Roadha Mihaaru
އިންތިގާލީ އިންސާފު:ދައުލަތް ވެސް ޒިންމާކުރުވަނީ

އިންތިގާލީ އިންސާފު: އެންމެ ފަހުން ދައުލަތް ވެސް ޒިންމާކުރުވަނީ

06 ނޮވެމްބަރ 2019

ސޯޝަލް މީޑިއާގައި ސަރުކާރާ ދެކޮޅަަށް ފާޅުކުރާ އާދައިގެ ޚިޔާލެއްގެ ސަބަބުން ވެސް ތުހުމަތުތަކެއްކޮށް، ހައްޔަރުކުރަނީ އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތަސް، ކޮންމެވެސް ސަބަބެއް "ދެއްކުމަށް ފަހު" އެތައް ދުވަހެއް ވަންދެން ބަންދުގައި ބަހައްޓައި، ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ބުނެ ބަންދުން ދޫކޮށްލަނީ އެވެ. ކުރެވުނު ކުށެއް ނެތި ވަޒީފާއިން ވަކިކުރަނީ ހަމައެކަނި ސަރުކާރާ ދެކޮޅު ފިކުރު މީހަކަށް ވީތީ އެވެ. އެވަރު ނުކުރެވޭ ނަމަ، މަގާމު ދަށްކޮށް ނުވަތަ އާއިލާއާ ދުރު ހިސާބަކަށް ވަޒީފާ އަދާކުރަން ފޮނުވާލަނީ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސޯޝަލް މީޑިއާގައި ސަރުކާރާ ދެކޮޅަަށް ފާޅުކުރާ އާދައިގެ ޚިޔާލެއްގެ ސަބަބުން ވެސް ތުހުމަތުތަކެއްކޮށް، ހައްޔަރުކުރަނީ އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތަސް، ކޮންމެވެސް ސަބަބެއް "ދެއްކުމަށް ފަހު" އެތައް ދުވަހެއް ވަންދެން ބަންދުގައި ބަހައްޓައި، ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ބުނެ ބަންދުން ދޫކޮށްލަނީ އެވެ. ކުރެވުނު ކުށެއް ނެތި ވަޒީފާއިން ވަކިކުރަނީ ހަމައެކަނި ސަރުކާރާ ދެކޮޅު ފިކުރު މީހަކަށް ވީތީ އެވެ. އެވަރު ނުކުރެވޭ ނަމަ، މަގާމު ދަށްކޮށް ނުވަތަ އާއިލާއާ ދުރު ހިސާބަކަށް ވަޒީފާ އަދާކުރަން ފޮނުވާލަނީ އެވެ.

ސުލްހަވެރި އެއްވުންތަކުގައި ސަލާމަތީ ބާރުތަކުން އެކަށީގެންނުވާ ބާރު ބޭނުން ކުރުމުން ވަގުތީ ނުވަތަ ދާއިމީ ގޮތުން ތަހައްމަލު ކުރަން ޖެހޭ އަނިޔާ ލިބުނު މީހުން ވެސް އެބަ ތިއްބެވެ. ދައުލަތުގެ މުއައްސަސާތަކުން ވަކިވަކި ރައްޔިތުންނާ ދެކޮޅަށް ހިންގާފައި ހުރި ކަންކަމުގެ މިއީ ކުޑަ މިންވަރެކެވެ. އެކަމަކު މިހާތަނަށް ވެސް ނުކުރެވި އޮތް ކަމަކީ މިފަދަ ކަންކަމުގެ ސަބަބުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކުރިމަތިވި ގެއްލުންތަކަށް އިންސާފު ހޯދޭނެ ނިޒާމުތަކެއް ގެނައުމެވެ. ސަރުކާރު ބަދަލުވުމާ އެކު، މަޝްހޫރު ބޭފުޅުންނަށް "އިންސާފު" ލިބުނަސް، އާދައިގެ އާންމު ރައްޔިތުންނަށް އަދިވެސް އޮތީ އެ ހަނދާންތައް ނައްތާލުމެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އަދާލަތުގެ ބިލަކީ އެކަންކަމަށް ފުރުސަތުތަކެއް ހުޅުވައިދޭނެ މަގެކެވެ. ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެތަންތަނުގައި ބާރު ހިނގާ އިސް ބޭފުޅުން އިންސާނީ ހައްގުތަކާ ޚިލާފަށް ހިންގާފައި ހުރި ބޮޑެތި އަމަލުތައް ބެލުމާއި އޭގެ ހަގީގަތާ ހަމައަށް ވާސިލްވެ، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަކީ އެ ބިލުގެ ބޭނުމެވެ.

މީގެ ކުރިން ދައުލަތުގެ ވަޒީފާތަކުގައި ތިބެގެން ވަކިވަކިން ހިންގި އަމަލުތަކުގެ މައްސަލަތައް ނުވަތަ ވަކި ޚާއްސަ ކަމަކާ ގުޅިގެން ކޮމިޝަންތައް އުފައްދައިގެން ތަހުގީގުތައް ހިންގާފައި އެބަ ހުއްޓެވެ. އެކަމަކު މިއީ ސީދާ ވަކި ހާދިސާއަކަށް ނުވަތަ ކަމަކަށް ނިސްބަތް ކުރުމެއް ނެތި، ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެފަދަ މުއައްސަސާތަކުގެ ވެރިން ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފް އަމަލުތައް ބެލުމަށް ރާއްޖޭގައި ނިޒާމެއް އެކުލަވާލާ ފުރަތަމަ ފަހަރެވެ. އިންތިގާލީ އިންސާފު (ޓްރާންސިޝަނަލް ޖަސްޓިސް) އަކީ ރާއްޖެއަށް އާ ނިޒާމެއް ކަމަށް ވިޔަސް، ބައިނަލްއަގްވާމީ ފެންވަރުގައި މިހާރު ވެސް މި ނިޒާމު ބޭނުން ކުރެ އެވެ.

އިންތިގާލީ އަދާލަތުގެ ބިލް އޮތް ގޮތުން އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ މައްސަލަތައް ބަލައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމުގައި އެންމެ އިސް ދައުރު އަދާކުރާނީ ބިލުގެ ދަށުން އެކުލަވާލާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހުންނެވެ. ރައީސް އައްޔަން ކުރައްވާ ތިން މެމްބަރުން ހިމެނޭ އޮމްބަޑްސްމަންގެ އޮފީހަކީ ރައީސް އެހެން ގޮތަކަށް ކަނޑަނާޅުއްވާހާ ހިނދަކު، ދެ އަހަރުގެ ތެރޭގައި މަސައްކަތްތައް ނިިންމުމަށް ފަހު އުވިގެންދާ ގޮތަށް އެކުލަވާލާ އޮފީހެކެވެ.

އެ ބިލް އޮތް ގޮތުން އޮމްބަޑްސްމަންގެ އޮފީހުގެ ބާރު ހިނގާނީ ޖެނުއަރީ، 2012 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހާ ހަމައަށެވެ. މިއީ މި ބިލުގައި މައްސަލަ ބޮޑުވެގެންދާނެ ހިސާބެއް ކަމަށް ބެލެވޭ ކަމެކެވެ. ސަބަބަކީ އެމްޑީޕީގެ ކުރީގެ ވެރިކަން ނިމުނު ދުވަސްވަރުން ފެށިގެން ހިނގާފައި ހުރި ކަންކަމަށް އެ ބިލް އަމާޒުކޮށްފައި އޮތުމުން ސިޔާސީ ގޮތުން ވަކި ބަޔަކަށް އެ ބިލް އަމާޒުކުރާ ކަމުގެ ތުހުމަތު ކުރެވުމެވެ.

އިންސާނީ ހައްގުތައް ނިގުޅައިގަތުން އެ ބިލްގައި އޮތީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފަ އެވެ. ގާނޫނު އަސާސީން ލިބިދޭ ކޮންމެ އަސާސީ ހައްގެއް ވެސް ނިގުޅައިގެންފައިވާ ނަމަ، އެއީ އެ ބިލްގެ ބޭނުމަށްޓަކައި އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށް ބެލެވޭނެ އެވެ. މާނައަކީ ގާނޫނާ ޚިލާފަށް ހައްޔަރު ކުރުން ނުވަތަ ބަންދު ކުރުން އެކަންޏެއް ނޫނެވެ. ނުހައްގުން ވަޒީފާއިން ވަކިކުރުމާއި ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ވަޒީފާ އަދާކުރުން ހަނިކުރުން ފަދަ ކަންކަމަށް ވެސް އެ ބިލް އޮތް ގޮތުން ފަރުވާ ލިބިގެންދާނެ އެވެ. ނަމަވެސް އެއީ ދައުލަތުގެ މުއައްސަސާއެއްގެ ވެރިންތަކެއް ނުވަތަ މުއައްސަސާއަކުން ރާވައިގެން ނިޒާމީ ގޮތެއްގައި ހިންގި އަމަލަކަށް ވާން ޖެހެ އެވެ.

ބަންޑާރަ ނައިބު ރިފްއަތު: އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބޭނެ ބިލެއް ވަނީ ތައްޔާރުކުރަައްވާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު

ބަންޑާރަ ނައިބު ރިފްއަތު: އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބޭނެ ބިލެއް ވަނީ ތައްޔާރުކުރަައްވާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު

އޮމްބަޑްސްމަންގެ އޮފީހަށް ބޮޑެތި ބާރުތަކެއް ލިބިގެންދެ އެވެ. އެ އޮފީހުން ހިންގާ ތަހުގީގުތަކުގައި މީހުން ހާޒިރުކުރުމާއި ހެކިބަސް ނެގުމާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ހޯދުން ފަދަ ބާރުތައް އެ އޮފީހަށް ލިބިގެންދާނެ އެވެ. އަދި މިހާރު ހުރި ރިޔާސީ ކޮމިޝަންތަކެކޭ އެއްގޮތަށް ކޯޓު އަމުރު ހޯދުން ފަދަ ބާރުތައް ވެސް އެ ބިލް އޮތް ގޮތުން އެ އޮފީހަށް ލިބެ އެވެ.

އެ ބިލުގައި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި އޮތް އެއް ކަމަކީ އެ އޮފީހުގެ ބާރު ހިނގާ މައްސަލަތަކުގެ ތެރެއިން އެހެން މުއައްސަސާތަކުން ގޮތް ނިންމާފައި ހުރި މައްސަލަތައް ވެސް ވަކި ހާލަތްތަކެއްގައި އަލުން ބެލުމުގެ ބާރު އޮތުމެވެ. އެކަމަކު ރިޔާސީ ކޮމިޝަންތަކުން މިހާރު ބަލާ އެއްވެސް މައްސަލައެއް އޮމްބަޑްސްމަންގެ އޮފީހަކަށް ނުބެލޭނެ އެވެ.

އޮމްބަޑްސްމަންގެ އޮފީހުން ބަލާ މައްސަލަތަކުގައި އެހެން އިދާރާތަކުން ހިންގާފައިވާ ތަހުގީގުތަކުގެ މައުލޫމާތު ހޯދުމުގެ ބާރު ލިބޭއިރު، އެ އޮފީހުގެ ތަހުގީގަކަށް ނުވަތަ މަސައްކަތަކަށް ހުރަސް އަޅާ ކޮންމެ މީހެއްގެ މައްސަލަ ބަލަން ފުލުހުންނަށް އެންގުމުގެ ބާރުގެ އިތުރުން އެ އޮފީހުގެ އެންގުމަކަށް އިންކާރުކުރާ ދައުލަތުގެ މުއައްސަސާތަކާ މެދު ވެސް ފިޔަވަޅު އެޅުމުގެ ބާރު ލިބިދެ އެވެ. އަދި ތަހުގީގަށް ފަހު ޖިނާއީ ދައުވާއެއް ކުރަން ޖެހޭ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި މަދަނީ ދައުވާ ކުރަން ޖެހޭ މައްސަލަތަކުގައި ދައުވާ ކުރަން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވަން ޖެހޭނެ އެވެ.

ތަހުގީގު ނިމޭއިރު، ނިޒާމީ ސިފައެއްގައި އިންސާނީ ހައްގެއް ގެއްލުވާލާފައިވާ ކަމަށް އޮމްބަޑްސްމަންގެ އޮފީހަށް ފެނިއްޖެ ނަމަ ހައްގު ގެއްލުނު މީހާއަށް ބަދަލު ދިނުމަށް ނިންމުމުގެ އިހްތިޔާރު އޮމްބަޑްސްމަންގެ އޮފީހަށް އެ ބިލުގެ ދަށުން ލިބިގެންވެ އެވެ. އެ ބިލް އޮތް ގޮތުން ދެ ބާވަތެއްގެ ބަދަލެއް އަނިޔާ ލިބުނު ފަރާތަށް ނަގައި ދެވިދާނެ އެވެ. އެއީ މާލީ ބަދަލާއި މާލީ ނޫން ބަދަލެވެ.

މާލީ ބަދަލެއް ނަގައި ދެވޭނީ އަނިޔާ ލިބުނު މީހާއަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން އެކަމުގެ ސަބަބުން މާލީ ގެއްލުމެއް ލިބި ނުވަތަ މާލީ ޚަރަދެއް ކުރަން ޖެހިފައިވާ ނަމަ އެވެ. މިސާލަށް ވަޒީފާ އަދާކުރަމުން ދަނިކޮށް އޭނާގެ އިންސާނީ ހައްގެއް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާނުކުރެވި ދިޔަ މުއްދަތަށް ވާ މުސާރައާ އެއްވަރުގެ ބަދަލެއް ދިނުމެވެ.

ހައްގެއް ހިފެހެއްޓުމުން ނުވަތަ ނިގުޅައިގަތުމުން ލިބުނު އަނިޔާއެއްގެ ސަބަބުން ލިބޭ ސިއްހީ ގެއްލުންތަކަށް ވެސް އެ ބިލް އޮތް ގޮތުން ބަދަލު ނަގައި ދެވިދާނެ އެވެ. އެފަދަ އަމަލެއްގެ ސަބަބުން މާއްދީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ހަށިގަނޑަށް ލިބިފައިވާ ގެއްލުމެއް އޮތް ނަމަ ނުވަތަ އެފަދަ ކަމެއްގެ ސަބަބުން އާންމު ދިރިއުޅުމެއް އުޅުމަށް ކުރިމަތިވެފައިވާ ހުރަސްތަކަށް ބަލައި ވެސް އެ ބިލް އޮތް ގޮތުން ބަދަލު ނަގައި ދެވިދާނެ އެވެ. ނަމަވެސް ހުށަހެޅޭ ހެކިތަކަށް ބަލައި، ބަދަލު ނަގައިދެވޭނީ ކިހާ މިންވަރަކަށް ކަން ނުވަތަ ނަގައި ދެވޭނެ ބަދަލުގެ ބާވަތް ކަނޑައަޅާނީ އޮމްބަޑްސްމަންގެ އޮފީހުންނެވެ.

މިހާ ހިސާބުން މި އަންނަނީ ވިސްނާލަން ޖެހޭ މައްސަލައެކެވެ. އެއްވެސް ފަރާތަކަށް ނުހައްގުން ދޭ ކޮންމެ ގެއްލުމެއްގެ ބަދަލު އެއީ އަނިޔާ ލިބޭ ފަރާތަށް ލިބެން ޖެހޭ އެއްޗެކެވެ. ދައުލަތް ވިޔަސް، މި އުސޫލުން އިސްތިސްނާއެއް ނުކުރެވޭނެ އެވެ. އެކަމަކު ބަދަލު ދޭއިރު އެއީ ހަމައެކަނި ދައުލަތުން ޒިންމާވާން ޖެހޭ އެއްޗަކަށް ހަދަންވީތޯ މިއީ ވިސްނާލަން ޖެހޭ މައްސަލައެކެވެ.

އެކި ފަރާތްތަކާ ހަވާލުކުރި މަޝްރޫއުތަކުގެ އެއްބަސްވުން ގާނޫނާ ޚިލާފަށް ބާތިލްކުރުމުން އޭގެ ބުރައިން ދައުލަތް އަދިވެސް މި އޮތީ ސަލާމަތް ނުވެވިފަ އެވެ. އެކަމަކު ބާރުވެރި މަގާމުތަކުގައި ތިބެގެން ދައުލަތް ނިވައިފަތްގަނޑަކަށް ހަދައި ގާނޫނާ ޚިލާފަށް އަމަލުކުރި ފަރާތްތައް އަދިވެސް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ނެތެވެ.

ނަތީޖާއަކަށް ވެފައި މިއޮތީ އަލަށް އަންނަ ކޮންމެ ސަރުކާރެއް ވެސް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކުރީގެ ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ކަންކަމަށް ބިލިއަން ރުފިޔާގެ އަދަދުތަކުން ބަދަލު ދޭން ޖެހުމެވެ. އެހެންވެ، އިންތިގާލީ އިންސާފުގެ ނިޒާމާ އެކު އަނެއްކާވެސް ބޮޑު ބުރަތަކެއް އުފުލޭނެ ފެންވަރު ދައުލަތުގައި އެބަހުރިތޯ ވިސްނާލަން ޖެހެ އެވެ.

އެ ބިލް އޮތް ގޮތުން އޮމްބަޑްސްމަންގެ އޮފީހުން ތަހުގީގު ނިންމުމަށް ފަހު ޝަރުއީ މަރުހަލާއަށް ދާން ޖެހޭ މައްސަލަތައް ކުރު މުއްދަތެއްގެ ތެރޭގައި ނިންމަން ލާޒިމްކުރެ އެވެ. އޮމްބަޑްސްމަންގެ އޮފީހުން ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ނުވަތަ ބަންޑާރަ ނައިބުގެ އޮފީހަށް މައްސަލަ ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ލާޒިމްވާއިރު، ދައުވާކުރާ މައްސަލަތައް ކޯޓަށް ހުށަހެޅޭތާ 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެކަމަކު ކޯޓުގެ ބާރު ނުފޯރާ ހާލަތެއް މެދުވެރިވުމުން މައްސަލަ ލަސްވާ މުއްދަތަށް އިސްތިސްނާ ލިބެ އެވެ.

މީގެ އިތުރުން އެފަދަ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ލާޒިމްކޮށް ހައި ކޯޓާއި ސުޕްރީމް ކޯޓަށް އެފަދަ މައްސަލަތައް ނިންމަން ލިބެނީ ކޮންމެ މަރުހަލާއަކަށް ވެސް 30 ދުވަހުގެ މުއްދަތެކެވެ.

އިންތިގާލީ އިންސާފުގެ ނިޒާމެއް އޭގެ ޒާތުގައި މުހިންމުވާ ސަބަބުތަކެއް އެބަ ހުއްޓެވެ. ރައްޔިތުންނާ ދެކޮޅަށް ދައުލަތުން ހިންގާފައި ހުރި ކަންކަން ބެލުމުގައި ވަކި ބަޔަކު އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ވެސް ފަސޭހައިން އިންސާފު ލިބޭނެ މަގެއް އޮންނަން ޖެހެ އެވެ. އެކަމަކު އެއީ އަނެއްކާވެސް ދައުލަތަށް ކުރިމަތިވާ ނުއުފުލޭ ވަރުގެ ބޮޑު މާލީ ބުރައަކަށް ވެސް ވެ އެވެ.