Roadha Mihaaru
ތަހުގީގީ އިދާރާތަކުން އަނިލްއާ ސުވާލު ކުރަނީ

ތަހުގީގީ އިދާރާތަކުން އަނިލްއާ ސުވާލު ކުރަނީ

25 އޮކްޓޯބަރ 2019

އެމްއެމްޕީއާރުސީގެ ރަށްތައް ދޫކޮށްގެން ބޮޑު ޚިޔާނާތެއް ހިންގި އިރު އެކަން އެނގިވަޑައިނުގަންނަވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ވިދާޅުވި ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ސުވާލުކުރަން ތަހުގީގީ އިދާރާތަކުން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ރަށްތައް ދޫކޮށްގެން ބޮޑު ޚިޔާނާތެއް ހިންގި އިރު އެކަން އެނގިވަޑައިނުގަންނަވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ވިދާޅުވި ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ސުވާލުކުރަން ތަހުގީގީ އިދާރާތަކުން ނިންމައިފި އެވެ.

ޚިޔާނާތުގެ ބޮޑު ރޭވުމެއްގެ ތެރެއިން ރަށްތައް ދޫކޮށް، އެ ފައިސާ އިން ސިޔާސީ ބާރުވެރިކަން ހޯދައި މުޅި ދައުލަތުގެ ގާނޫނީ ބާރުވެރިކަން ކަނޑުވައިލި އިރު ބަންޑާރަ ނައިބަކަށް ހުންނެވީ އަނިލް އެވެ. ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހިންގި ތަހުގީގުގައި އަނިލްއާ ސުވާލުކުރި އެވެ. އެކަމަކު ރިޕޯޓް ނެރުނު އިރު، އޭނާގެ އެއްވެސް ބަހެއް ހިމަނައިފައެއް ނުވެ އެވެ.

އޭސީސީގެ ކުރީގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެއީ، "ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ ލަފާ ދެއްވި ކަމުގެ އެއްވެސް ލިޔުމެއް ވެސް ތަހުގީގަށް ލިބިފައެއް ނުވާތީ،" އެވެ. އެކަމަކު، ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން އަނިލް ދެއްވި ލަފައެއްގެ މައްސަލަ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި އޭސީސީ އެކުގައި ކުރިއަށް ގެންދާ ތަހުގީގުގައި މިހާރު އަންނަނީ ބަލަމުންނެވެ. މި އިދާރާތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ކަށަވަރު ކޮށްދެއްވި އެވެ. އެ ބައްދަލުވުމުގައި، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވީ ކުރީގެ ބަންޑާރަ ނައިބު އަނިލްގެ ލަފައެއް އެބައޮތް ކަަމަށެވެ.

އެ ލަފައާ ދޭތެރޭގައި އަޅުގަނޑުމެން [ތަހުގީގީ އިދާރާތަކު]ގެ ސުވާލުތަކެއް [އަނިލް އަށް] އެބަހުރި. --އަސްއަދު

އަނިލްގެ އެ ލަފައަކީ "ދެއުޅި އެއްވާ ވާހަކައެއްތޯ" ބެލުމަށް، މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ހުށަހަޅާފައިވާ ކަމަށް އައްސަދު ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އަނިލްގެ ލަފަ އަކީ ރަށްތައް ދޫކުރާ ގޮތް ޓޫރިޒަމްގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ރޫހާ ޚިލާފު ކަމާއި އެހެންވިޔަސް ދައުލަތަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެކަން ކުރިއަށް ގެންދިއުމެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެމްއެމްޕީއާރުސީ އޮގަސްޓު 2011 ގައި އުފެއްދީ، ހަމައެކަނި ޓޫރިޒަމް ޕްރޮމޯޓްކޮށް މާކެޓް ކުރުމަށެވެ. އެ ކުންފުނި އުފެއްދި މައިގަނޑު އަމާޒާ ޚިލާފުވެ، ޓޫރިޒަމަށް ރަށްތައް ކުއްޔަށް ދޫކުރުން ފަދަ މުޅި ދައުލަތުގެ މަސްލަހަތާ ގުޅޭ ބޮޑު ޒިންމާއެއް ފެށީ އޭގެ ތިން އަހަރު ފަހުން، ޔާމީންގެ ވެރިކަމުގައި 2014 ގަ އެވެ. އެކަން އެގޮތަށް ކުރަން ފެށީ، އޭސީސީގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ޔާމީނާ އެކު މަޝްވަރާކޮށް، އެމްއެމްޕީއާރުސީގެ މެންޑޭޓް ވެސް ބަދަލުކޮށްގެންނެވެ.

ރަށްތައް ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއާ ހަވާލުކުރީ، އެ ކުންފުނީގެ ހިއްސާ އޮންނަ ގޮތަށެވެ. އެކަމަކު އެމްއެމްޕީއާރުސީން އެ ރަށްތައް ވިއްކާލީ ރަށް ތަރައްގީކުރުމުގައި އެ ކުންފުނީގެ ހިއްސާ ނޯންނަ ގޮތަށެވެ. ޓޫރިޒަމް މިނިސްޓްރީއާ އެކު ވީ އެއްބަސްވުމާ އެމްއެމްޕީއާރުސީން ޚިލާފުވަނީ އެ ހިސާބުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގި ފަހުން، ޖުލައި، 1، 2016 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިލް ވިދާޅުވެފައި ވަނީ، ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރަން ޖެހެނީ އާއްމުކޮށް އިއުލާން ކޮށްގެން ކަމަށް ޓޫރިޒަމްގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި އޮތަސް ސަރުކާރު ބައިވެރިވާ ގޮތަށް ބިޑްނުކޮށް ދެވިދާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެ އުސޫލް އެންމެ ކުރިން ފެށިގެން ވެސް ބޭނުންކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަން ފާހަގަކުރައްވައި، ޖޭވީ މޮޑެލް ހަދައިގެން 2005 ވަނަ އަހަރުން ފެށިގެން ވެސް ރަށްތައް ދޫކޮށްފައިވާ ކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.

އޭގެ ތެރޭގައި، އެމްޓީޑީސީ އުފައްދައި އެ ކުންފުންޏަށް ދޫކުރި ރަށްތަކާއި ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމަށް 2008 ގައި ދޫކުރި ރަށްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރަށްތައް ދޫކުރުމާ ގުޅޭގެ ލަފާގެ އިތުރުން އެމްއެމްޕީއާރުސީއަށް ވަންނަން ޖެހޭ ފައިސާ އަދީބާ ހަވާލުކުރުން މައްސަލައެއް ނޫން ކަމަށް އަނިލް ވިދާޅުވި ކަަމަށް ވެސް އޭނާ އަށް ތުހުމަތު ކުރެ އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލައި ކޯޓުގައި ހިނގާ މަނީ ލޯންޑަރިންގެ ދައުވާގައި، ހެކި ބަސް ދެއްވަމުން އެ ތުހުމަތު ކުރެއްވީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.

ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވަމުން ޒިޔަތު ކްރިމިނަލް ކޯޓުގައި ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކުން ދައުލަަތަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއްގެ ޗެކްތައް، ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާ ހަވާލުކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް ކުރާ ކަމަކަށްވާތީވެ، އެކަން ގޮތަށް ކުރިއަށް ގެންދަން އަނިލް ވިދާޅުވި ކަމަށެވެ.

ޒިޔަތު މިގޮތަށް ވިދާޅުވީ، ރަށްތައް ދޫކޮށް ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގި އިރު ބަންޑާރަ ނައިބުގެ ލަފައަކީ ކޮބައިތޯ ޝަރީއަތުގައި ޔާމީން ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.

އެކަމަކު އަނިލް އެހެން ވިދާޅުވީ ލިއުމަކުން ނޫން ކަމަށާއި ބައްދަލުވުމެއްގެ ތެރެއިން ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް އެނގިވަޑައިނުގަންނަވާ ކަަމަށް އޭސީސީގެ އަނިލް ތަހުގީގުގައި ކުރިން ވިދާޅުވެފައިވާ އިރު އޭނާ އަކީ އޭރު އެމްއެމްޕީއާރުސީގައި ޒިޔަތުގެ އޮފީސް ކޮޓަރިއަށް އިނގިލީގެ ނިޝުން އެކްސެސްވެވޭ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެކެކެވެ. ނުއަގުގައި ރަށްތައް ވިއްކި ގޮތާއި ދައުލަތުގެ ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލާއި ހިޔާނާތް ރޭވި ކޮޓަރި އާއި އެތަނަށް ވެންނެވުމުގެ ހުއްދަ އޮތް މީހުންގެ މައުލޫމާތު ވެސް އޭސީސީގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ތަހުގީގީ އިދާރާތަކުން އިއްޔެ ބުނިގޮތުގައި ޚިޔާނާތް ހިނގި ގޮތް ބަލައި ތުހުމަތު ކުރެވޭ މީހުންނާ ސުވާލުކުރާ އިރު އެކެއްގެ ގާތުން ވެސް އޮޅުންފިލުވަން ޖެހޭ ކަމެއް ދޫކޮށެއް ނުލާނެ އެވެ. ޚިޔާނާތުގެ ތަހުގީގުން 270 އަށް ވުރެ ގިނަ ނަން ފާހަގަވެފައިވާ އިރު އެ މީހުންގެ އިތުރުން ދައުލަތުގެ މުއައްސަސާގައި ތިބެ އިހުމާލުވީ މީހުންނާ ވެސް ސުވާލުކުރާނެ ކަމަށް ތަހުގީގީ އިދާރާތަކުން ބުނެ އެވެ.