަރުގައި ދިމާވާ އަނިޔާ އާއި އެހެނިހެން ގޮންޖެހުންތަކުން އަރައިގަންނަން ހިތްވަރު ހޯދަނީ ތަޖުރިބާކާރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސްގެ ކިބައިންނެވެ.

މި ފަހުން އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވުމުން ބައެއް ފަހަރު ނަފުސާނީ ގޮތުން ބިރުގަތުން ބަލިކަށިވެ އެކަމުން އަރައިގަންނަން ފަރުވާ ވެސް ހޯދި ކަމަށް ދާދި ފަހުން ނަޑާލް ބުންޏެވެ.